ލައިފްސްޓައިލް

އިންޑިއާގެ "ލޭޑީ ޖޭމްސް ބޮންޑް"ގެ މައްސަލަ ހައްލުކޮށްފި

ޑިޓެކްޓިވް އޭ ބުނީމަ ހިތަށް އަރަނީ ވަރަށް ބިރުކުޑަ ވައްތަރު ޖަހާ ހަށިގަނޑު ބިޔަ ވަރުގަދަ ފިރިހެނުންނެވެ. ނަމަވެސް ޖާސޫސެއްގެ ގޮތުގައި އިންޑިއާގައި ބޮޑެތި ކުށްތައް ކުރާ މީހުންނާއި އެމީހުންގެ ކުށުގެ ހަގީގަތާއި ހެކި ހޯދުމުގެ ވަޒީފާގައި އިންޑިއާގެ ހިތްވަރުގަދަ އަންހެނަކު އުޅެމުންދާތާ އެތައް އަހަރެއް ވެއްޖެ އެވެ.

ވަރަށް އަނިޔާވެރި ކުށްތައް ވެސް ގިނަ އަދަދެކަށް ކޮންމެ ދުވަހަކު ކުރަމުންދާ ބޮޑު ގައުމެއްގައި ހަމަގައިމުވެސް މި ކުށްތަކުގެ ހަގީގަތް ހޯދަން ހިތްބަލި މީހަކަށް މަސައްކަތެއް ނުކުރެވޭނެ އެވެ.

އިންޑިއާގެ ފުރަތަމަ އަންހެން ޑިޓެކްޓިވްއަކީ ހިތް ބަލި މީހެއް ނޫނެވެ. ހިތްވަރުގަދަ ކުޅަދާނަ ގާބިލް އަންހެނެކެވެ. ރާޖްނީ ޕަންޑިތުގެ 22 އަހަރުގެ ކެރިއަރުގައި މިހާތަނަށް 80،000 އަށް ވުރެ ގިނަ ކުށްތަކުގެ ހަގީގަތް ހޯދާފައި ވެއެވެ.

"ލޭޑީ ޖޭމްސް ބޮންޑް އޮފް އިންޑިއާ"ގެ ނަމުން މަޝްހޫރުވެފައިވާ ރާޖަނީ އުފަންވީ މަހަރަޝްތުރާ ގައެވެ. އުމުރުން 60 އަހަރުގެ ރާޖަނީގެ ބައްޕަ އަކީ ސަބް-އިނިސްޕެކްޓަރެކެވެ. އަދި ފުލުހުންގެ ކްރައިމް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި މީހެކެވެ. ރާޖްނީ އަށް ޑިޓެކްޓިވް އަކަށް ވުމުގެ ހިތްވަރު ލިބުނީ ބައްޕަގެ ފަރާތުންނެވެ. އަދި ޖާސޫސީ ވާހަކަތައް ކިޔުމަށް ހިތުގައި އުފެދުނު ލޯތްބެއްގެ ސަބަބުންނެވެ.

ރާޖަނީގެ ފުރަތަމަ ކޭސް އަކީ ކޮލެޖުން ގްރެޖުއޭޓްވީ ދުވަސްވަރު އެ ކޮލެޖުގައި އޭނާއާ އެއް ކްލާހެއްގައި ކިޔެވި ދަރިވަރުންތަކެއް ހިންގި ހަށިވިއްކުމުގެ ވިޔަފާރިއެއްގެ ކަންތައްތަކެއް ހަގީގަތް ހޯދުމަށް ކުރި މަސައްކަތެވެ.

ގްރެޖުއޭޓްވުމަށްފަހު ރަޖްނީ ޕްރައިވެޓް ޖާސޫސެއްގެ ގޮތުގައި ކެރިއަރެއް ބިނާކުރަން ގަސްތުކުރި އެވެ. 1983ގައި ޑިޓެކްޓިވް ހިދުމަތްތައް ދޭ އެޖެންސީއެއް ހުޅުވި އެވެ. ރާޖަނީ ޕަންޑިތު ޑިޓެކްޓިވް ސާވިސަސްގެ ނަމުގައި އޭނާ މި އެޖެންސީގެ މަސައްކަތް 1991ގައި ފެށިއިރު އުމުރުން އެންމެ 25 އަހަރެވެ.

ފިރިހެނުންގެ ބާރު އޮތް މި މަސައްކަތާ އަންހެނަކު ގުޅުމުން ދިމާވާނެ ހުރިހާ ގޮންޖެހުންތަކަކާ ރާޖަނީ އަށް އަށް ކުރިމަތިވި އެވެ. އެންމެ ކުޑަމިނުން ނޫހެއްގައި ކުޑަ އިޝްތިހާރެއް ޖަހާލަން ވެސް އޭނާއަށް އުނދަގޫތަކާ ކުރިމަތިވި އެވެ.

ރާޖަނީ އަށް މަޝްހޫރު ކަމާއި މަގްބޫލުކަން ލިބުނީ އޭނާގެ ހިތްވަރާއި މިންނަތް މަސައްކަތުން އެކި ކޭސްތައް ހައްލުކުރަން ކޮށްފައިވާ މަސައްކަތް މީހުންނަށް އެނގި އެމީހުން އޭނާގެ މޮޅު ވާހަކަ ދައްކަން ފެށުމުންނެވެ.

އިންޑިއާގެ ފުރަތަމަ ޕްރައިވެޓް އިންވެސްޓިގޭޓާގެ ގޮތުގައި ރާޖަނީ ވަނީ ވަރަށް ތަފާތު މިހުންނަށް ހެދިގެން އެކި ތަންތަނުގައި ދުވަސްތައް ހޭދަކޮށް އެކި ކަހަލަ ޖިނާއީ ބޮޑެތި މައްސަލަތައް ހައްލުކޮށްފަ އެވެ. އެގޮތުން އެއްފަހަރަކު އޭނާ ގެއެއްގައި މެއިޑަކަށް ވެގެން ވެސް ދުވަސްކޮޅަކު އުޅުނެވެ. އަދި ލޯފަން މީހަކަށް ހެދިގެންނާއި ބަނޑުބޮޑު މީހަކަށް ހެދިގެން ވެސް ބައެއް ކޭސްތައް ހައްލުކުރަން އޭނާ އުޅެފައި ވެއެވެ.

މަގުމަތީގައި އެއްޗެތި ވިއްކަން އިންނަ މީހަކަށް ހެދިގެން ވެސް ރާޖަނީ އުޅެފައި ވެއެވެ. މައްސަލައިގެ ހަގީގަތް ހޯދައި އޭގެ އެންމެ ފުނަށް ދަތުރުކުރުމަށް ރާޖަނީ ނުކުރާނެ އެއްވެސް ކަމެއް ނޯވެ އެވެ.

އެންމެ ގިނައިން އޭނާއަށް ހައްލުކުރެވިފައިވަނީ ދެމަފިރިންގެ މައްސަލަތަކެވެ. ދެމަފިރިން އެކަކު އަނެކަކަށް އިތުބާރު ނުކުރުމުގެ މައްސަލަތަކާއި ކައިވެނީގެ ބޭރުން ގުޅުން ހިންގުމުގެ މައްސަލަތަކާއި ކައިވެނި ކުރަން އާއިލާތަކުން ޚިޔާރުކުރާ އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ފަތިފުށް ހޯދުމުގެ މަސައްކަތްވެސް އޭނާއާ ވަރަށް ގިނައިން ހަވާލުވެ އެވެ.

ރާޖަނީ ދުވަހަކުވެސް ކައިވެންޏެއް ނުކުރެ އެވެ. އެއީ އޭނާ މިކުރާ މަސައްކަތުގެ ގޮތުން އާއިލާއަށް ވަގުތު ދެވެން ނެތީމަ ކަމަށް އޭނާ ބުންޏެވެ.