ހިންދޫ ދީނުގެ ހަރަކާތެއް މާލޭގައި ކުރިއަށް ގެންދިއުމަށް އިޝްތިހާރުކޮށް މާލެ އައި ފާދިރީއެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ މިއަދު ވިދާޅުވީ މާލޭގެ ހޮޓަލެއްގައި "ސްޕިރިޗުއަލް ހީލާ"އެއްގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފް އަމަލުތަކެއް ހިންގަން އިޝްތިހާރު ކުރާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެ މައުލޫމާތު ލިބިގެން އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ފުލުހުން އިދާރާއަށް ވަނީ ހުށަހަޅާފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުން ވަނީ މި މީހާ ހުރި ހޮޓެލުން ނެރެގެން ފުލުހުންގެ ކާރެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިންޑިއާގެ ފާދިރީ ޑރ. ގަނޭޝް ޑުބޭ ކިޔާ މީހަކާއި އިތުރު މީހަކު މާލެ އައިސް ތިބީ ހެންވޭރުކޮޅުގައި އުނީމާ ގްރޭންޑް ހޮޓެލް ގައެވެ.
އެ ހޮޓެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހޮޓަލަށް ޗެކިންވި ދެ މީހަކު އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން ހޮޓަލުން ނެރެފައިވާ ކަމަށެވެ. އަދި މި ދެ މީހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްތަކަކީ ހޮޓަލާ ގުޅުންހުރި ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.
އިންޑިއާ ފާދިރީ އޭނާގެ ސެޝަންތައް ބާއްވާ ތަނަކާއި ދުވަސް ބުނެފައެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހުން ފެށިގެން މި ސެޝަންތައް ދާކަމަށް ބުނެފައިވެ އެވެ.
މައްސަލަ ފެންމަތިވުމާ އެކު ސޯޝަލްމީޑިއާގައި އެތައް ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފަ އެވެ.