ލައިފްސްޓައިލް

އިމްތިހާނާއި މިސް އިންޑިއާ މުބާރާތް ފުށުއަރާތީ މުބާރާތުން ވަކިވެއްޖެ

ޝިވާނީ ރާޖަޝޭކަރަކީ މި ފަހަރުގެ މިސް އިންޑިއާ މުބާޜާތުގައި ޓެމިލް ނާޑޫ ތަމްސީލުކުރަން ހަމަޖެހިފައިވާ ބަތަލާ އެކެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ކުރިން ޝިވާނީ ވަނީ އޭނާގެ ރީތިކަމާއި އެކްޓިންގެ ހުނަރުން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފަ އެވެ. ނަމަވެސް ގައުމީ ފެންވަރުގައި ބާއްވާ މިސް އިންޑިއާ މުބާރާތުގެ ފައިނަލްގައި ބައިވެރި ނުވާން ޝިވާނީ މިހާރު ވަނީ ނިންމާފަ އެވެ.

ޝިވާނީގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކޮށްފައިވާ މެސެޖެއްގައި އޭނާ ބުނެފައިވަނީ އޭނާއަކީ މެޑިކަލް ސްޓޫޑަންޓަކަށް ވެފައި އޭނާގެ މެޑިކަލް ތިއަރީ އެގްޒޭމް އެ ދުވަސްވަރު އޮތުމާއި މެލޭރިއާ ޖެހިގެން ބަލިވެ އުޅެން ޖެހުމުގެ ސަބަބުން މިސް އިންޑިއާގެ މުބާރާތުގެ ބައިވެރިންނަށް ބޭއްވި ޓްރޭނިން ސެޝަންތަކާއި ގްރޫމިން ސެޝަންތަކުގެ ތެރެއިން ގިނަ ސެޝަންތަކުގައި އޭނާއަށް ބައިވެރި ވެވިފައި ނުވާ ކަމަށެވެ.

މި ހުރިހާ ކަންކަން މިހެން ހުއްޓަސް މުބާރާތައިގެން ކުރިއަށް ދާން އޭނާ ވަރަށް މަސައްކަތް ކުރި ކަމަށްވެސް ޝިވާނީ ބުންޏެވެ. ނަމަވެސް މިސް އިންޑިއާގެ ގްރޭންޑް ފިނާލޭ ކުރިން ބާއްވަން ހަމަޖެހިފައި އޮތް ދުވަހަށް ވުރެ އަވަސް ކުރުމުން އެ ދުވަސް އޭނާގެ އިމްތިހާނު އޮންނަ ދުވަހާ އެއް ދުވަހަކަށް ވާތީ މިސް އިންޑިއާ މުބާރާތުގައި ބައިވެރި ނުވާން ނިންމީ ކަމަށް ޝިވާނީ ބުނެ އެވެ. މިސް އިންޑިއާ މުބާރާތުގެ ގްރޭންޑް ފިނާލޭ އޮންނާނީ މިއަދު އެވެ.

އޭނާގެ މި ނިންމުމަށް އޭނާގެ ފޭނުން ވަނީ ތާއީދުކޮށްފަ އެވެ. އަދި މިސް އިންޑިއާ މުބާރާތަށް ވުރެ ތައުލީމަށް އިސްކަން ދީނީތީ ގިނަ ބަޔަކު ދަނީ ޝިވާނީ އަށް ތައުރީފް ކުރަމުންނެވެ. މި އަހަރު ބައިވެރި ނުވެވުނަސް ދެން އަންނަ އަހަރުން ބައިވެރިވުމަށް ވެސް ބައެއް ފޭނުން ޝިވާނީ އަށް މަޝްވަރާ ދީފައިވެ އެވެ.

ނަމަވެސް ޝިވާނީގެ މި ނިންމުމުން ވަރަށް މާޔޫސް ވެއްޖެ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ. ސަބަބަކީ މި މުބާރާތުގެ ޓޮޕް ތިނަކަށް ވާދަކުރެވޭ ވަރުގެ ރީތިކަމާއި ގާބިލްކަން ޝިވާނީގެ ހުރިކަމަށް ގަބޫލުކުރެވޭތީ ކަމަށް އެފަދަ މީހުން ބުނެފައި ވެއެވެ.

ޝިވާނީ ކުއްލިއަކަށް މުބާރާތުން ވަކިވުމުން މިފަހަރުގެ މިސް އިންޑިއާ މުބާރާތުގައި ޓެމިލް ނާޑޫ ތަމްސީލުކުރާނެ ރީތިގެ ރާނީއަކު ނުހުންނާނެ އެވެ.