( 26 ޖޫން 2022 އާ ގުޅޭ )
"ފަހު އަހަރު ދޯ" ދައްޔާނު އަހާލިއެވެ. އެއާއެކު މަލަކް ބޯޖަހާލީއެވެ.
"ލައިފް ކިހިނެއް؟." ދައްޔާނު އަހާލިއެވެ.
"އޯކޭ. ދައްޔާނުގެ ލައިފް ކިހިނެއް؟. ރެސްޓޯރެންޓުން އެރޭ އެ ފެނުނީ ޔޫގެ ގާލްފްރެންޑްތަ؟." މަލަކްގެ ހިތުގައި އޮތް ސުވާލު ބޭރުކޮށްލިއެވެ.
"ކޮންރެޔަކު؟." ވިސްނާލި ފަދައިން ދެބުމަ ކައިރިކޮށްލައިގެން އިނދެ ދައްޔާނު އަހާލިއެވެ.
"ސެފްރޯން ބުޓިކްއިން... ގްރީން ހެދުމެއްލާފަ ހުރީ." ރެސްޓޯރެންޓުގަ ނަމާއި އެރޭ ދައްޔާނާއެކު ހުރި އަންހެންކުއްޖާ ލާފައި ހުރި ހެދުމުގެ ކުލަ ބުނެލިއެވެ.
"ދެން އަހަރެން ލާފަ ހުރީ." ސަމާސާގެ ހިންޏެއް އައިސް އިނދެ ދައްޔާނު އަހާލިއެވެ. މަލަކް ވަގުތުން ރަކިވިއެވެ. ނޫންގޮތަކަށް ދައްޔާނު ދުރުން ފޮނުވާލި ބަހުގެ ހަމަލާއެކޭ މަލަކްގެ ހިތް ބުނެލިއެވެ. ދައްޔާނު އިޝާރާތް އެކުރަނީ އޭނާއާއި އެ އަންހެންކުއްޖާއަށް މަލަކް ދިން ސަމާލުކަމަށެވެ. އޭގެ ދެ މީހުންނަށް ވަރަކަށް މަލަކް ބަލާލައިފިކަމެވެ. ހަމައެއާއެކު އޭނާގެ ގަސްދަކީ މަލަކް ކުރި ސުވާލު އޮއްބާލުން ބާއެވެ. ދައްޔާނަށް ވެސް އޭނާ ދިން ރައްދުގެ ސަބަބުން މަލަކްއަށް ވީ ގޮތް ފެނުނެވެ. އެއްމިޔަކަނުން ތުންފަތް ދެމިލަން އުޅުނު ހިނދު އެކަން ދައްޔާނު ހުއްޓުވިއެވެ.
"ލޯބިވެރިޔެއް ނުހުރޭ." މަލަކް ހިމޭންވެލި ގޮތުން އިތުރު ވާހަކައެއް ނުދައްކަފާނޭ ހީވެ ދައްޔާނު ވާހަކަދެއްކިއެވެ. ނަމަވެސް އިތުރަށް އެ މައުޟޫޢުއަށް ވާހަކަދައްކާކަށް މަލަކް ގަސްދެއް ނުކުރިއެވެ.
"ކޮލެޖުން ނުފެންނަން ފެށީ ވަކިވީމަތަ." މާޒީގެ ތެރެއަށް މަލަކް ފީނާ ލަމުން އަހާލިއެވެ.
"ކޮލެޖް ބަދަލުކުރީ." ދައްޔާނު ބުންޏެވެ.
އެއީ މީގެ ދެ އަހަރު ކުރިއެވެ. މަލަކްގެ އުމުރުން ނަވާރަ އަހަރެވެ. މަތީ ތަޢުލީމު ހާސިލު ކުރުމަށް ޑިގުރީއަށް ކިޔަވަން ފެށިތަނާއެވެ. ދަރިވަރުންގެ ފަރާތުން ކުލާހުގެ މަންދޫބަކީ އޭނާއެވެ. ކޮލެޖުގައި ހިންގާ ދަރިވަރުންގެ ކޮމެޓީގެ ސެކެޓްރީއެކެވެ. ބާވީސް އަހަރުގެ ދައްޔާނަށް މަލަކް އެންމެ ފުރަތަމަ ފެނުނީ ދަރިވަރުންގެ ކޮމެޓީއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ. ކޮމެޓީގެ ނައިބްރައީސްއަކީ އޭރު ދައްޔާނެވެ. ކިޔެވުމާއި ކޮލެޖުގެ އަދަބީ ހަރަކާތްތަކުގައި ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ދެމީހުން އެކަކު އަނެކަކު ދަންނަން ފެށީ ދަރިވަރުންގެ ކޮމެޓީގެ ތެރެއިންނެވެ. ނަމަވެސް ދެމެދުގައި އެކުވެރިކަމޭ ބުނާހާ ގާތް ގުޅުމެއް ނެތެވެ. ބަސްމަދުވެފައި ލަދުވެތިކަން ދައްޔާނަށް ހުރަސް އެޅީއެވެ. އެހެންވިޔަސް އޭނާ މަލަކްއާ ކުރިމަތިލިއެވެ. މިޒާޖުގެ ގޮތުން ދެމީހުން ތަފާތުކަން އެނގިހުރެއެވެ. އެއީ އެކަހެރިކޮށް އަލަށް ވެސް މަލަކްއާ ދައްޔާނު ވާހަކަ ދެއްކި ދުވަހެވެ. އޭގެ ފަހުން މަލަކް ބުނާހެން އޭނާ ގެއްލުނީއެވެ.
"ހާދަ ޗޭންޖުވެފައޭ ތިހުރީ. ފުރަތަމަ ޔަގީނެއް ވެސް ނުވި." މަލަކް ބުންޏެވެ.
ދައްޔާނުގެ ކޮންމެ ހަރަކާތަކަށް މަލަކްއަށް ބެލެއެވެ. ގެނައި ކާއެއްޗިއްސަށް ދެ މީހުން އިންސާފު ކުރަމުން ދިޔައެވެ. އެންމެ ވަގުތުކޮޅަކަށް ވެސް ދައްޔާނު ވަރުދޫކޮށްލައި ހަށިގަނޑު ގޮނިކޮށްލައިގެން ނީދެއެވެ. ކެއުމުގައި ބައިވެރިވަމުން މަލަކްއާއި ވާހަކަދައްކަމުން ދިޔައީ ދެކަމަށް އެއްވަރަކަށް ސަމާލުކަން ދެމުންނެވެ. އުލާއި ސަމްސަލުގައި ދައްޔާނު ހިފަހައްޓާލައިގެން އިން ގޮތް ވެސް މަލަކްއަށް ކަމުދިޔައެވެ. އެންމެ މަތީ ފަންތީގެ އަދަބުތައް އޭނާގެ ކޮންމެ ހަރަކާތަކުން ފެންނަ ފަދައެވެ. ޤަބޫލުކުރާން ވެސް މަލަކްއަށް ދަތިވެއްޖެއެވެ. "ޕާފެކްޓް" ފިރިހެނަކު ނޫނީ ހިތް ބަލައިގަންނަން ބޭނުން ނުވާއިރު މަލަކްގެ ކުރިމަތީ އިން ދައްޔާނުގެ ކިބައިން ފެންނަމުން ދިޔައީ އެފަދަ ފުރިހަމަކަމެވެ. ފިރިހެންވަންތަ ރީތި ސޫރައެކެވެ. ކުރެއްކަމަކު ކަޅުކަން ގަދަ ބޯ އިސްތަށިގަނޑެކެވެ. މަސްތައް އަރާ ހަރުވެފައިވާ ކަސްރަތީ ހަށިގަނޑެކެވެ. ގެންގުޅޭ އުސޫލުތަކާއި ވައްޓާފާޅީގައި ޒަމާނީ ގޮތްގަނޑާއި އަބުއިކަން އެކުލެވިފައި ވެއެވެ. ހަރުދަނާކަން ފާޅުވާ ފަދަ ބެލުމެކެވެ.
"ބޭބެ ބުނެގެން ޖިމަށް ދާންފެށީ. ސަޅިކަމެއްނު." ދައްޔާނު ބުންޏެވެ.
ރެސްޓޯރެންޓުން ދެ ޒުވާނުން އެކީގައި ނުކުމެގެން އައިސް ސައިކަލަށް އެރިއެވެ. ދުއްވާލަމުން މަލަކް ސުވާލު ކުރިއެވެ. ކޮލެޖުން ދެ މީހުން ބައްދަލުވީއިރު ދައްޔާނު ދިރިއުޅެނީ މާލޭގައިކަން އޮތީ އެނގިފައެވެ. އެހެންވެ ހުޅުމާލެއަށް ބަދަލުވީ ކޮންއިރަކުތޯ މަލަކް އަހާލީއެވެ.
"ބައްޕަގެ މާލޭ ތަންކޮޅު ދޫކޮށްލީ މިކޮޅުން ބިމަކަށް. އެތަން ހަދާ ނިމުނީމަ މިކޮޅަށް ފެމިލީ އެއްކޮށް ބަދަލުވީ." މަލަކްއާ އެއްވަރަށް ދުއްވަމުން އައި ދައްޔާނު ކިޔާދިނެވެ. މަލަކްއާ ވާހަކަދައްކަމުން އޭނާ ދިރިއުޅޭ އިމާރާތާ ހަމައަށް ދައްޔާނު އައެވެ. ވަކިވީ އެހިސާބުންނެވެ.
"ދެން ބައްދަލުވާނީ ކޮންއިރަކުންތޯ އަހާނޭ ކަމަށް ހީކުރީ... އެހާ ވާހަކަ ދައްކައިފި. އެންމެ ކުޑަމިނުން ފޯނު ނަންބަރު ވެސް އަހާނުލި." ޕާކުކޮށްފައި ސައިކަލުން ފައިބައިގެން ލިފްޓާ ދިމާއަށް އައި މަލަކްގެ ހިތުގައި ވިއެވެ. އޭނާ ލައިގެން ހުރި ޖީންސުގެ ޖީބުން ފޯނު ނެގިއެވެ. މިހާރު ކިރިޔާ މީހެއްގެ މަޢުލޫމާތެއް ހޯދާލަން ވިޔަސް އެންމެ ފުރަތަމަ ބަލާނީ މީސްމީޑިއާގެ އެކި މަންސަތަކެވެ. ގިނަފަހަރު ކާކުކަން އެނގޭ ވަރަށް މަޢުލޫމާތު އެއްކުރާނޭ ފުރުސަތު ހުޅުވިފައި އޮވެއެވެ. މަލަކްއަކީ ވެސް މުޅި ދިރިއުޅުން މީސްމީޑިއާގައި ޚިއްޞާ ކުރަމުން އަންނަ ޒުވާނެކެވެ.
* * * * *
"އަހަރެން ކާން ހަދައިދޭންތަ؟." ލިޔުޝާ ބުންޏެވެ. ނަމަވެސް މައިރާއަށް އެގޮތް ކަމަކު ނުދިޔައެވެ. ފިރިމީހާއަށް ކާން ހެދުމާއި ތަށިތައް ނެގުމަކީ މައިރާ އަމިއްލައަށް ކުރާން ބޭނުންވާ ކަންކަމެވެ. އޭނާއަށް އެފަދަ ކަމެއް ނުކުރެވޭ ހާލަތެއް މެދުވެރިނުވާހާ ހިނދަކު ފިރިމީހާގެ އެއްވެސް ކަމެއް އެހެން މީހަކާ ހަވާލެއް ނުކުރެވޭނެއެވެ. އެއީ ކިތަންމެ ގާތް މީހަކަށް ވިޔަސްއެވެ.
ގޭތެރެއިން އިނާޔާގެ އަޑު ކަނޑައިގެން ނުދެއެވެ. ކައިވެނި ރޫޅުނީތީ އެކަމާ އިރުފާ ރޮއެ ހިތާމަކުރާތީއެވެ. މައިރާ ވެސް އެކަމާ އަޖައިބުވާހާ ވެއެވެ. އެ ދެމަފިރިންގެ ކައިވެނި ރޫޅުނީ ކުއްލިއަކަށް ނޫންކަން އެގޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. އޭރު އިރުފާ ކައިވެންޏާ މެދު ނުވިސްނީ ކީއްވެބާއޭ މައިރާ ހިތަށް އަރައެވެ. ނަދީމު ނުކުމެގެން ދިޔައިރު ވެސް އޭނާ ހުއްޓުވާން އިރުފާ އުޅެފައެއް ނެތެވެ. އޭރު ވެސް ހުރީ ރުޅި މޫނު ހަދައިގެންނެވެ. އިރުފާގެ ހާލު ބަލާލަން އެ ކޮޓަރިއަށް މައިރާ ވަދެއްޖެނަމަ އޭނާއާ ވާހަކަދައްކައެވެ. ނަޞޭޙަތް ދެއެވެ. އިރުފާ ބޭނުންވަންޏާ ނަދީމުއާ ވާހަކަދައްކަން ވެސް މައިރާ ޚިޔާލު ދީފިއެވެ. އަދި ކައިވެނި ރުޖޫޢަ ކުރެވޭނެކަން ވެސް ބުނެފިއެވެ. އެފަދައިން އިރުފާ ޢަމަލުކުރާން އުޅޭ މީހަކުހެން ހިޔެއްނުވެއެވެ.
"ބައްޕަ އެބާދޭ ހަފްތާއެއް ތެރޭގަ. ފަނަރަ ދުވަހުގެ ޗުއްޓީ ނަގައިގެންނޭ ބުނީ. މަންމަ ދެއްކިތަ." ކާމޭޒު ދޮށުގައި އިށީން ރަޒާ އަހާލީ އެތަނުގައި އުޅުނު މައިރާއާއި ލިޔުޝާގެ ކައިރިންނެވެ.
"އަހަރެން އަޑެއް ނާހަން." މައިރާ ބުންޏެވެ. ދެމަފިރިން ބަލާލުމުން ލިޔުޝް ވެސް ބޯހޫރުވާލީ ނޭނގެޔޭ ބުނާށެވެ.
"މަންމަ ކައިރީ އަހަރެންގެ ކޮއްކޮ އަންނަ އުޅޭ ވާހަކަ ބުނިން. މަންމަ ވަކި އެއްޗެއް ނުބުނި. ސުލްޠާނާ އަންނަނީ ޑަކްޓަރަށް ދައްކާލަން. މަމްދޫ ކައިރީގަ ބުނީމަ ބުނީ މަންމަ ކައިރީ އަހާށޭ... އަހަންނާއެކު ކޮޓަރީގައި އޭނާއަށް ހުރެވޭނެ. ރަޒާ މަންމަ ކައިރީ އެ ވާހަކަ ދައްކާލަ ދީބާ. އަންހެންކޮއްކޮ އެކަނި އެ އަންނަނީ. މަންމަ ވެސް ދަތުރުކުރާ ވަރަށް ބަލިކޮށް އުޅެނީ. ތަނެއްގަ ބެހެއްޓުމަށްވުރެ އަހަރެންގެ ކައިރީ ބެހެއްޓުން ދޯ ރަނގަޅުވާނީ." ލިޔުޝާ ބުންޏެވެ.
ދެމީހުން އެކުގައި ގޭތެރެ މަސައްކަތްތަކުގައި އުޅުނުއިރު ވެސް ލިޔުޝާ އެވާހަކަ މައިރާއާ ޚިއްޞާކޮށްފައެއް ނުވެއެވެ. އޭނާ ގާތުގައި ބުނި ނަމަވެސް ރަޒާ ލައްވާ މަންމައާ ވާހަކަދައްކައިގެން ލިޔުޝާގެ ކޮއްކޮ ގޭގައި ބެހެއްޓުމަށް ބާރުއެޅީހެވެ. އެއީ އެވަރުކަމެއްކަމުގައި ދެކެން މައިރާ ބޭނުންނުވީއެވެ. އެހެންވެ އޭނާގެ ގާތުގައި ނުބުނީ ކީއްވެތޯ ވެސް އެހުން ބޭކާރު ކަމެއްކަމުގައި ވީއެވެ. އެގޭ ކުއްޖަކީ ރަޒާ ވިއްޔާއެވެ. އެ ގޭގައި ކަމެއް ހަމަޖައްސައި ދެވޭނީ ވެސް އެމީހުންނަށެވެ. މިވަގުތު ގޭގައި ހުރި ހަމައެކަނި ފިރިހެނަކީ ވެސް ރަޒާއެވެ.
* * * * *
ރޭގަނޑުގެ ވަގުތެވެ. ހޮޓަލެއްގެ ހާމަފެންޑާގައި ހަދާފައި ހުރި ރެސްޓޯރެންޓުގެ މޭޒު ދޮށުގައި އައިތަންއާއެކު މާޔަލް އިނެވެ. އެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަ މެދުކަނޑާލައިފަ ވިޔަސް ދެ ޒުވާނުންގެ މޫނުން ފާޅުވަނީ ނުތަނަވަސްކަމެވެ.
"އެންމެންނަށް ސިއްރު ކުރާނީ. އަނެއްކާ ވަކި މުއްދަތެއްނެތް ގޮތަށް އަހަންނަކަށް ނުދެވޭނެ. އަހަރެންގެ އަމިއްލަ ދިރިއުޅުމަށް ވެސް ވަގުތު ދޭން ޖެހޭ." ދުރަށް ބަލަން އިނދެފައި އައިތަންއާ ނަޒަރު ސީދާކޮށްލަމުން މާޔަލް އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.
"އަދިވެސް އަމިއްލަ ދިރިއުޅުން އިސްކުރެވޭތޯ ތިބަލަނީ... މާޔަލް ބޭނުމެއްނުވޭ ދޯ ހަޤީޤަތް އެނގޭކަށް. ހަނދާންތައް އެނބުރި އަންނާކަށް. މިބުނީ އެކްސިޑެންޓްވީ ތި ދެ މީހުންނޭ. ދޮންބެއާއެކު ޓައިމް ސްޕެންޑްކުރާތަނުން މާޔަލްގެ ހަނދާންތައް ވެސް އެނބުރި އައުމުގެ ޗާންސް އެބައޮތް. އަނެއްކާ މާޔަލް އުޅެފިއްޔާ ސިއްރު ކުރެވިދާނެ. އަހަރެން މިބުނީ ހުރިހާ ކަމެއް ހަމަޖައްސާނަމޭ. ހިލޭސާބަހަށް ކޮށްދޭން ބޭނުންނުވަންޏާ އަގެއް ކިޔާ." އައިތަން ބުންޏެވެ.
"ދުވާލުގެ ހުރިހާ ވަގުތެއް އަހަރެން ހޭދަކުރަނީ ކޮންތާކުތޯ މަންމަމެން އެނގެން ބޭނުންވާނެ. ރަޙުމަތްތެރިއަކާއެކުނަމަ އެއީ ކާކާއެކުތޯ އޮޅުންފިލުވާނެ...."
"އެހެންވީމައެއްނު މިބުނީ ވަޒީފާއެކޭ ބުނާށޭ. ލިޔުމެއް ވެސް ދީފާނަން. އޭރުން ސުވާލު އުފެދޭނޭ ޖާގައެއް ނެތެއްނު. އަހަރެންގެ ޢާއިލާއަށް ވެސް މާޔަލްގެ ހަޤީޤަތެއް ނޭނގޭނެ. ދޮންބެއަށް ހެލްޕްވާން، އެސިސްޓެންޓެއްގެ ގޮތުގައި ގެންނަ އަހަރެންނަށް އެނގޭ މީހެއްތީ... މާޔަލްގެ އަތުން ހުރިހާ ގެއްލުމެއްވީ. އެކަމަކު އެވަރުގެ އެހީތެރިކަމެއް ވެސް ފޯރުކޮށްލަދޭން ބުނީމާ ތިއުޅެނީ ބޮޑުވެގެން. އިންސާނިއްޔަތައް ޓަކައޭ ހިތަށް އަރުވާލާފައި ވެސް މީހަކަށް އެހީވާން ކީއްވާނީ. ތިމަންނަ ހަނދާނެއްނެތޭ އެހެންވީމަ އެއްވެސް ޒިންމާއެއް ތިމާ ނަގާކަށް ނުޖެހޭނޭ ބުނީމަ އެކަމުން ލިބުނު ގެއްލުމުން އަރައިގަނެވިދާނެތަ." މާޔަލްގެ ވާހަކަ ނުނިމެނީސް އައިތަން ބުންޏެވެ. އޭނާގެ ރާގު ހުރި ގޮތުން މާޔަލް ދެރަވިއެވެ. އައިތަން ހީކުރާހާ ރަޙުމެއްނެތް މީހަކަށް މާޔަލް ނުވެއެވެ. އޭނާ ވެސް އައިރިކްއާ މެދު ހަމްދަރުދީވެއެވެ.
އައިތަންއާ ބައްދަލުވީ ފަހުން މާޔަލްއަށް ރަނގަޅަށް ނުވެސް ނިދެއެވެ. އަބަދު ހުރެވެނީ އެކްސިޑެންޓްގެ ފިކުރުގައެވެ. އެހެންހުއްޓާ އައިތަން އެ ހުށަހެޅީ މާޔަލްގެ ފުށުން ބަދަލު ހޯދުމަށެވެ. މާޔަލްވީ އައިރިކްގެ ގާތުގައި ދުވާލުގެ ހުރިހާ ވަގުތެއް ހޭދަކުރާށެވެ. އެމީހުންގެ ވިޔަފާރީގެ ތެރެއަށް ވަންނާށެވެ. މަސައްކަތުގައި އައިރިކްއަށް އެހީވުމަށެވެ. ހުރިހާ ވަގުތު ހުންނަން ޖެހެނީ އައިރިކް ފެންނަ ހިސާބުގައެވެ. ކެއުންބުއިމުގެ އިންތިޒާމު ވެސް އައިރިކްއާއެކީގައެވެ. ހެނދުނު ދާ މީހާއަށް އެނބުރި ގެއަށް އާދެވޭނީ ފަހެއް ޖަހާފަހުންނެވެ. އައިރިކް އެދެފި ކޮންމެ ކަމެއް އޭނާ ކުރާން ޖެހޭނެއެވެ.
"މާޔަލް..." ސިހުމަކާއެކު އައިތަންއަށް ގޮވާލެވުނެވެ. އަވަސް އަވަހަށް މޭޒުމަތީ ހުރި ޓިޝޫފޮށިން ދެތިން ޓިޝޫ ދަމައި ގަތުމާއެކު މާޔަލްގެ އަތަށް އައިތަން ދިއްކޮށްލިއެވެ. ތުންފަތްމަތިން ފުހެލުމާއެކު ނޭފަތް ދޮށުގައި މާޔަލް އެ ޓިޝޫތައް ޖައްސާލިއެވެ. އައިތަންގެ މޫނުގައިވީ ހަރުކަށިކަމާއި ނުރުހުންތެރިކަން، ހާސްކަމަށް ބަދަލުވިއެވެ.
"ގެއަށް ދާންވީތަ؟." އައިތަންއަށް އަހާލެވުނެވެ. އޭނާ ބޭނުންވާގޮތް މާޔަލް ޚިޔާރުކުރުމަށް ބާރުއަޅަމުންދިޔައިރު އެކުރެވެނީ މަޖުބޫރުކަން ވިސްނުނީ އަދިކިރިޔާއެވެ. އެކަމުން މާޔަލްއަށް ކުރި އަސަރު މިހާރު އެ ފެންނަނީކަން އައިތަންގެ ޟަމީރު އެއްބަސްވިއެވެ.
"އިރުކޮޅަކުން އޯކޭވާނެ..." ނޯށަށް އަރާފައި ހުރި އަޑަކުން މާޔަލް ބުނެލިއެވެ.
ދެމެދަށް އަނެއްކާ ވެސް ވެރިވީ ހިމޭންކަމެވެ. އައިތަންގެ ކުރިމަތީ އެގޮތަށް ނީންނަން ވެގެން މާޔަލް ތެދުވީއެވެ. ފާޚާނާއަށް ގޮސްފައި އެބަ އަންނަން ކަމުގައި މާޔަލް ބުންޏެވެ. ހާސްވެފައި ހުރިވަރުން މާޔަލް އެކަނި ފާޚާނާއާ ހަމައަށް އެކަނި ދާން ދޫކޮށްލާކަށް އައިތަންއަކަށް ނުކެރުނެވެ. އޭނާ ވެސް ތެދުވީއެވެ. މާޔަލް ފާޚާނާއަށް ވަނުމުން ބޭރުގައި އޭނާ މަޑުކޮށްލީ ގޮވާލާއިރު އަޑު އިވޭ ހިސާބުގައި ހުންނަން އައިތަންގެ ޟަމީރު ޚިޔާލު ދިނީމައެވެ. ފާޚާނާގައި ވަގުތުކޮޅެއް މާޔަލް ވިއެވެ. އޭނާ ނުކުތްއިރު ނޭފަތުން ލޭ އައިކަމުގެ ނިޝާނެއް ނެތެވެ. މަޑުމަޑުން ދެ ޒުވާނުން އައިސް މޭޒު ދޮށުގައި އިށީނީއެވެ. ބަހެއް ކިޔަން ނޭނގިފައި އިންހެން އައިތަން އިނެވެ.
"ގާތްގަނޑަކަށް ތިން މަސްކަމަށް ބަލާ. އެއަށްވުރެ އިތުރަށް އަހަންނަށް ވަގުތެއް ނުދެވޭނެ. އެހާތަނުން އަހަރެން އަމިއްލަ ދިރިއުޅުމެއް ފަށާން ހުރިހާކަމެއް ހަމަޖެހިފައި އޮތީމަ. އަހަރެން ބޭނުންވިޔަސް ތިން މަސް ފަހުން އެހެންކަމަކަށް ވަގުތު ހުހެއް ނުކުރެވޭނެ. އެހާތަނުން އަހަރެން މީހެއްގެ އަނތްބަކަށް ވާނެ. މެރީކުރުމަށްފަހު އެގޮތަށް ގޮސް ނޫޅެވޭނެ. އުޅޭން ބޭނުމެއްވެސް ނޫން. އައިތަންގެ ބޭބެ ސްޓޭބަލްވިޔަސް ނުވިޔަސް އަހަންނަށް ދެވެން އޮތީ އެވަރު. މި މުއްދަތުގައި އަހަންނަށް ވެވެން އޮތް ހުރިހާ ގޮތަކުން އެހީވާނަން. ބަދަލުގައި އެއްވެސް އެއްޗެއް ބޭނުމެއް ވެސް ނޫން. އިންސާނިއްޔަތުކަން އަހަރެންގެ ނެތިގެން ނުދޭ. އެއްވެސް މީހަކަށް އަހަރެން ގަސްދުގައި ދެރައެއް ނުދޭނަން. އައިތަންގެ ބޭބެއަށް ހެލްޕްވާނަން. މިގޮތް އެންމެ ރަނގަޅުތަ؟." މާޔަލްގެ ނިންމުން އައިތަންއަށް އޭނާ އިއްވިއެވެ.
"ތްރީ މަންތްސް." އަމިއްލަ ނަފްސަށް އިވޭހާ މަޑުން އައިތަން ކިޔާލިއެވެ. ދެން އޭނާގެ ނަޒަރު މޭޒުމަތިން އަނެއްކޮޅުގައި އިން މާޔަލްއަށް ހުއްޓާލިއެވެ. ފަރުވާތެރިކަމާއެކު މާޔަލްގެ މޫނަށް އޭނާ ބަލަންފެށިއެވެ.
"އެއަށްވުރެ ކުރީން މާޔަލް ހުރިހާކަމެއް ހުއްޓާލާފައި ނުދާނެކަމުގެ ކޮން ޔަގީންކަމެއް އަހަންނަށް އޮތީ." އައިތަން ބުންޏެވެ.
"މީ އަހަރެން އައިތަންއަށްވާ ވަޢުދެއް. އަހަރެންގެ ހަޔާތުން ތިން މަސް އައިތަންއަށް ދީފިން. ޔަޤީންކުރޭ... މިވަގުތު އަހަރެންގެ ބުނާ ބަސްފިޔަވާ އިތުރު ޔަޤީންކަމެއްނެތް. އެހެންވިޔަސް އަހަރެން މި ތިން މަސް އިރާދަކުރެއްވިއްޔާ އައިތަންގެ ބޭބެއާއެކު ވޭތުކުރާނަން. ކަމަކާ ކުރިމަތިލާފައި ފަހަތަށް އަހަރެން ޖެހޭނޭ ހީނުކުރޭ. އެހާ ފިނޑިއެއްނުވާނެ. މިހިސާބުން ކަންތައްކުރަންވީގޮތް އައިތަން ބުނޭ." މާޔަލް ބުންޏެވެ. ޖަދަލުކުރާން އައިތަންގެ ހިތް ބުންޏެވެ. ނަމަވެސް މާޔަލްގެ ހާލާމެދު އޭނާގެ ޟަމީރު ކަންބޮޑުވަނީއެވެ.
"މާދަމާ ހެނދުނު ހަތްގަޑި ސާޅީހަށް ތައްޔާރުވެވޭނެތަ." އައިތަން އަހާލިއެވެ. މާޔަލް ބޯޖަހާލީއެވެ. ހަމައެވަގުތު އައިތަންއަށް ފޯނުކޯލެއް އައެވެ. އޭނާ މޭޒުމަތީ އޮތް ފޯނު ނެގިއެވެ.
"ކަމެއްގަ މީނީ." ފޯނުކޯލު ނެގިގޮތަށް އައިތަން ބުންޏެވެ.
"އިރުކޮޅަކުން... ކަމެއްގައޭ މީނީ." އައިތަން މިހެން ބުނުމާއެކު ކޯލު ކަނޑާލައިފިއެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ މީހާގެ ވާހަކަ ނުނިމެނީހެވެ.
އައިތަންއާއި މާޔަލް މިރޭ ބައްދަލުވީފަހުން އެއީ ތިންވަނަ ކޯލެވެ. މޫނުމަތިން އަސަރެއް ނުދެއްކިޔަސް ގުޅަނީ އެކަކުހެން މާޔަލްއަށް ހީވަނީ އައިތަން ވާހަކަދައްކާ ގޮތުންނެވެ. ކުރުކޮށް ދެތިން ބަހެއް ބުނެލާފައި އޭނާ ކޯލު ކަނޑާލަނީއެވެ. ހިތުގައި ސުވާލު އުފެދުނަސް ދުލާ ހަމައަށް ގެންނަހާ މުހިންމު ކަމެއްކަމުގައި މާޔަލް ނުދެކުނެވެ. އައިތަންއަށް ގުޅަނީ ކޮންމެ މީހަކަށް ވިޔަސް އެއީ އޭނާއާ ބެހޭކަމެއްނޫންވީމައެވެ.
* * * * *
މާޔަލްއަށް ގެއަށް އާދެވުނީ ދިހަގަޑި ބައިވި ފަހުންނެވެ. އޭނާ ވަންއިރު ސޯފާގައި މަންމައާއި ބައްޕަ ތިއްބެވެ. ރަނގަޅުތޯ މަންމަ އަހާލި ގޮތުން މާޔަލް ހައިރާންވިއެވެ. އޭނާގެ މޫނުމަތިން ހިތަށް ލިބިފައިވާ ނުތަނަވަސްކަމުގެ އަސަރު ފާޅުވާން ހުރީބާއޭ މާޔަލް ހިތަށް އެރިއެވެ. ހަޤީޤަތެއްނުވާ ހިނިތުންވުމެއް މާޔަލް ބަދަލުކޮށްލީ ރަނގަޅޭ ބުނަމުންނެވެ. އޭނާ އައިސް ކޮޓަރިއަށް ވަނީއެވެ. ހެދުން ބަދަލުކުރުމުގެ ކުރީން އިހަށް އައިސް ކޮޓަރީގައި ހުރި ސޯފާގޮނޑީގައި އިށީނެވެ. އޭނާ އެ ވިސްނަނީ މަންމައާއި ބައްޕަ ގާތު އައިތަންގެ ހުށަހެޅުން ހާމަކުރާނޭ ގޮތަކާމެދުއެވެ. އެ ފިކުރުގައި އިންދާ ދޮރުގައި ޓަކިޖަހާލަމުން އާމާލް ގޮވާލައިފިއެވެ. އެބަ ނުކުންނަން ކަމުގައި މާޔަލް ބުނެލިއެވެ. ވަގުތު ބޭކާރު ކުރެވެންނެތްކަން މާޔަލްއަށް އެނގެއެވެ. ކިތަންމެ ވަރަކަށް ވިސްނާ ފިކުރު ކުރިޔަސް އޭނާ އެ އައީ އައިތަންއަށް ވަޢުދުވެފައެވެ. ބަހުގެ އިތުބާރު ވެސް ދީފައެވެ. މަންމަކައިރީ ނުބުނެއެއް ޔަގީނުން ވެސް ނުދެވޭނެއެވެ. މީހާ ތާޒާވެލުމަށް ޓަކައި މާޔަލް ގަސްދުކުރީ ބޯ ނުތެންމާ ފެންވަރާލާށެވެ.
"މަންމަ ބުނީ ކާނަންހޭ." މާޔަލް ކޮޓަރިން ނުކުމެގެން އަންނަތަން ފެނި ބަދިގޭގައި އެއްޗެހި ހޫނުކުރަން އުޅުނު އާމާލް އަހާލިއެވެ.
"ކައިފިން... ޑޭޑް ނިދަންތަ އެދިޔައީ." މާޔަލް އައިސް ކާމޭޒު ކައިރީ ހުއްޓިލިއެވެ. އޭރު އޭނާއަށް ފުރަގަސް ދީގެން އުދުން ދޮށުގައި އާމާލް ހަރަކާތްތެރިވަނީއެވެ.
"އާން. ކިހިނެއްވީ؟. މައްޔު ކަމެއް ބޭނުންވީތަ." އާމާލް ބޯއަނބުރާލައި ދަރިފުޅަށް އަވަސް ނަޒަރެއް ދިނެވެ.
"މަންމައާއި ބައްޕަ ގާތު ވާހަކައެއް ބުނާންވެފަ އެބައޮތް. މަންމަ ތިކަން ނިންމާލާފައި ބައްޕައަށް ގޮވާލަންވީނު. ސޯފާގައި މިއޮތީ." މާޔަލް ބުންޏެވެ. އާމަލް ބޯޖަހާލީމާ މާޔަލް އައިސް ޓީވީއާ ކުރިމަތިވާނޭހެން ހުރި ދިގު ސޯފާގައި އޮށޯވެލައިފިއެވެ. (ނުނިމޭ)