އެމްޓީސީިސީގެ "ހުނަވަރު" ޕްރޮގްރާމް ފުރިހަމަކުރި 52 މީހަކަށް އެ ކުންފުނިން ވަޒީފާ ދީފި އެވެ.
ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް އެމްޓީސީިސީން ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމެކެވެ.
އެމްޓީސީސީން ވަޒީފާ ދިން 52 މީހުންނަކީ މިދިޔަ އަހަރު އެ ކުންފުނިން ފެށި ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވެ ތިން މަސް ދުވަހުގެ ތަމްރީން ފުރިހަމަކޮށްފައިވާ ބައެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ކޮންމެ މަހަކު ވެސް 5،000 ރުފިޔާގެ އެލަވަންސެެއް ދޭއިރު މި ޕްރޮގްރާމުގައި މިހާރު ވެސް 32 މީހަކު ދަނީ ބައިވެރިވެ ތަމްރީންވަމުންނެވެ.
ވަޒީފާ ދިން މީހުންނަކީ އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ސުޕަވައިޒަރުންގެ ގޮތުގައި ތަމްރީން ކުރި މީހުންނާއި ބަސް ޑްރައިވަރުން ތަމްރީންވެ ލައިސަންސް ހޯދި މީހުންނާ އަދި ކަނޑު އުޅަނދު މަރާމާތުކުރުމުގެ ތަމްރީން ހޯދި މީހުންނެވެ.
އެމްޓީސީސީގެ "ހުނަވަރު" ޕްރޮގްރާމް ފުރިހަމަ ކުރި މީހުންނަށް ވަޒީފާ ހަމަޖައްސައިދީ އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މިރަސްމިއްޔާތުގައި އާޒިމް ވިދާޅުވީ ހުނަވަރު ޕްރޮގްރާމަކީ އެމްޓީސީސީގެ ވަޒީފާ ތަކަށް ތަޖުރިބާ ހުރި ދިވެހިން ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި ބަސް ޑްރައިވަރުންގެ ގޮތުގައި ތަމްރީން ކުރި ހަތަރު މީހަކުވެސް ހިމެނެ އެވެ.
"އަމަލީ މައިދާނުގައި ކުރަންޖެހޭ ބައެއް ކަހަލަ މަސައްކަތްތައް ކުރަން ބައެއް މީހުން ފަސްޖެހޭ. އެއީ އަޅުގަނޑުމެން ބަދަލުކުރަން ޖެހޭ ކަމެއް. ކޮންމެ މަސައްކަތަކީވެސް ރީތި މަސައްކަތެއް. ކެރިގެން ނިކުތުން އޮތީ،" އާޒިމް ވިދާޅުވި އެވެ.