( 28 ޖޫން 2022 އާ ގުޅޭ )
"މަންމައާއި ބައްޕަ ގާތު ވާހަކައެއް ބުނާންވެފަ އެބައޮތް. މަންމަ ތިކަން ނިންމާލާފައި ބައްޕައަށް ގޮވާލަންވީނު. ސޯފާގައި މިއޮތީ." މާޔަލް ބުންޏެވެ. އާމަލް ބޯޖަހާލީމާ މާޔަލް އައިސް ޓީވީއާ ކުރިމަތިވާނޭހެން ހުރި ދިގު ސޯފާގައި އޮށޯވެލައިފިއެވެ.
ހަމައެކަނި މަންމައާއި ބައްޕަ ގާތުގައި ބުނެގެން ފަރު ނުޖެހޭނޭކަން މާޔަލްއަށް އެނގެއެވެ. އިވާންގެ ނަން ހިތައް އެރުމާއެކު މާޔަލް ހަނދާންވީ އިއްޔެ ހަވީރު ދެ މީހުން އެކުގައި ދުއްވާލަން ނުކުމެ އިވާން ދެއްކި ވާހަކައެވެ. އޭނާ ލޯބިވާވަރު އެނގޭތޯ އެހިއިރު އެއީ މާޔަލްއަށް ޖަވާބުދޭން ނޭނގޭވަރު ސުވާލެއް ނޫނެވެ. ދެން އޮތީ އިވާން ކުރި ދެވަނަ ސުވާލެވެ. މާޔަލް އޭނާއަށް ބޭވަފާތެރިވެދާނެތޯއެވެ. ވަގުތުން ނޫނެކޭ މާޔަލް ބުނީ އަމިއްލަ ނަފްސަށް އޮތް ޔަގީންކަމެއްގެ ސަބަބުންނެވެ.
"އިވާން ޤަބޫލުކޮށްފާނެތަ... ސުވާލުނުކޮށް ނުހުންނާނެ. އަހަރެން ދޮގު ހަދަނީކަން އެނގިއްޖެއްޔާ... ކަމެއް ސިއްރު ކުރެޔޭ މިހާރު ވެސް އިވާނަށް ހީވެއްޖެ. މަންމަމެން ސަމާލުކަން ގެންނާކަށް އޭނާ ފަހެއް ނުޖެހޭނެ. އައިތަންގެ ބޭބެއަށް ޓަކައި ކޮށްދޭ ކަމަކަށްވުރެ މީ އަހަރެންގެ އަމިއްލަ ނަފްސަށް ނިންމި ނިންމުމެއް. އެ ހަނދާންތައް އިޔާދަވާން އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ހިފާނަން. ކުޑަކުޑަ ޗާންސެއް އޮތަސް. އެހާ ބޮޑު ކަމެއް ހިނގައިދިޔަ ގޮތް އެނގެން ބޭނުން. އެކަމުގެ ޒިންމާ ނަގަން ޖެހޭ މީހަކީ އަހަރެންނަމަ ހުރިހާ ކަމެއް ޔަގީންވާނީ އޭރުން. އެކަމަކު... އަހަރެން... އަހަރެން ހަމަ އެހާ ފަރުވާކުޑަވީތަ؟. އެކަމާ އަހަރެންގެ ޟަމީރު އެއްބަހެއްނުވޭ."
ނިތްކުރިމަތިން ދެ ލޯ ފޮރުވޭނޭހެން ވައަތް ބާއްވާލައިގެން މާޔަލް އޮތެވެ. އޭނާގެ ޚިޔާލުގެ ވާފަށް ބުރިވީ ބައްޕަގެ ގޮވާލުމުގެ އަޑުންނެވެ. އަތް ހިއްލާލައި މަޑުމަޑުން ސޯފާއިން އޭނާ ތެދުވެ އިށީނެވެ. މަޒްހަރު ބަލަން އިނީ ހިސާބަކަށް ކަންބޮޑުވެފައެވެ.
"ބޮލުގައި ރިއްސަނީތަ؟." މާޔަލް އޮތް ގޮތުން މަޒްހަރު ސުވާލު އުފެދުނީއެވެ.
"ނޫން." މާޔަލް ނިކަން އަވަހަށް ބުނެލިއެވެ. އޭނާ ވާހަކަ ނުފަށާ މަޑުކޮށްލީ މަންމަ އައިސް ބައްޕަގެ ގާތުގައި ސޯފާގައި އިށީންނަން ދެނެވެ.
"ދެން ކިޔާބަލަ." އިށީން ގޮތަށް އާމާލް ބުންޏެވެ.
"އޮފީހަކަށް ދާން ނިންމީމަ... މަންމަމެން ކައިރީ ބުނަން... ބޭނުންވީ." ޖެހިލުންވެފައި އިނދެ މާޔަލް ބުންޏެވެ. މަންމައާއި ބައްޕައަށް އޮޅުވާލަން ޖެހޭތީ މޭގައި ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެމީހުންނަށް ވެސް މާޔަލް ކަމެއް ސިއްރުކުރާކަން އެނގިދާނޭ ހީވަނީއެވެ.
"ފިހާރަ ބަންދުކުރަނީތަ؟. ފޫހިވީތަ އެ މަސައްކަތްދެކެ. އޮފީހަކަށް ނުގޮސް އަމިއްލަ ވިޔަފާރިއެއް ކުރާން ބޭނުންވެގެން ފެށި މަސައްކަތެއް އެއީ." އާމަލްއަށް ޤަބޫލުކުރާން ފަސޭހައެއް ނުވިއެވެ.
"ފިހާރަ... ބަންދުކުރާކަށް ބޭނުމެއްނޫން. ދުވަސްކޮޅަކަށް އެތަނުން ލިބޭ އެއްޗެއް ދޮންތިއަށް ލިބޭނޭ ގޮތަށް ފިހާރަ ހިންގަން ހަވާލުކުރާން ވިސްނަނީ..."
"އެކަމަކު އޭރުން..." މާޔަލްގެ ވާހަކަ ނުނިމެނީސް އާމާލް ވާހަކަދައްކަން ފެށިއެވެ. ނަމަވެސް މަޒްހަރު އަނބިމީހާ ހުއްޓުވީއެވެ. މާޔަލް ގަސްދުކުރާ ގޮތް ބުނެ ނިމެންދެން މަޑުކުރާން އާމާލްގެ ގާތުން މަޒްހަރު އެދުނެވެ. ދެން އޭނާ ދަރިފުޅަށް ބަލާލައި ބޯޖަހާލީ ވާހަކަދައްކާށޭ އިޝާރާތްކުރި ފަދައިންނެވެ.
"ތިން މަސް ފަހުން އިވާންއާ މެރީ ކުރާނެ. މިހާރު ތިން މަހެއް ނުވެސް ނެތް. އެހެންވިޔަސް މި ދުވަސްކޮޅު ބޭނުންވަނީ މާޙައުލު ބަދަލުކޮށްލަން. މީހުންގެ ތެރެއަށް ނުކުމެ އުޅޭން. ކިތަންމެ ކުރު މުއްދަތަކަށް ވިޔަސް އޮފީސް މާޙައުލެއްގައި މަސައްކަތްކޮށްލަން. މެރީ ކުރުމަށްފަހު އަލުން ފިހާރައާ ހަވާލުވާނީ. އެ މަސައްކަތް ދެކެ ފޫހިވީކީނޫން. އެކަމަކު މިދުވަސްކޮޅު ފިހާރައިގަ އިނުމަށްވުރެ ބޮޑަށް ބޭނުންވީ އޮފީހެއްގެ ކަންކަން ހުންނަ ގޮތް ތަޖުރިބާކޮށްލަން." އައިތަންގެ ޚިޔާލުތަކާއި އަމިއްލަ ޚިޔާލު މަސްހުނިކޮށް މާޔަލް ގަސްދުކުރާ ގޮތް ބުންޏެވެ.
"މާޙައުލު ބަދަލުކޮށްލުން. ގޯސް ޚިޔާލެއްނޫން. އެހެންނު އާމާލް." މަޒްހަރު ބުންޏެވެ.
"ދަރިފުޅަށް ޔަގީންތަ. ބުރައެއްނުވާނެތަ. މުޅީން އެއްކޮށް އަދި ރަނގަޅުވިއްޔެއްނޫން." މާޔަލް ކުރާން ބޭނުންވާކަމަކަށް ހުރަސް އަޅާން އާމާލް ނޭދެއެވެ. އެހެންވިޔަސް އޭނާ ކަންބޮޑުވަނީ މާޔަލްގެ ސިއްޙަތާއި މެދުއެވެ. ސިކުނޑިއަށް ބަރުކަން ލިބިދާނޭ ކަންކަން މާޔަލް ކުރުން ރަނގަޅުކަމަށް ނުފެންނަނީ އެގޮތަށް ޑަކްޓަރު ވެސް ލަފާދީފައި އޮތުމުންނެވެ.
"އެހާ ކުޑަ ދުވަސްކޮޅަކު އުޅޭން އޮފީހަކުން ވަޒީފާއެއް ލިބޭނެތަ." މަޒްހަރު ވިސްނަން އިނދެފައި ބުންޏެވެ.
"ފުރުޞަތެއް ލިބިފަ އޮތީ. މާދަމާ ނުކުންނަން ހަމަޖެހިފަ އޮތީ. ހަމަކުއްލިއަކަށް ލިބުނު ޗާންސެއްމީ. މިރޭ އަސްލު މިއައީ އެކަމުގައި ބޭރަށް ގޮސްފައި. ވަޒީފާ ހަމަޖެހުނުކަން އެނގުނީމަ މިބުނީ. ކުރީން ހިޔެއްނުކުރާން ލިބިދާނެކަމަށް. އެހެންވެ ކުރީބައިގަ ނުބުނެވުނީ." މާޔަލް މިހެން ބުނުމުން އާމާލްއާއި މަޒްހަރަށް އެކަކުއަނެކަކަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ.
މަންމައާއި ބައްޕަ ކުރަމުންދިޔަ ސުވާލުތަކަށް މާޔަލް ޖަވާބު ދެމުންދިޔައެވެ. އައިތަންމެންގެ ކުންފުނީގެ ނަން ބުނެ އެއީ ކޮންކަހަލަ ވިޔަފާރިތަކެއް ކުރާ ބައެއްކަން މާޔަލް ކިޔާދިނެވެ. އަދި މާޔަލް މަސައްކަތް ކުރާން ހަމަޖެހިފައި އޮތީ އޮފީހުގެ އިސް ވެރިއަކާއެކުކަން ބުންޏެވެ. މަސައްކަތުގައި އުޅޭން ޖެހޭ ވަގުތު ދިގުކަން ފާހަގަކޮށް އެކަން ވެސް މަންމަމެންނަށް އޭނާ އޮޅުންފިލުވައިދިނެވެ. އޮފީހުން ވަޒީފާ ހަމަޖެހުނުކަމުގެ ލިޔުން، ވަޒީފާއަށް ނުކުންނަން ފެށީމައި ހަވާލުކުރެވޭނެކަން ވެސް މާޔަލް ބުނީ މައިންބަފައިންގެ އިތުބާރު ހޯދުމަށެވެ. އައިތަން ހުރީ އެމީހުންގެ އޮފީހުގައި ކަންތައްތައް ހުންނާނޭ ގޮތް ހިސާބަކަށް ކިޔާދީފައެވެ. ކުރިމަތިވެދާނެ ސުވާލުތަކަށް ކުރިޔާލާ މާޔަލް ތައްޔާރު ކުރުވާފައެވެ. އާމާލްއާއި މަޒްހަރަކީ ދަރީންނަށް އިތުބާރުކުރާ ބައެކެވެ. މާޔަލް ހުރިހާކަމެއް ތަފްސީލް ކޮށްދިންއިރު އެކަމުގައި އެމީހުން ސުވާލު އުފައްދާނޭ ޖާގައެއް ނެތެވެ.
ކޮޓަރިއަށް ވަން މާޔަލް އައިގޮތަށް އެނދުމައްޗަށް ބަންޑުން ވެއްޓިގަތީއެވެ. ދެން މަޑުމަޑުން އުއްޑުން ޖެހިލިއެވެ. ހަށިފުރާ އޭނާ ފުން ނޭވާއެއް ލިއެވެ.
"އިވާން..." މާޔަލް ހިތާހިތުން އިވާންގެ ނަން ކިޔާލިއެވެ. ދެން އޮތީ އިވާން ރުއްސުމެވެ. އެކަމަކު މިރޭ ދެން އެހެން މީހަކަށް އަލުން އެ ވާހަކަތައް ކިޔާދޭނޭ ހިތްވަރެއް މާޔަލްގެ ނެތެވެ. އަދި އޭނާގެ އެ ނިންމުމުގެ ފަހަތުގައިވާ ހަޤީޤަތް ޤަބޫލުކުރާނޭ މީހަކު އޭނާގެ ކައިރިއަކު ނެތެވެ. އެންމެންވެގެން މާޔަލްއަށް އެކްސިޑެންޓެންޓްގައި ހިނގާ ދިޔަ ކަންކަން ސިއްރު ނުކުރިނަމަ އައިތަންއަށް ރައްދުދޭން އޭނާއަށް އެނގުނީހެވެ. އެހެންނަމަ އޭނާ އެފަދަ ވަޢުދެއް އައިތަންއަށް ވާން ނުޖެހުނީހޭ މާޔަލް ހިތަށް އަރަނީއެވެ.
"ފަހުން ބުނާނީ." އަމިއްލަ ނަފްސަށް މާޔަލް ބުންޏެވެ. އިވާނަކީ ވެސް އޮފީހެއްގައި މަސައްކަތްކުރާ މީހަކަށްވާއިރު ދުވާލުގެ ވަގުތުގައި މާޔަލް ހޯދަން އޭނާ ވެސް ނާންނާނެކަން އެނގެއެވެ. އޭނާ ދޭތެރެއަކުން ގުޅީމަ ފޯނުކޯލަށް ޖަވާބުދެންޏާ މައްސަލައެއް ދިމައެއްނުވާނޭކަމަށް މާޔަލް ނިންމިއެވެ.
* * * * *
އައިތަން ވާހަކަ ނުދެއްކުމުން އޭނާ އެ އޮތީ ހިތްހަމަނުޖެހިފަކަން ރިއާއަށް އެނގުނެވެ. ފުރަގަސްދީގެން އޮތް އައިތަންގެ ކޮނޑުގައި ރިއާ ފިރުމާލިއެވެ.
"ސޮރީއޭ... ދެން ތިހެން ނޯވެބަލަ. މަށާ ވާހަކަދައްކަބަލަ." ރިއާ ގާތްވެލަމުން ބުންޏެވެ. އައިތަން އެނބުރުނެވެ. ރިއާއަށް އޭނާ ބަލަން އޮވެ ވާހަކަދެއްކިއެވެ.
"ރިއާ ރައްޓެހިންނާއެކީ ބޭރަށް ދިޔައީމަ އަހަރެން ގުޅަންތަ އިރުއިރުކޮޅާ. އަހަރެން ދިޔައީ ނުބުނެއެއްނޫން. ލަސްވެދާނެއޭ ބުނީ އޮފީސްކަމެއްގައި އިނީމަ. ނިމޭނޭ އިރެއް ނޭނގޭތީ. ކަމެއްގައޭ ބުނީމާ ވެސް ބޭކާރު ވާހަކަދައްކަން ޖެހޭ... އެނގެއެއްނު އަހަރެން އެހެން ބުނާނީ އެވަގުތު ވާހަކަދެއްކެން ނެތީމާކަން. އެވަރުން ވެސް އަހަރެން ކޯލު ނެގިން. ނުނަގާ ބިޒީކޮށްލިނަމަ މިރޭ ތިގޮތައް ސޮރީވެގެން ރިއާ ނޫޅޭނެ." އައިތަންގެ އަޑުން ސާފުކޮށް އޭނާ އެ އޮތީ ނުރުހިފައިކަން ދޭހަވެއެވެ.
"ސޮރީއޭ ބޭބީ... އަސްލު މިހާރު ހުންނަނީ ފާޑަކަށް ހިތްބިރުގެންފަ. އައިތަން އަހަރެންދެކެ ފޫހިވެޔޭ ހިތަށް އަރާފަ. ޑިވޯސްކުރާނޭ ރީޒަންއެއް ނުފެނިގެންނޭ އުޅެނީ ހީވަނީ. ކުރީން ކައިރިވާގޮތަށް މިހާރު ކައިރިއެއް ވެސް ނުވޭ. އަދިވެސް އައިތަން އަހަންނަށް އިތުރު ޗާންސެއް ދިންހެން ހިޔެއްނުވޭ. އެހެންނޫންނަމަ މި ތަފާތުކަން އަހަންނަށް އިޙްސާސެއް ނުވީސް." ރިއާ ވާހަކަދެއްކީ މަޑުމަޑުންނެވެ. ޒުވާބުކޮށްގެން އައިތަންގެ ކައިރިން ކާމިޔާބު ނުލިބޭނޭކަން އެނގޭތީއެވެ.
"ވަރިއެއް ނުކުރަމެންނު. އޭގެ މާނައަކީ މިހުރީ އިތުރު ފުރުޞަތެއް ދީގެންނޭ. މިދުވަސްކޮޅު އަހަރެން ވަރަށް ބިޒީ. ހިނގާ ނިދަން. މާދަމާ އަވަހަށް ތައްޔާރުވާތި. އޭރުން އޮފީހަށް ގެންގޮސްދެވޭނީ." އައިތަން ބުންޏެވެ. އޭނާ ރިއާގެ ހުރިހާ ސުވާލަކަށް ޖަވާބުދޭން ބޭނުންނުވަނީއެވެ. އެ ސުވާލުތައް ރިއާ ކުރާއިރު ކީއްވެކަން ރިއާއަށް އެނގޭނޭކަން އައިތަން ޤަބޫލުކުރެއެވެ.
"ނިދަންވީތަ؟. އަހަރެން ބޭނުން މިރޭ." އައިތަންގެ އަތުގައި ހިފާލަމުން ރިއާ ބުންޏެވެ.
"މިރެއަކުނޫން. ވަރަށް ނިދި އައިސްފަ މިއޮތީ." އައިތަން މިހެން ބުނުމާއެކު އަނެއްކާ ވެސް އެނބުރުނީއެވެ. ރިއާ ތުންދަމާލިއިރު މޫނުމަތީގައިވީ ފޫހިކަމުގެ އިންތިހާއެވެ. އިރުކޮޅަކު ފުރަގަސްދީގެން އޮތް އައިތަންއަށް ބަލަން އޮތެވެ. ދެން އޭނާ ވެސް އަނެއްފަރާތަށް އެނބުރުނީ ހިތްހަމަނުޖެހި އޮވެއެވެ.
ރިއާއަށް ނުނިދިގެން އުޅެނިކޮށް އައިތަން ނިދައިފިއެވެ. އެކަމާ ވެސް ރިއާ ކައިރިއަށް އައީ ރުޅިއެވެ. އޭނާއަށް ނިދުނީ އެގޮތުގައި އޮއްވައެވެ. ދެން ހޭލެވުނީ ފޯނު އެލާމްވާން ފެށުމުންނެވެ. އޮފީހަށްދާން އޭނާ ތެދުވާނީ ހެނދުނު ހަގަޑި ބައިގައެވެ. އޭނާ އެނދުން ހިއްލާލިއިރު އައިތަންއެއް ނެތެވެ. އެ ގަޑީގައި އައިތަން ވާނީ ޖިމްގަކަން ރިއާއަށް އެނގެއެވެ. އައިތަން ޖިމުން އަންނަ ގޮތަށް ފެންވަރާލައިގެން ތައްޔާރުވާނީ އޮފީހަށް ދާށެވެ. ސައި ހަދަން ރިއާގެ ގާތުގައި ނުބުނާނެއެވެ. އެހެންވިޔަސް ރިއާގެ މަންމަ އާދަކޮށް އޭގެ ދެމަފިރިންނަށް ސައިބޯން ގޮވާނެއެވެ. އެމީހުން ސައިނުބިޔަސްއެވެ.
އައިތަން ނުކުމެ މަގުމަތީގައި މަޑުކޮށްލިއެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލައި އޭނާ ލަފާކޮށްލިއެވެ. މާޔަލް ބަލާ ހުޅުމާލެއަށް ދެވޭނެ އިރެކެވެ. އަދި މާޔަލް ގޮވައިގެން އޭނާގެ ގެއަށް ފޯރާނޭ ވަގުތެވެ. ދޮރޯށި ހުޅުވިކަން އެނގި އެ ނުކުތީ ރިއާކަން އައިތަން ދެނެގަތެވެ. އޭނާ ކުރިޔަށް ހިނގައިގަތީ ކާރަށް އެރުމަށެވެ. އޭނާގެ ފަހަތުން އައިސް ރިއާ ކާރަށް އެރިއެވެ.
"ކީއްވެ މިއަދު މިހާ ކުރީން މިދަނީ." ރިއާއަށް އެ ސުވާލުނުކޮށް ނީނދެވުނީއެވެ.
"މި ދުވަސްކޮޅު ކަމެއް ޖެހިގެން އުޅޭތީ. ރިއާ ލާފަ ކުރީބައިގަ ބައްޕަ ގާތަށް ދާންޖެހޭތީ. ދެން ގެއިން އަހަރެމެން އޮފީހަށް ދާނީ." އައިތަން ބުންޏެވެ.
"ކޮންކަމެއް ޖެހުނީ." ރިއާ އަހާލިއެވެ.
"ރި..އާ.." އައިތަން ގޮވާލީ ސުވާލުނުކުރާށޭ ބުނާފަދައަކުންނެވެ.
"އެގެއަށް އައިތަން އެވަރަށް ދާއިރު ކީއްވެތަ އަހަރެން ގޮވައިގެން ނުދަނީ." ރިއާއަށް ބުނެވުނެވެ.
"އެގޭގަ ތިބުނާހާ ގިނައިރުތަކެއް އަހަރެން ނުވަމެންނު. ދޮންބެގެ ކަންތައްތަކުގައި މަންމަމެންނަށް އަހަރެންގެ އެހީ ބޭނުންވާނެ. ކުރީގޮތެއް މިހާރު ނުވާނެއެއްނު. ދޮންބެ ރަނގަޅަށް ހުރިއިރު އަހަރެން މިހެންނެއް ނޫޅެމެންނު." އައިތަން ބުންޏެވެ.
ރިއާގެ އޮފީހާ ހަމައަށް އާދެވެންދެން ދެމަފިރިންނަށް އެއްގަލަކަށް ނޭރެއެވެ. އެގޮތުގައި ވަކިވާން އައިތަން ބޭނުންނުވީ ކަހަލައެވެ. އޮފީސް ދޮށަށް ކާރު މަޑުކުރުމާއެކު ރިއާގެ އަތުގައި އައިތަން ހިފާލިއެވެ. އެއާއެކު ދޮރުފަތުން ބޭރަށް ބަލަން އިން ރިއާ ވެސް ކުއްލިއަކަށް އައިތަންއަށް ބަލާލައިފިއެވެ. ރޭގައި ނިދީ ވެސް ރިއާ ހިތްހަމަނުޖެހިފައި ހުރެކަން އައިތަންއަށް ރަނގަޅަށް އެނގެއެވެ.
"މިރޭ ގޭގަ ހުންނާނީ. ރިއާ ކައިރީގަ. މިރޭ ރިއާ އުފާކޮށްދޭނަން." ރިއާ ބަލާލުމުން އޭނާގެ ކޯތާފަތުގައި ފިރުމާލަމުން އައިތަން ބުންޏެވެ.
"ޕްރޮމިސް." ޔަގީންކަން ރިއާ ބޭނުންވިއެވެ. އެއާއެކު އައިތަން ވަގުތުން ބޯޖަހާލުމާއެކު ރިއާގެ ބަސް ތަކުރާރުކޮށްލަފައިއެވެ.
"އައި ލަވް ޔޫ. ޓައިމް ހޯދާލައިގެން ގުޅާނަން." އައިތަން ބުންޏެވެ. ރިއާގެ މޫނުން ހިނިތުންވުން ފާޅުވެއްޖެއެވެ.
"އައި ލަވް ޔޫ ޓޫ. ދަނީ." ހިތްހަމަޖެހިފައި އިން ފަދައިން ރިއާ މިހެންބުނެ ކާރުން ފައިބައިގެން ހިނގައްޖެއެވެ.
ހުޅުމާލެއަށް އެރުމާއެކު ކައިރިކުރަނީކަން ބުނެ އައިތަން މާޔަލްއަށް މެސެޖުކުރީ އިމާރާތުގެ ތިރިއަށް ފައިބާ ހުންނަން ވަގުތު ދިނުމަށެވެ. އިމާރާތާ އައިތަން ކައިރިކޮށްލުމުގެ ކުރީން މަގުމައްޗަށް ނުކުމެ ދުވާރު މަތީ މަޑުކޮށްލައިގެން ހުރި މާޔަލް ފެނިއްޖެއެވެ. ވަގުތުތަކެއް ބޭކާރުނުވެ އޭނާ ކާރު މަޑުކޮށްލުމާއެކު މާޔަލް ކުރިޔަށް އަރުމުން އަނެއްކާވެސް ދުއްވާލީއެވެ. އޮފީހަށް މާޔަލް ގެންދިއުމުގެ ވިސްނުމެއް އައިތަންގެ ނެތެވެ. މާޔަލް ގޮވައިގެން ގެއަށް ގޮސް ފުރަތަމަ މަންމައާއި ބައްޕައާ އޭނާ ބައްދަލުކޮށްދޭން ޖެހޭނެއެވެ. އެމީހުން މިހާރު ތިބޭނީ މާޔަލް ގޮވައިގެން އޭނާ އަންނާނޭ އިރެއްގެ އިންތިޒާރުގައިކަން އެނގެއެވެ.
"ދޮންބެ އުޅެދާނެ ގޮތްދޫނުކުރަން. ބައެއްފަހަރު މާޔަލް ޖެހޭނެ އޭނާއަށްވުރެ ބޯހަރުވެލަން. އެކަންވާނެތަ؟. މޫޑު ގޯސްވެގެން ދޮންބެ ބުނެދާނެ އަންނާނެކަމެއްނެތޭ. ނޫނީ ވަޒީފާއިން ވަކިކޮށްފީމޭ. އެކަހަލަ ވާހަކަތަކަށް އަޅާލާނޭކަމެއްނެތް. ވަޒީފާ ދިނީ ބައްޕައާއި އަހަންނާ ދެ މީހުން ވާހަކަދައްކައިފަކަން ބުނާތި. އެހެންވީމަ މާޔަލްއަށް އެގޮތަށް އަމުރުކުރެވޭނީ އަހަރެމެންނަށް. ގިޔާސްގެ ވާހަކަ އަހަރެން ބުނީމެންނު. އޭނާ މިއަދު މެންދުރު އައިސް އޮފީސް ސެޓަޕްއެއް ހަދާނެ. އެހެންވިޔަސް ކުރަންވީ މަސައްކަތް މާޔަލް ކައިރީ ބުނާނީ ދޮންބެ. އަހަރެން މަސައްކަތުގެ ވާހަކަ ދޮންބެއާ ދައްކާފަ ބާއްވާނީ. ދެން ވާނެ ގަޑިންގަޑިއަށް ކައިތޯ ބަލަން. ދޮންބެއާ ވާހަކަނުދައްކާ ހުންނާނީއެއްނޫން. ހުރިހާ ވަގުތަކު އަހަރެންނަކަށް ނުހުރެވޭނެ. ކޮންމެ ދުވަހެއްގެ އަޕްޑޭޓް އަހަންނަށް ދޭންވާނެ. މިއަދު ދޮންބެ މޫޑު ހުންނާނޭ ގޮތެއް ބުނާކަށް އަހަންނަކަށް ނޭނގޭ. މާޔަލް އަންނަ ވާހަކަދެއްކިން. އެކަމަކު މިއަދުކަމެއް ނުބުނަން. ރެޑީވެގެންނެއްނޫން ހުންނާނީ. އެހެންވެ ބުނާން ނޭނގެނީ." ދަތުރުމަތީ އައިތަން މާޔަލްއަށް އައިރިކްގެ ކަންކަން ހުންނަ ގޮތް ކިޔާދެމުން ދިޔައެވެ.
"އައި ވިލް ސަވައިވް. ޑޯންޓް ވޮރީ... އައި ހޭވް ޕްރިޓީ ތިކް ސްކިން." ލުއި ހިނިތުންވުމަކާއެކު މާޔަލް ބުނެލިއެވެ.
"ދެން އިޓްސް ފައިން... ޗޫޒް އަ ނޭމް." އައިތަން ބުންޏެވެ.
"ކީއްކުރާ ނަމެއް؟." މާޔަލް ސުވާލު އުފެދުނެވެ.
"ރިސްކެއް ނުނަގަން. މާޔަލް ހުންނަ ގޮތް ނޭނގޭތީ މަންމަމެންނަށް ފެނުނަސް ތީ ކާކުކަމެއް ނޭނގޭނެ. ދޮންބެއަކަށް ނުއެއްފެންނާނެ. އެހެންވިޔަސް އެއިން މީހަކަށް މާޔަލްގެ ނަން އެނގިދާނެ. ސުވާލުތައް ގިނަވެ ހަޤީޤަތް އެނގުމުން ރަނގަޅެއްނުވާނެ. ދޮންބެގެ ހިތުގައި އޮތް އެއްޗެއް އެނގެނީއެއްނޫން. ގައިމުވެސް އަހަރެންނަށް އެފަދަ ހާލެއް ޖެއްސި މީހަކަށް އިންތިހާއަށް ނަފުރަތުކުރާނަން. ރަނގަޅުގޮތެއްވާކަށް ނޭދޭނަން." އައިތަންގެ ވާހަކައިން މާޔަލްއަށް ތިރީތުންފަތުގެ އެއްކޮޅުން ހަފާލެވުނީ ހިތަށް ލިބުނު ތުރާލުންނެވެ. އޭނާއަށް ރަނގަޅުގޮތެއްވާން ނޭދޭ އިންސާނަކު ހުރެދާނޭ މާޔަލްގެ ހިތަށް ވެސް އެރީ އައިތަންއާ ބައްދަލުވީ ފަހުންނެވެ. އޭނާ ބައެއްފަހަރު ދުލުން ބޭރުކޮށްލާ ބަސްތައް ރަޙުމުކުޑަކަމުން މާޔަލްއަށް އިޙްސާސް ވަނީ ޗާބޫކަކުން އޭނާގެ ގައިގާ ވިހެލާހެނެވެ.
"މާޔާ... އޯކޭތަ؟." ވަގުތުކޮޅަކަށް މަޑުޖެހިލާފައި މާޔަލް އަހާލިއެވެ. އެ ނަމާ މެދު ވިސްނާލާފައި އައިތަން ބޯޖަހާލިއެވެ.
ހުޅުވިގެން ދިޔަ ބޮޑު ގޭޓު މިފަހަރު މާޔަލްއަށް އާ މަންޒަރަކަށް ނުވިއެވެ. ހިތްއަވަސްވަމުން އައިވަރަކަށް އަތްދަބަހުގެ ވާގަނޑުގައި ހިފައި މާޔަލްއަށް ބާރުކޮށްލެވެއެވެ. ކާރު މަޑުކޮށްލުމާއެކު އައިތަން ފޭބިއެވެ. އެތަންފެނި މާޔަލް ވެސް ކާރުން ފޭބީއެވެ. ޕޯޓިކޯގެ ހަރުފަތްތަކާ ދިމާއަށް އިޝާރާތްކުރަމުން މާޔަލް ގާތު އަންނާށޭ އައިތަން ބުންޏެވެ. (ނުނިމޭ)