ޖުމްހޫރީ ޕާޓީ

"ތައްޔާރު" ނަމުގައި ޖޭޕީގެ ޖަލްސާއެއް

"ތައްޔާރު" މި ނަމުގައި ޖުމްހޫރީ ޕާޓީގެ ހާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒުގައި ކަމަށް އެ ޕާޓީން ބުންޏެވެ.

ޖުމްހޫރީ ޕާޓީން ބުނީ މި ޖަލްސާގައި އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

"ތައްޔާރު" މި ނަމުގައި ޖަލްސާއެއް ބޭއްވުމަށް ޖޭޕީން އިއުލާނު ކޮށްފައި މިވަނީ ސިޔާސީ މަސްރަހުގެ އޮއިވަރު ބަދަލުވެ 2023 ގެ ރިޔާސީ ރޭސް ފެށިފައި ވަނިކޮށެވެ. ދެވަނަ ދައުރަކަށް ތައްޔާރަށް ހުންނެވި ކަމަށް އިއުލާނު ކުރައްވާ ރައީސް ސޯލިހް އެންމެ ފުރަތަމަ ބައްދަލު ކުރެއްވީވެސް ގާސިމް އިބްރާހިމްއާއެވެ. ނަމަވެސް ބައްދަލްވުމުގައި ރިޔާސީ އިންތިހާބުގެ ވާހަކަ ނުދެކެވޭ ކަމަށް ދެ ބޭފުޅުންގެ އަރިސް ބޭފުޅުން ވިދާޅުވިއެވެ.

ހަރަކާތްތައް ވަރަށް ބޮޑަށް މަޑުޖެހިފައި އޮތުމަށް ފަހު ޖުމްހޫރީ ޕާޓީން ވަނީ އަލުން ސިޔާސީ މަސައްކަތް އިތުރުކުރަން ފަށާފައެވެ. ޖުމްހޫރީ ޕާޓީއަކީ މި ފަހުން ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައިވެސް އެންމެ ޑިމާންޑް ބޮޑު ޕާޓީ އެވެ. 2008 ގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓްގައި ގާސިމް ވާދަ ކުރެއްވިއެވެ. އަދި 2013 ގެ އިންތިހާބުގައިވެސް ގާސިމް ވާދަ ކުރެއްވިއެވެ. އިންތިހާބުން ކާމިޔާބު ލިބިވަޑައިނުގެންނެވި ނަަމަވެސް 2008 ގެ އިންތިހާބާއި 2013 ގެ އިންތިހާބާއި 2018 ގެ އިންތިހާބު ކާމިޔާބު ކުރުމުގައިވެސް ގާސިމް އާއި ޖުމްހޫރީ ޕާޓީގެ ދައުރު ވަރަށް މުހިންމު ވިއެވެ. ތިން ސަރުކާރުގައިވެސް ޖުމްހޫރީ ޕާޓީގެ ބޮޑު ހިއްސާއެއް އޮތެވެ.