ކްރިމިނަލް ކޯޓް

ނަދީމްގެ މަރު: ހުކުމް ކުރުން ފަސްކޮށްފި

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ތިން މަސް ފަހުން ހުކުމް ކުރަން ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފި އެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވެފައިވަނީ މާޗް މަހުގެ 31 ވަނަ ދުވަހު ހުކުމް ކުރާ މަޖިލިސް ބާއްވަވާނެ ކަމަށެވެ. އޭގެ ތިން މަސް ފަހުން މިއަދަށް ހުކުމް ކުރަން އަޑުއެހުން ތާވަލުކުރުމަށްފަހު ކޯޓުން ވަނީ ކެންސަލްކޮށްފަ އެވެ. އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު 3:00 އަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ ގާޒީ ސަލާމް ބުނުމާ ގުޅިގެން އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރާނެ ދުވަސް ކޯޓުން ހާމައެއް ނުކުރެ އެވެ.

މި މައްސަލަ ހުކުމާ ހިސާބަށް އައިސްފައިވާއިރު، މައްސަލަ ހިނގަމުންދިޔައިރު އެކި ދުވަސްވަރު އެކިއެކި ހާދިސާތައް ވަނީ ހިނގާފައިވެ އެވެ. ހުލާސާ ބަޔާން އިއްވަމުން ދައުލަތުން ބުނެފައިވަނީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން 11 ސިއްރު ހެކިން ހުށަހެޅި ނަމަވެސް ހެކިންނަށް ބިރުދައްކަން ފެށުމުން ބައެއް ހެކިވެރިން ދައުލަތަށް އެއްބާރުލުން ދިނުން ހުއްޓައިލީ ކަމަށެވެ.

މި މައްސަލައިގައި ބައެއް ހެކިވެރިން ހެކިބަސް ދިނުމާ ގުޅިގެން މާލެ ތެރޭގައި މާރާމާރީތަކެއް ވެސް ހިންގާފައިވެ އެވެ. އަދި ނަދީމް މަރާލީ މަފާޒު ކަމަށް ބުނެ ހެކިބަސް ދީފައިވާ ދެ މީހަކު ފަހުން އެމީހުންނަށް ހެކިބަސް ދެވުނީ ނޭނގުމެއްގެ ތެރޭގައި ކަމަށް ބަޔާންކޮށް ކޯޓަށް ސިޓީތަކެއް ވެސް ފޮނުވާފައިވެ އެވެ. އެކަމަކު އެ ދެ ސިޓީގައި ވެސް ބަޔާންކޮށްފައިވަނީ އެއް ވާހަކަތަކެއް ކަމުން އެ ސިޓީތަކާ މެދު ދައުލަތުން ވަނީ ސުވާލު އުފައްދާފަ އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ހޮސްޕިޓަލަށް ގެންދިއުމަށްފަހު ދެ ދުވަހު ފަރުވާ ދިން އިރުވެސް އޭނާ ހެއެއް ނާރަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ދައުލަތުން ބުނެފައިވަނީ ނަދީމްގެ ސިކުނޑީގެ އެއްބައި ބޮލުގެ ނާށިގަނޑުން ބޭރަށް ނިކުމެފައިވާ ކަމަށާއި ސިކުނޑި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށެވެ. ފުލުހުން އޭރު ބުނީ ނަދީމް މަރާލާފައިވަނީ ދެ ގޭންގެއްގެ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ބަދަލު ހިފުމަށް ކަމަށެވެ.