ޕީޕީއެމް

ގެއްލުނު ލިބުނު ރަށްތަކަށް އެހީވުން އަވަސްކުރަން ގޮވާލައިފި

Jul 1, 2022

ރާއްޖެއަށް އަރަމުންދާ އުދައިގެ ސަބަބުން ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ އެ ރަށްތަކަށް އަވަސް އެހީ ފޯރުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް އިން ސަރުކާރަށް ގޮވާލައިފި އެވެ.

ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވަރަށް ބޮޑަށް އުދައަރާ، ގިނަ ރަށްތަކެއްގައި ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޚަބަރު، ހާސްކަމާއި ކަންބޮޑުވުމާއި ބިރުވެރިކަމުގައި ތިބި ގިނަ ރައްޔިތުންތަކެއްގެ ފަރާތުން އެ ޕާޓީއަށް ލިބެމުންދާ ކަމަށެވެ.

"މިކަމުގައި އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާ އެމްއެންޑީއެފް އާއި އެންޑީއެމްއޭ މެދުވެރިކޮށް އެ ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ޕީޕީއެމް އިން ބުނީ އުދައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އައްޑޫ ސިޓީ އާއި ބައެއް އެހެން އަތޮޅުތަކުގައި ގިނަ ރައްޔިތުންތަކެއްގެ ގެދޮރާއި މުދަލަށް ލިބެމުންދާ ގެއްލުމުގައި ކަމާބެހޭ މުޢައްސަސާތަކުން މިވަގުތު ފިޔަވަޅު އެޅުން އަވަސް ކުރަންޖެހޭ ކަމަށެވެ.

"ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ފިޔަވަޅު އެޅުން ލަސްނުކުރުމަށާއި، މިކަމުގައި ގެއްލުން ލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން މިދަނޑިވަޅުގައި ހަނދާންކޮށްދެމެވެ." ބަޔާނުގައިވެ އެވެ.

ޕީޕީއެމްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހިތާމަވެރި މިފަދަ ހާދިސާގެ ވަގުތުތަކުގައި ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ފިޔަވަޅު އެޅިފައި ހުރީ ވަގުތު ފާއިތުވުމަށް ފަހުގައި ކަމަށެވެ. ސަރުކާރުގެ ހިންގުމުގައި ހުރި މިފަދަ އުނިކަންތައްތައް ހައްލުކޮށް، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ވަގުތުން އެތަންތަނަށް ކަމާބެހޭ ފަރާތްތައް ފޮނުވައިގެން ހާލަތު ބެލުމާއި އެކު، ރައްކާތެރިކަމުގެ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.