އަހުމަދު މަހްލޫފު

ހިޔާ ފްލެޓެއްގައި ޒުވާނުންގެ މަރުކަޒެއް ހަދަނީ

Jun 28, 2022
1

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ފްލެޓެއްގައި ޒުވާނުންގެ މަރުކަޒެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މިނިސްޓަރު މަހްލޫފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަލީ ނިޔާޒު ސުވާލުކުރެއްވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައް ހާސް ބަޔަކު ވަޒަންވެރިވަމުން ދާއިރު ޔޫތު މިނިސްޓްރީއާ ގުޅުންހުރި ވަސީލަތްތައް އެތަނުގައި ގާއިމުކުރުމާ ގުޅޭގޮތުންނެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓުތަކުގެ ތެރެއިން ފްލެޓެއްގައި ޒުވާނުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑުމެން އެ ސެޓްއަޕް ހެދުމުގެ މަސައްކަތް އެތަނުގައި އެބަކުރިއަށް ގެންދަން،" މަހްލޫފް ވިދާޅުވި އެވެ.

އަންނަ އަހަރު ބަޖެޓު މަޖިލީހަށް ހުށަހަޅާއިރު ހުޅުމާލޭގެ ބައެއް މަޝްރޫއުތައް ހިންގުމަށް ބަޖެޓްގައި ހިމަނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހޭންޑް ބޯލް ކޯޓަކާއި އައުޓް ޑޯ ވޮލީ ކޯޓެއް އެޅުމަށް ބަޖެޓް ހޯދަން ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވި އެވެ.

ހުޅުމާލެއާ ގުޅޭގޮތުން މިނިސްޓަރު މަހްލޫފް އިތުރަށް ވިދާޅުވީ މާލޭގެ ރަސްމީ ފުޓްބޯޅަ ދަނޑު އަލުން ހެދުމަށް އެތަން ބަންދުކުރާއިރު އެ ދަނޑުގެ ބަދަލުގައި ބޭނުންކުރާނީ ހުޅުމާލޭގެ ބޮޑު ޓާފް ދަނޑު ކަމަށެވެ. ހުޅުމާލެ ދަނޑުގައި އެހާ ތަނަށް ވަސީލަތްތައް ގާއިމުކުރައްވާނެ ކަމުގައިވެސް ވަނީ ވިދާޅުވެފަ އެވެ.