ލައިފްސްޓައިލް

54 އަހަރުގެ މާމަ ޅަކަމުން އެންމެންނަށް އޮޅޭ

ކޮންމެ އިންސާނަކު ވެސް އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑުން އެކަން ފެންނަމުން ދާނެ އެވެ. ފާޑުފާޑުގެ ޓެކްނޮލޮޖީ އާއި ކޮސްމެޓިކް ސާޖަރީތައް ހަދައިގެން ބައެއް މީހުން އެމީހުންގެ އުމުރަށް ވުރެ ޅަކޮށް ހުންނަން މަސައްކަތް ކުރާއިރު ގުދުރަތީ ގޮތުން މިފަދަ ޅަ ސިފައެއް ލިބިއްޖެނަމަ އެއީ ކޮންމެ މީހަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ރަހުމަތެކެވެ. ނަމަވެސް މި ނަސީބު ލިބެނީ ވަރަށް މަދު މީހަކަށެވެ.

އިންޑޮނީޝިޔާގެ ޕުޝްޕާ ދޭވީ އަކީ މިފަދަ އަންހެނެކެވެ. ޕުޝްޕާ އޭނާގެ ފިރިމީހާ ކައިރީގައި ހުންނަތަން ފެންނަ ކޮންމެ މީހަކު ހީކުރަނީ އޭނާގެ ބައްޕައާއެކު ހުރީ ކަމަށެވެ. އެހާވެސް ޕުޝްޕާ ރީތިވެފައި ޒުވާނެކެވެ. އުމުރުން މިހާރު 54 އަހަރު ފުރިފައި ހުއްޓަސް ޕުޝްޕާ އަދިވެސް ހީވަނީ އެންމެ ޒުވާން މޮޑެލް އެއް ހެންނެވެ.

ޕުޝްޕާ އަކީ ދެ ފިރިހެން ދަރިންގެ މަންމަ އެކެވެ. އަދި ދާދިފަހުން އޭނާއަށް މާމަވެސް ކިޔައިފި އެވެ. ނަމަވެސް ބަލާބެލުމެއް އަދިވެސް ޕުޝްޕާ ހީވަނީ 25 ވަރަކަށް އަހަރުގެ ޒުވާނެއް ހެންނެވެ.

ޕުޝްޕާގެ ހަންގަނޑު ރީތިވެފައި އެ ހަމުގައި އެންމެ ރުލެއް ވެސް ނެތެވެ. އޭނާގެ ހަށިގަނޑު ހިމަތޮޅި އެވެ. އަދި ރީތި ހިނިތުންވުމެއްގެ ވެރި ޕުޝްޕާ އަކީ ވަރަށް އުފާވެރި މިޒާޖެއްގެ މީހެކެވެ.

އޭނާގެ ދަރިފުޅަކާއެކު ޕުޝްޕާ ނަގާފައިވާ ފޮޓޯތައް ސޯޝަލް މިޑިއާ އިން ފެނުމުން މީހުން ހީކުރަނީ އެއީ ޕުޝްޕާގެ ލޯބިވެރިޔާއާއެކު ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ. އަދި މާމަ ދަރިފުޅާއެކު ނަގާފައިވާ ފޮޓޯތައް ބަލާފައި އެއީ އޭނާގެ ދަރިއެއް ކަމަށް މީހުންނަށް ގަބޫލު ކުރެވެ އެވެ.

ސިފަ ޒުވާންކޮށް ދައްކަން ޕުޝްޕާ އެއްވެސް ކޮސްމެޓިކް އެއް ބޭނުމެއް ނުކުރެ އެވެ. ނަމަވެސް އޭނާ އަކީ ވަރަށް ކެއުމަށް ބަލައިގެން އުޅޭ މަހުގެ ބާވަތްތައް އެއްގޮތަކަށް ވެސް ނުކާ މީހެކެވެ. އަދި ގަވާއިދުން ޖިމް އަށް ގޮސް ކަސްރަތުކުރުމަކީ އޭނާގެ އާދަ އެކެވެ.

ޕުޝްޕާގެ ޒުވަންކަމުގެ ސިއްރެއް ކަމަށް ބެލެވެނީ ގަވާއިދުން ކަސްރަތުކުރުމާއި ޖިމް އަށް ގޮސް ބަރު އުފުއްލާ ކަސްރަތުތައް ކުރުމާއި ސިއްހަތަށް ފައިދާހުރި ވެޖެޓެރޭނިއަން ޑައިޓެއް ނެގުމާއި އަދި ހަންގަނޑަށް ގެއްލުންވާ ފަދަ ކަންކަން ނުކުރުމާއި އުފާވެރި ދިރިއުޅުމެކެވެ.

މީގެ އިތުރުން ޕުޝްޕާގެ އެއް ދަރިފުޅަކީ ފިޓްނަސް އަދި ނިއުޓްރިޝަން އެކްސްޕާޓަކަށް ވާތީ އޭނާއަށް ބޭނުންވާ ޕާސަނަލް ޓްރެއިނާއެއް އަމިއްލަ ގޭގައި ހުރުމުން ޕުޝްޕާ އަށް ސިއްހަތާއި ޒުވާންކަން ދެމެހެއްޓުމަށް ފަސޭހައަކަށް ވެއެވެ.