އިސްލާމިކް މިނިސްޓްރީ

ޔޯގާއާ ގުޅޭ ސިޓީ ފޮނުވީ އޮޅުވާލައިގެން، ތުހުމަތު މުވައްޒިފަކަށް

Jun 27, 2022
15

ޔޯގާއާމެދު އިސްލާމީ ބޮޑެތި އިލްމުވެެރިންނާއި ގައުމުތަކުގެ ފަތުވާ މަޖިލީސްތަކުގެ ނިންމުން ބަޔާންކޮށްދީ ޔޯގާއާ ގުޅޭ ހުރިހާ ހަރަކާތްތަކެއް ހުއްޓުވަން އަންގާ އިސްލާމިކް މިނިސްޓްރީން ދިވެހި ފުލުހުންގެ ހިދުމަތަށް ސިޓީ ފޮނުވީ އޮޅުވާލައިގެން ކަން ހާމަވެއްޖެ އެވެ. އެކަން ކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ސީނިއާ މުވައްޒިފެކެވެ.

އަވަސްއަށް މައުލޫމާތު ދެމުން އެކަން އެނގޭ ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އިސްލާމިކް މިނިސްޓްރީގެ ސިޓީއަކީ މީގެ ހަ މަސް ދުވަސް ކުރީން ލިޔެފައި އޮތް ސިޓީއެއް ކަމަށާ އެ ސިޓީ މިނިސްޓްރީން ލިޔެފައި ވަނީ ޔޯގާއާ ގުޅޭގޮތުން އޭރު ހުށައެޅުނު ޝަކުވާތަކެއް ބެލުމަށް ފަހު އެވެ. އަދި އެ ސިޓީއަކީ މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އޮތް ހަރަކާތާއި ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށް އެނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޔޯގާއާ ގުޅިގެން އެ މިނިސްޓްރީން ތައްޔާރު ކުރި ސިޓީ ފޮނުވަން ނުފެންނަ ކަމަށް މިނިސްޓަރަށް ދެންނެވުމުން އެގޮތް މިނިސްޓަރަށްވެސް ފެނިވަޑައިގަތުމުން ސިޓީ ނުފޮނުވާ ބޭއްވީ ކަމަށާ، އެއީ ހުށައެޅި ޝަކުވާތަކަށް ބެލުމުން ޔޯގާ ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނެތުމުން ކަމަށެވެ.

އަދި އެ ސިޓީގައި އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޑިރެކްޓަރު ހިޝާމް އަހުމަދު ލައްވާ ސޮއިކުރުވީ މިނިސްޓްރީގެ އިސްލާމިކް އެފެއާޒް ޑިވިޝަންގެ އެކްޓިން ޑިރެކްޓަރު އައްޝައިހާ ތަލްސޫމާ އަހުމަަދު ކަމަށާ އެކަން އޭނާ ކުރުވީ ދޮގު މައުލޫމާތު ދީގެން ކަމަށެވެ.

އޭނާ ވިދާޅުވީ ސިޓީގައި ހިޝާމް ސޮއިކުރެއްވި ދުވަހު ތަލްސޫމާ ތިން ސިޓީއެއްގައި ސޮއިކުރުވަން ގެނައި ކަމަށެވެ. ނަމަވެސް މީގެ ހަ މަސް ކުރީން ފުލުހަށް ފޮނުވަން ނުފެންނަ ކަމަށް ނިންމާފައި އޮތް ސިޓީގައި ހިމެނޭ އިބާރާތްތައް ހިމަނައިގެން އައު ސިޓީއެއް ގެނައީ ކީއްވެގެންތޯ ސުވާލު ކުރުމުން، އެއީ މިނިސްޓަރު ވިދާޅުވެގެން އަލުން އެ ސިޓީ ފޮނުވަން ކަމަށް ތަލްސޫމާ ވިދާޅުވެ ދޮގު މައުލޫމާތު ދިން ކަަމަށެވެ.

މެޑިޓޭޝަންގެ ޔޯގާ ކުރި ނަމަވެސް އެއީ އިސްލާމް ދީނުގައި ހަރާމްކަމެއް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީ އިން ފުލުހުންނަށް ފޮނުވި ސިޓީ އަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހާ ގުޅިގެން ފޮނުވި ސިޓީއެއް ނޫން ކަމަށް މިނިސްޓްރީ އިންވެސް މިއަދު ވަނީ ބުނެފައެވެ. އަދި އެ ސިޓީގައި ހިމެނޭ ފަތުވާ ނެރެފައި ވަނީ އެ މިނިސްޓްރީގައި އެފަދަ ކަންކަން ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

"ޔޯގާގެ ޝަރުއީ ހުކުމާމެދު ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ތަފްސީލީ ފަރުވާއެއް ހޯދުމަށްފަހު އާންމުކުރެވޭނެ ވާހަކަ ދަންނަވަން،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.