ބޭރު ކުޅިވަރު

ބެނީޓޭޒް އަދިވެސް އެދެނީ ރެއާލް އަށް ކާމިޔާބު ލިބުމަށް

އޭނާ އެދެނީ ރެއާލް މެޑްރިޑަށް ކާމިޔާބު ލިބުމަށް ކަމަށާއި ރެއާލް އަށް ކޯޗުކޮށްދިނުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް މަގާމުން އިއްޔެ ދުރިކުރި ކޯޗު ރަފާ ބެނީޓޭޒް ބުނެފި އެވެ.

އެންމެ ހަތް މަހަށް ފަހު ރެއާލްގެ ކޯޗުކަމުން ވަކިކުރުމުން ބެނީޓޭޒް ނެރެފައިވާ ކުރު ބަޔާނުގައި ބުނެފައިވަނީ އޭނާ އަކީ މެޑްރިޑަށް އުފަންވެ، އެތަނުގައި އުޅެ ބޮޑުވި މީހެއް ކަމަށާއި އޭނާ އެދެނީ ރެއާލް މެޑްރިޑަށް އަބަދުވެސް ކާމިޔާބު ލިބުމަށް ކަމަށެވެ.

"އަހަރެންގެ ފުރަތަމަ ދުވަހުން ފެށިގެން އެހީތެރިވެ އަހަރެންގެ މަސައްކަތުގައި ފަސޭހަކޮށްދިން އެންމެނަށް ޝުކުރު އަދާކުރަން. އަހަރެން އެދެނީ ޒައިނުއްދީން ޒިދާން އަށް އަށާއި ޓީމަށް ކާމިޔާބު. ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ވެސް،" ބެނީޓޭޒް ބުންޏެވެ.

ލިވަޕޫލާއި ޗެލްސީ އަދި އިޓަލީގެ އިންޓަމިލާނާއި ނަޕޯލީގެ އިތުރުން ސްޕޭނުގެ ވެލެންސިއާ އަށް ވެސް ކޯޗުކޮށްދިން ބެނީޓޭޒް އަކީ މެޑްރިޑަށް ބީ ޓީމަށް ކުޅެ. އެކުލަބުގެ ޔޫތު ޓީމުގެ ކޯޗުކަން ވެސް ކުރި މީހެކެވެ. އޭނާ މަގާމުން ވަކިކުރީ ނަތީޖާތައް ގޯސްވެ، ކުލަބުގެ ސީނިއާ ބައެއް ކުޅުންތެރިންނާމެދު އޮތް ގުޅުން ވެސް ގޯސްވުމުންނެވެ.

ބެނީޓޭޒްގެ ކޯޗުކަމުގައި ރެއާލް ކުޅުނު 25 މެޗުގެ ތެރެއިން ބަލިވީ އެންމެ ތިން މެޗުންނެވެ. ނަމަވެސް ބޮޑެތި ޓީމުތައް އަތުން ކާމިޔާބު ހޯދުން ވެފައިވަނީ އުނދަގޫ ކަމަކަށެވެ.