މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެމްބަރު ނަހުލާ އަލީ ސޯޝަލް މީޑިއާގައި ދައްކަވަމުން ގެންދަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ މިއަދު ބޭއްވި ކައުންސިލްގެ 58 ވަނަ ރަސްމީ ޖަލްސާގައި ނަހުލާގެ ޝަކުވާ ކުރައްވާ ކައުންސިލަރު ރަމީޒް ދެއްކެވި ވާހަކަފުޅުގައެވެ. ރަމީޒް ވިދާޅުވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ސިޓީ ކައުންސިލްގެ އަގުވެއްޓޭ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއް ކަމަަށެވެ.
މޭޔަރު ވިދާޅުވީ ސޯޝަލް ނަހުލާ މީޑިއާގައި ފާޅުކުރައްވާފައިވާ ޝުއޫރުތައް ފެނިވަޑައިގެންފައިވާ ކަމަަށާ ކައުންސިލްގެ އަގުވެއްޓޭ ގޮތަށް އެއްވެސް ކައުންސިލަރަކު އަމަލު ކުރައްވައިގެން ނުވާނެ ކަމަށެވެ.
އިއްޔެ ވިލިމާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގައި ކައުންސިލުން އެއްބާރުލުން ނުދިން ކަމަށާއި އަދި މޭޔަރަށް ނިސްބަތް ކުރައްވާ ވިދާޅުވި ވާހަކަ ތަކަށްވެސް މޭޔަރު ވަނީ ރައްދު ދެއްވާފައެވެ.
މުއިއްޒު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ޕީޕީއެމުން އަންގައިގެން ކައުންސިލުން އެއްބާރުލުން ނުދެނީ ކަމަށް ބުނެ ނަހުލާ ދައްކަވާފައިވަނީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށާއި އެކަމުގެ ސަބަބުން މޭޔަރާއި އަދި ކައުންސިލްގެ އަގުވެސް ވެއްޓިފައި ކަމަށެވެ.
"އެހެންވީމާ މި ކައުންސިލްގެ ފަރާތުން ވިލިމާލެ ދާއިރާގެ ރައްޔިތުންގެ ސަމާލުކަމަށް ޓަކައި ދަންނަވާލަން ބޭނުންވޭ ކައުންސިލުން ވިލިމާލޭ އަކަށް އިހުމާލެއް ނުވާނެ. މިއަދާ ހަމަޔަށްވެސް ވާނީ ކައުންސިލުން ވިލިމާލެއަށް ފުރިހަމައަށް އެހީތެރިކަން ދީފަ.ސަމާލުކަން ދީ ކަންކަމުގަ ސަޕޯޓުވެސް ދީފަ.ދިމާވާ ކޮންމެ ހާދިސާއެއްގައިވެސް ތަފާތުކުރުމެއްނެތި ހުރިހާ ދާއިރާއަކަށްވެސް އަޅުގަނޑުމެންނަށް ދެވެންއޮތް ހުރިހާ އެހީތެރިކަމެއް އެބަދެވޭ. އެއްވެސް ކައުންސިލަރަކު ނިސްބަތްވާ ދާއިރާއެއް ގެ އަގު ވެއްޓޭގޮތަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން،" މުއިއްޒު ވިދާޅުވިއެވެ.
މިފަދަ ވާހަކަތަކުގެ ސަބަބުން ކައުންސިލަރުންގެ ތެރޭގައި އޮންނަންވާ އެކުވެރި ކަމަށް ވެސް ވަރަށް ބޮޑަށް ބުރޫއަރާ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.