ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބަންދަށް ގެންގޮސްފައި ހުރި އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ކްރިމިނަލް ކޯޓްގައި އެދިއްޖެ އެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ޝެއިހް ނިޝާންގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އެ މުއްދަތު މިއަދު ހަމަވާތީ މުއްދަަތު އިތުރު ކުރަން ވަނީ ކޯޓަށް ހާޒިރު ކޮށްފައެވެ.
ބަންދު މަޖިލީހުގައި ފުލުހުން އެދުނީ ދެ ބޭފުޅުންގެ ބަންދުވެސް ދަމަހައްޓައި ދިނުމަށެވެ.
ފުލުހުން ކޯޓްގައި ދެއްކި ވާހަކަތައް ތަފްސީލުކޮށް ދީ ނިޝާންގެ ވަކީލުންގެ ޓީމުން ބުނީ ޝެއިހް ނިޝާން އަލީ އެ ދުވަހުގެ ހަމަނުޖެހުންތަކުގެ އެންމެ އިސް މީހާ ކަމަށް ކޯޓްގައި ބުނެފައެވެ. އަދި ބޮޑު ފާފައެއް މަނާ ކުރުމަށް ގޮވާލާ އަޑުއުުފުލާފައިވާ ކަމަށާ ވަކި މިސްކިތަކަށް ނަމާދަށް ދިއުމަށް ނިޝާން ގޮވާލާފައިވާ ކަމަށެވެ. އަދި މިކަން ކަމުން ފުލުހުންނަށް ނިޝާން އަކީ މިކަމުގައި އިސްކޮށް އުޅޭ މީހާ ކަމަށް ތުހުތުވާތީވެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ފ) ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދުނު ކަމަށެވެ.
ނަމަވެސް ނިޝާންގެ މައްޗަށް ފުލުހުން ކުރި ތުހުމަތުތަކާއި ގުޅުވާ އެއްވެއސް މެސެޖެއް ނުވަތަ އެފަދަ މައުލޫމާތެއްވެސް ފުލުހުން ހާމަކޮށްފައިނުވާ ކަމަށް ވަކީލުން ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިހް ނިޝާން ގެ ދަރިފުޅަށް ސައިކޮލަޖިކަލް އެހީ ބޭނުން ނުވާ ކަމަށް ނިޝާން ވިދާޅުވެފައިވާ ކަމަށް މި ފަހުން އޮތް ނޫސްވެރިންގެ ބައްދަލުވުގައި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވި ވިދާޅުވުން ނިޝާން މިއަދު ވަނީ ދޮގު ކުރައްވާފައެވެ. އެފަދަ މައުލޫމަތެއް ފުލުހުންނަށް ދީފައިި ނުވާނެ ކަމަށާއި ދަރިފުޅު ބިރުން އުޅޭކަމުގެ މައުލޫމާތު އަންހެންގެ ފަރާތުން ލިބިފައިވާ ކަމަށް ކޯޓްގައި ޝައިހް ނިޝާން ވަނީ ވިދާޅުވެފައެވެ.
ދެ ފަރާތުގެ ވާހަކަތަކަަށް ފަހު ގާޒީ ނިންމެވީ ޝައިހް ނިޝާންގެ ބަންދަށް ތިން ދުވަސް ދިނުމަށެވެ.
ޝައިހް ނިޝާންގެ އިތުރުން އައްޝައިހް ފަޒްލޫން މުހައްމަދުވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު މިއަދު ވަނީ އިތުރުކޮށްފައެވެ. ފަޒްލޫންގެ ބަންދަށް ދިނީ ފަސް ދުވަހެވެ. ދެ އިލްމުވެރީންގެ ބަންދު ދަމަހައްޓާފައި މިވަނީ މި މަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އަދި އެެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އެދި އިހުތިޖާޖުގެ ބައިވެރީންނާ ޝައިހް ފަޒްލޫން އާއި ޝައިހް ނިޝާން ވާހަކަ ދައްކަވާ ވީޑިއޯއެއްވެސް އާންމުވެފައި ވަނިކޮށެވެ.
އެ ވީޑިއޯއާއެކު ވަރަށް ގިނަ އިލްމުވެރީންނާއި އާންމުން ގެންދަނީ އެ ބޭފުޅުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.