ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބަންދުގައި ތިއްބެވި އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި އައްޝައިހް ފަޒްލޫން މުހައްމަދު ގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި އެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު މި ދެ ބޭފުޅުންގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އެ މުއްދަތު މިއަދު ހަމަވާތީ މުއްދަަތު އިތުރު ކުރަން ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ.
ބަންދު މަޖިލީހުގައި ފުލުހުން އެދުނީ ދެ ބޭފުޅުންގެ ބަންދުވެސް ދަމަހައްޓައި ދިނުމަށެވެ. ދެ ބޭފުޅުންގެ ދިފާއީ ވަކީލުން ވަނީ އެ ދުވަހުގެ ހަމަނުޖެހުމުގައި މި ދެ ބޭފުޅުންގެ ބައިވެރިވުމެއް ނެތް ކަމަަށް ވިދާޅުވެ ބަންދުން ދޫކޮށް ދިނުމަށް އެދިފައެވެ.
ޝައިހް ފަޒްލޫންގެ ވަކީލް ވިދާޅުވި ގޮތުގައި ފުލުހުން މިއަދުވެސް ދެއްކެވީ އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ އެވެ. ހަމަނުޖެހުން ހިންގުމުގައި މި ބޭފުޅުން ބައިވެރިވި ކަމުގެ އަދި އެކަން ރާވާ ހިންގި ކަމުގެ ނުވަތަ ހަމަނުޖެހުމަށް ހިތްވަރު ދެއްވި ކަމުގެ އެއްވެސް ހެއްކެއް ހުށައަޅާފައެއް ނުވެއެވެ.
ދެ ފަރާތުގެ ވާހަކަތަކަަށް ފަހު ގާޒީ ނިންމެވީ ޝައިހް ފަޒްލޫންގެ ބަންދަށް ހަތް ދުވަސް ދިނުމަށެވެ. އަދި ޝައިހް ނިޝާންގެ ބަންދަށް ތިން ދުވަސް ދިނުމަށެވެ.
ދެ އިލްމުވެރީންގެ ބަންދު ދަމަހައްޓާފައި މިވަނީ މި މަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އަދި އެެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އެދި އިހުތިޖާޖުގެ ބައިވެރީންނާ ޝައިހް ފަޒްލޫން އާއި ޝައިހް ނިޝާން ވާހަކަ ދައްކަވާ ވީޑިއޯއެއްވެސް އާންމުވެފައި ވަނިކޮށެވެ.
އެ ވީޑިއޯއާއެކު ވަރަށް ގިނަ އިލްމުވެރީންނާއި އާންމުން ގެންދަނީ އެ ބޭފުޅުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.
ޝައިހް ނިޝާން އާއި ފަޒްލޫން ހައްޔަރު ކުރުމާއެކު އެ ދެ ބޭފުޅުންނަށް ދީފައިވާ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަވެސް ވަނީ ސަަސްޕެންޑް ކޮށްފައެވެ.
ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދިވެސް ހޯދަން ބޭނުންވާ ބަޔަކު އެބަތިބި ކަމަަށް ފުލުހުން ބުނެއެވެެ.