ޑރ. އަހުމަދު ޒާހިރު އަލީ

ރާއްޖޭގެ އަމީރުލް ހައްޖު ސައުދީއަށް ފުރާވަޑައިގެންފި

Jul 3, 2022
1

މިއަހަރު ރާއްޖޭގެ އަމީރުލްހައްޖުގެ ގޮތުގައި ހަމަޖައްސަވާފައިވާ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ސައުދި އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

މިނިސްޓަރު ޒާހިރު ރޭ ފުރާވަޑައިގެންނެވީ މިއަހަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެ ފަހު ގުރޫޕާ އެކު އެވެ. މިނިސްޓަރުގެ އަރިހުގައި އަނބިކަނބަލުން ވެސް ފުރާވަޑައިގެންނެވި އެވެ.

އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަ ފަރާތެވެ. މީގެ ކުރީ އަހަރުތަކުގައި މި މަގާމަށް އެކި މިނިސްޓަރުން ހަމަޖައްސައިފައިވެ އެވެ.

ޑރ. ޒާހިރު މި މަގާމަށް އައްޔަންކުރައްވާ ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާންކުރެއްވީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހު އެވެ.

މިއަހަރު ހައްޖަށް ފުރުސަތު ދިން މިންވަރު ވަނީ މަދުކޮށްފަ އެވެ. އެހެންކަމުން ރާއްޖެއަށް ލިބުނީ 453 ކޯޓާ އެވެ.

ސައޫދީ އަރަބިއްޔާއިން މި އަހަރު ފުރުސަތު ދިނީ އެއްމިލިއަން ހައްޖުވެރިންނަށް ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ވަނީ ބުނެފަ އެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައިވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ.

ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.