ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީ ބާކީ ނުވާނެ، ކޮންމެވެސް ކޮޅެއް ނަގާނެ: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުން އެގޮތުގައި ދެމި އެބައޮތް ކަމަށާ އެއީ އެ ޕާޓީ ވަކީން ވާދަ ކުރުން ނުވަތަ ކޯލިޝަނަކާ ގުޅުންތޯ ނިންމާނީ ޕާޓީގެ ކޮންގްރެސް އިން ކަަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް ގާސިމް ފުރަތަމަ އިއުލާނު ކުރެއްވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. މިރޭ އޮތް އެ ޕާޓީގެ "ތައްޔާރު" ޖަލްސާގައި ގާސިމް ވިދާޅުވީ އެ ޕާޓީގެ އަމާޒަކީ ރިޔާސީ އިންތިހާބުގެ ކުރީން 30،000 މެންބަރުން ހަމަކޮށް ޕާޓީ އިތުރަށް ވަރުގަދަ ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ކޮންގްރެސް އިން މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމާފައިވާ ނިންމުން އެގޮތުގައި ދެމި އެބައޮތް ކަމަށް ވިދާޅުވެ ގާސިމް ވަނީ އެ ޕާޓީ ވަކީން ވާދަ ކުރުން ނުވަތަ ކޯލިޝަނަކާ ގުޅުންތޯ ނިންމާނެ ކަމަށެވެ. އޭގެ ފަހަށް ވިދާޅުވީ ޖުމްހޫރީ ޕާޓީ ބާކީ ވެގެން ނުދާނެ ކަމަށެވެ. އަދި ކޮންމެވެސް އެއްކޮޅެއްގައި ޖޭޕީ އޮންނާނެ ކަމަށެވެ.

"ހަމަ ގައިމުވެސް މީގެ ތެރެއިން އަޅުގަނޑުމެން ބާކީވެގެން ނުދާނެ. ކޮންމެވެސް އެއްކޮޅެއްގައި އަޅުގަނޑުމެން ތިބޭނެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ޖުމްހޫރީ ޕާޓީން އެ ޕާޓީގެ ކޮންގްރެސްގައި ނުނިންމާނެ ނިންމުމަކީ ރިޔާސީ ރޭހަށް ނުނިކުތުމެވެ. ކޮންމެ ޕާޓީއަކީވެސް ރިޔާސީ ރޭހުގައި ވާދަކޮށް އެ ޕާޓީއެއްގެ މެނިފެސްޓޯ ތަންފީޒު ކުރަން އުފައްދާފައި ވާ ޕާޓީތަކެއް ކަމަށާ އެހެން ކަމުން އިންތިހާބުތަކުގައި ވާދަ ކުރަން ޖެހޭ ކަމަށެވެ.

އަދި ވިދާޅުވީ އެ ޕާޓީން ބޭނުންވާ ބަދަލުތައް ރާއްޖެއަށް ގެނެވޭނީ ހަގީގީ ބާރުވެރިކަން ލިބުނު ދުވަހުން ކަމަށެވެ. ގާސިމް އެ އިޝާރާތް ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމަކަށެވެ. ގާސިމް ސިފަ ކުރެއްވި ގޮތުގައި ސަރުކާރު ހިންގާ ކޯލިޝަންގައި އޮތުމަކީ "ދަލު ބޭރުން ޖެހިގެން" ތިބުން ފަދަ ކަމެކެވެ. އެހެންވީމަ އެ ޕާޓީއަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އުންމީދުތައް އޮތްގޮތަށް ރައްޔިތުންނާ ހަމައަށް އަޅުގަނޑުމެންނަށް ޑެލިވާ ކުރެވޭނީ ހަމަ ގައިމުވެސް އަޅުގަނޑުމެންނަށް ބާރުތަކެއް ލިބިގެންނޭ. އެހެންވީމަ އަޅުގަނޑުމެން 'ދަލު ބޭރުން ޖެހިގެން ތިބޭހެން' ތިބެގެން އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެ ކަން ރައްޔިތުން ގަބޫލުކުރަން ޖެހޭނެ ހަމަ ގައިމުވެސް
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމްގެ ވާހަކަގައި ރައީސް ސޯލިހަށް ތައުރީފުވެސް ކުރެއްވިއެވެ. ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކޮށްދިނީ އިހުލާސްތެރި މަސައްކަތްތަކެއް ކަމަށެވެ. އަދި އެކަމަށް ޝުކުރުވެރިވާ ކަަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މެނޭޖްކުރި ގޮތް ރަނގަޅު ކަމުގެ އެއް މިސާލަކީ ލަންކާ މިއަދު އޮތް ހާލަތެވެ. ރާއްޖެ ރަނގަޅަށް މެނޭޖް ނުކުރެވުނު ނަމަ ލަންކާ އޮތް ހާލަތުގައި އޮންނާނީ ރާއްޖެ ކަމަށްވެސް ވިދާޅުވިއެވެ.