މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ ފްލެޓް ލިބޭ މުވައްޒަފުން ކަނޑައަޅައިފި

Jul 2, 2022

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހަދާފައިވާ ފްލެޓްތަކުގެ ތެރެއިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހަދާފައިވާ ތިން ޓަވަރުން ފްލެޓު ލިބުނު މުވައްޒަފުން ކަނޑައަޅައިފި އެވެ.

ފްލެޓް ލިބޭ މުވައްޒަފުން ކަނޑައެޅީ މުވައްޒަފުންގެ ހާޒިރުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ އޮޑިޓޯރިއަމްގައި ބޭއްވި ގުރުނެރުމުގެ ރަސްމިއްޔާތެއްގަ އެވެ.

މިރަސްމިއްޔާތުގައި އެންމެ ފުރަތަމަ ގުރުއަތުން ނެގީ ތިން ކޮޓަރީގެ ފްލެޓް ލިބޭ މުވައްޒަފުންނެވެ. އެއަށްފަހު އެއް ކޮޓަރީގެ ފްލެޓް ލިބޭ މުވައްޒަފުންވެސް ވަނީ ގުރުއަތުން ކަނޑައަޅާފަ އެވެ.

އެމްޕީއެލް އިން ހަދަމުންދާ 15 ބުރީގެ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓާއި އެއް ކޮޓަރީގެ 204 ފްލެޓް ހިމެނެ އެވެ.

އެމްޕީއެލްގެ ފްލެޓް ލިބޭ މީހުން ގުރުއަތުން ކަނޑައެޅި ނަމަވެސް ފްލެޓަށް ޝަރުތު ހަމަވާ މުވައްޒަފުންގެ ލިސްޓް އެކުންފުނިން ކުރިން އާންމުކޮށްފައިވެ އެވެ.

ބަޔަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ތިން ޓަވަރު އެޅުމުގެ މަސައްކަތް އެމްޕީއެލް އިން ފެށީ 2017 ވަނަ އަހަރު އެވެ. މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހުރިހާ ފްލެޓެއްގެ މަސައްކަތް ނިންމަން ކޮންޓްރެކްޓަރަށް އަންގާފައިވާ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދީފައިވެ އެވެ.