ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ކޮށްފައިވާ ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގާ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާ އެވެ. ލައިވްކޮށްގެން ގެންދާ މި މައްސަލައިގެ ޝަރީއަތުގައި މިހާތަނަށް ދެ ހެކިވެރިޔެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ. މިއަދު 9:30 ގައި ވެސް ތާވަލުކޮށްފައި ވަނީ އިތުރު ހެކިވެރިޔެއްގެ ހެކިބަސް ނެގުމުގެ އަޑުއެހުމެކެވެ.
އެކަމަކު ޔާމީންގެ ވަކީލުން ހައިކޯޓުގައި ކުރިއަށްދާ އަޑުއެހުމެއްގައި ބައިވެރިވާން ޖެހޭތީ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.
"އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލުންގެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓުގައި އޮތުމުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް އެދިފައިވާތީ މިއަދުގެ އަޑުއެހުން ކެންސަލް،" ކްރިމިނަލް ކޯޓުން ބުންޏެވެ.
މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ އާދީއްތަ ދުވަހު ވެސް ތާވަލުކުރި އެވެ. އެކަމަކު އެ އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ހެކިބަސް ނަގައިފައި ވަނީ ޔޫސުފް ނައީމްގެ ނަންބަރާ މުއާމަލާތްކޮށްފައިވޭތޯ ބެލުމަށް ތިން ފޯނެއް ތަހުލީލުކުރި ފުލުހުންގެ އޮފިސަރެކެވެ. ދެން ހެކިބަސް ނަގައިފައި ވަނީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތުވެފައިވާ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލުކުރި ފުލުސް އޮފިސަރުގެ ހެކިބަހެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވާއިރު، މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައި ވަނީ މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ހެކިބަސް ނެގުން ކުރިއަށްދާނެ ކަމަށެވެ. އަދި މި މައްސަލައިގެ ހުކުމް ސެޕްޓެމްބަރު މަހު ކުރައްވާނެ ކަމަށެވެ.