މަންތާ އެއާ

މަންތާ އެއާ އިން މިމަހު ދެ ސީޕްލޭން ގެންނަނީ

Jul 2, 2022
1

މަންތާ އެއާގެ ސީޕްލޭން އޮޕަރޭޝަން އިތުރަށް ފުޅާކުރުމުގެ ގޮތުން މި މަހުގެ ތެރޭގައި އިތުރު ދެ ސީޕްލޭން ރާއްޖެ ގެނައުމަށް ނިންމައިފި އެވެ.

މަންތާ އެއާގެ އޮފިޝަލަކު ވިދާޅުވީ އިތުރު ދެ ސީޕްލޭން ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. އަދި އުއްމީދަކީ މިމަސް ނިމުމުގެ ކުރިން ރާއްޖެ އަށް ދެ ބޯޓުވެސް ގެނައުން ކަމަށެވެ.

އޭނާ ވިދާޅުވީ ސީޕްލޭން އޮޕަރޭޝަން ފުޅާކުރަނީ ޑިމާންޑާ އެއްވަރަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. މަންތާ އެއާގެ ސީޕްލޭން އަށް މިއަހަރުގެ ތެރޭގައި އިތުރު ބޯޓުތައް ގެންނާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދެއްވާފަ އެވެ.

މަންތާ އެއާ އިން ގެންނަ ދެ ބޯޓަކީ ކެނަޑާ އިން ގެންނަ ޓުވިން އޮޓާ ޑީއެޗްސީ 6300 މަރުކާގެ ދެ ބޯޓެވެ.

މަންތާ އެއާ އިން ޑޮމެސްޓިކް ދަތުރުތަކުގައި އޭޓީއާރް 72 މަރުކާގެ ތިން މަތިންދާ ބޯޓާއި 11 ސީޕްލޭން އޮޕަރޭޓް ކުރެ އެވެ.

މަންތާ އެއާގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. ދެވަނަ ބޯޓެއް ރާއްޖެ ގެނެސް މަންތާ އެއާގެ ދަތުރުތައް ފެށީ ފެބްރުއަރީ 24، 2019 ގައެވެ.

ރާއްޖޭގައި އެންމެ ފަހުން ޑޮމެސްޓިކް ދަތުރުތައް ފެށި މަންޓާ އެއާލައިނުން މިހާރު ހުޅުލެއިން ދަތުރުކުރަނީ ދަރަވަންދޫ، ކުޑަހުވަދޫ އަދި އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.