ރައްޔިތުންގެ މަޖިލިސް

ފުލުސް ސެކިއުރިޓީ ފެއިލްވުމުން އެޅި ފިޔަވަޅު ބަލަނީ

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ ބަޔަކަށް ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުގެ ސަބަބުން ކަމަށް ބުނެފައިވާތީ އެ ކަމަށް މަގުފަހިވީ ސަބަބުތަކާއި ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު އަޅާފައިވާނަމަ އަޅާފައިވާ ފިޔަވަޅުތައް ބަލަން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ހުށައަޅައިފި އެވެ.

އެ މައްސަލަ ހުށައެޅީ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އާދަމް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގައި ޔޯގާ ހަރަކާތް ހިންގުމާމެދު ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ދިވެހި ސަރުކާރާއި ބޭރުގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަފީރުން ބައިވެރިކޮށްގެން ސަރުކާރުން އެ ހަރަކާތް ގަލޮޅު ދަނޑުގައި ހިންގިއިރު އެކަށީގެންވާ ސެކިއުރިޓީ ނުބެލެހެއްޓުމުގެ ސަބަބުން ހިނގާފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ސުލްހަމަސަލަސްކަމާއި ރައްކާތެރިކަމާ ބެހޭ ގޮތުން ދެކޭ ގޮތް ބަދަލުވެ ސަލާމަތީ ހިދުމަތްތަކުގެ ގާބިލް ކަމާމެދު ސުވާލު އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

".. ވީމާ ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވި ދުވަހު އެތަނުގެ ސެކިއުރިޓީ ބްރީޗްވުމަށް މަގުފަހިވީ ސަބަބުތަކާއި ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަކަށް ފުލުހުންގެ ތެރޭގައި ފިޔަވަޅު އަޅާފައިވާނަމަ އަޅާފައިވާ ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީ މެދުވެރިކޮށް ބައްލަވައިދެއްވުން އެދެމެވެ،"

އިއްޔެ އޮތް ނޫސްވެރީންގެ ބައްދަލްވުމެއްގައި ސެންޓަރަލް ޕޮލިސިން ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެ ބަޔަކަށް ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުގެ ސަބަބުން ކަމަށެވެ. އަދި ފުލުހުންގެ ސެކިއުރިޓީ ފެއިލްވި ފެއިލްވުމާއި ގުޅިގެން ކަމާގުޅޭ އިދާރާތަކުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެކަން އެހެން ދިމާވުމުން ފުލުހުންގެ އެތެރޭގެ އިންކުއަރީއެއް ހަދަމުންދާ ކަމަށާ އެ އިންކުއަރީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޔޯގާ ހަރަކާތް ހުއްޓުވި މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކެބިނެޓް ކޮމެޓީއަށް ފުލުހުން މިހާރު ޖަވާބުދާރީވެފައިވާނެ ކަމަށެވެ.