ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ދިފާއުކޮށް އޭނާއަށް ލިބެން ޖެހޭ އަދަބެއް ހުއްޓުވަން މަސައްކަތް ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނާޒިމްގެ ބޭބޭ، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް ކަމަށް ބެލެވޭ މީހަކު، ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އާންމުވީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. ބާރަ މިނެޓްގެ ދިގު އެ ވީޑިއޯގައި ނާޒިމް ކަމަށް ބެލެވޭ މީހަކު، ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގާ ފެނެއެވެ. އެއީ ވަރަށް ސާފު ވީޑިއޯއެކެވެ. ވީޑިއޯގައި ބިދޭސީ މީހާ، އޭނާއާއެކު ގުޅުން ހިންގި މީހާއަށް ކިޔަނީ ކޮން ކަމެއްތޯ ސުވާލު ކުުރުމުން ނާޒިމް ކަމަށް ބުނެއެވެ.
މި ވީޑިއޯ އާންމުވުުން ނާޒިމް ވަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައެވެ. އެކަން ފުލުހުންވެސް ޔަގީން ކޮށް ދިނެވެ. އަދި އޭގެ ފަހުން އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ. ވީޑިއޯ އާންމުވުމާއެކު ނާޒިމް ވަނީ އެއީ އޭނާ ނޫން ކަމަށާ އެ ވާހަކަ ފަތުރާ މީހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ފުލުހުން ފިޔަވަޅު އެޅި ފަހުން އެ ވާހަކައެއް ނުދައްކައެވެ.
ބަރަހަނާ ވީޑިއޯ އާންމުވި މައްސަލައާ ގުޅިގެން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ނަޝީދު ވަނީ ހުއްޓުވާފައެވެ. ނަމަވެސް މިއީ މިފަދަ އެހެން ބައެއް މައްސަލަތަކުގައި ނަޝީދު އަމަލު ކުރައްވާފައިވާ ގޮތެއް ނޫނެވެ. ނަޝީދު މިފަދަ އެގޮތަށް އަމަލު ކުރެއްވީ މައްސަލަ ރައްދު ވަނީ އެމަނިކުފާނުގެ އާއިލީ ބޭފުޅަކަށް ވާތީ ކަމަށް ބައެއް މީހުން ދެކެއެވެ. އަދި މައްސަލައަށް ނުފޫޒު ފޯރުވުމަށް ނަޝީދު ގެންދަވަނީ މަަސައްކަތް ކުރައްވަމުންނެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުުރުމުން މިރޭ އޮތް "އާސްކް ސްޕީކާ" ޕްރަގްރާމްގައި ނަޝީދު ވިދާޅުވީ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ދިފާއު ނުކުރައްވާ ކަމަށެވެ. އަދި އޭނާއަށް ލިބެން ޖެހޭ އަދަބެއް ނުވަތަ އެހެން ކަމަކަށް ހުރަސް އަޅުއްވަންވެސް ނޫޅުއްވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެތައް ބައިވަރު ފޮޓޯތަކެއް ބަޔަކު ނެރެމުންދާއިރު އެއިން އެއްވެސް ފޮޓޯއެއްގެ ސައްހަކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
"އެއްގޮތަކަށްވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެން ޖެހޭ ހައްގު އަދަބު ނުދޭކަށް އަޅުގަނޑެއް ދުވަހަކުވެސް ނުދަންނަވާނަން އަދި އެއްްވެސް މީހަކަށް ހައްގު އަދަބު ލިބުން ހުއްޓުވުމަކަށްވެސް އަޅުގަނޑު ނުދަންނަވާނަން. އަޅުގަނޑު ހަމައެކަނި މި ދަންނަވާ ވާހަކައަކީ ކަމެއް ހަމަ ހިނގާ އިރަށް އަޅުގަނޑުމެން އޭގެ ދެކޮޅެއް ނުބަލާ، ވާއެއް ނުވާއެއް ނޭންގި އަމަލު ކުރަން ފެށުމަކީ އިސްލާމީ ޝަރީއަތުގައިވެސް ދިވެހިރާއްޖޭގެ ގާނޫނުތަކުގައިވެސް އޮތް ގޮތެއް ނޫން. ދެން ގާނޫނުގައިވާ ގޮތުގެ މަތީން ކަންކަން ކުރަމުން އަޅުގަނޑުމެން ގެންދިޔައީމަ އިރާދަކުރެއްވިއްޔާ ރަނގަޅު ވާނެ،" ނަޝީދު ވިދާޅުވިއެވެ.