ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ކާމިޔާބީ ހިއްސާ ކުރައްވައިފި

ކޮމަންވެލްތު އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ މުހިންމު ކާމިޔާބީތަކާ ގުޅޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރައްވައިފި އެވެ.

މިއަދުގެ ކެބިނެޓް ބައްދަލްވުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ކޮމަންވެލްތު އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ މުހިންމު ކާމިޔާބީތަކާ ގުޅޭ މައުލޫމާތު ރައީސް، ވަޒީރުންނާއި ހިއްސާ ކުރެއްވި ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ ފެބްރުއަރީ 1، 2020 ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށް ފަހުގައި ބޭއްވި ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

ޖޫން 20 އިން 25 އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022 ގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ؛ ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" މި އެވެ. މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން މެމްބަރު ގައުމުތަކުގެ ގުޅުން ވަރުގަދަ ކުރުމާއި މުސްތަގުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން މިހާރު ރާއްޖޭގައި ކޯވިޑް މަލިމަޑުކަމުގެ ހާލަތާބެހޭ އެންމެ ފަހުގެ މައުލޫމާތުވެސް ވަޒީރުންނާއި ހިއްސާ ކުރެއްވިއެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލެއްވި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ހިއްސާ ކުރެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.