އިލެކްޝަންސް ކޮމިޝަން

މޯލްޑިވްސް ލޭބާ ޕާޓީ އުވާލަން ނިންމައިފި

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ އުވާލުމަށް ނިންމާ އެކަން ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަން އިން އިއުލާނު ކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ ގާނޫނުގައި ބުނާ ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރުމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއަށް ދިން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރެވިފައިނުވާ ކަމަށެވެ. އެހެން ކަމުން ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އެ ޕާޓީ އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ލީޑާޝިޕާ މިއަދު ކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އަދި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށާއި ކޮމިޝަނުން އަންގާ ގޮތެއްގެ މަތީން އަދި ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާ ގޮތަށް ޕާޓީ އުވާލުމުގެ އިޖުރާއަތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ލިޔުމުން އަންގާފައިވާ ކަމަށެވެ.