ވާހަކަ

އިޙްސާސްވޭ

( 30 ޖޫން 2022 އާ ގުޅޭ )

"މާޔާ... އެ ނަން އޯކޭތަ؟." ވަގުތުކޮޅަކަށް މަޑުޖެހިލާފައި މާޔަލް އަހާލިއެވެ. އެ ނަމާ މެދު ވިސްނާލާފައި އައިތަން ބޯޖަހާލިއެވެ.

ހުޅުވިގެން ދިޔަ ބޮޑު ގޭޓު މިފަހަރު މާޔަލްއަށް އާ މަންޒަރަކަށް ނުވިއެވެ. ހިތްއަވަސްވަމުން އައިވަރަކަށް އަތްދަބަހުގެ ވާގަނޑުގައި ހިފައި މާޔަލްއަށް ބާރުކޮށްލެވެއެވެ. ކާރު މަޑުކޮށްލުމާއެކު އައިތަން ފޭބިއެވެ. އެތަންފެނި މާޔަލް ވެސް ކާރުން ފޭބީއެވެ. ޕޯޓިކޯގެ ހަރުފަތްތަކާ ދިމާއަށް އިޝާރާތްކުރަމުން މާޔަލް ގާތު އަންނާށޭ އައިތަން ބުންޏެވެ.

* * * * *

"ކީއްވެ އަންހެން ކުއްޖެއް؟." ޝަބްނަމްއަށް އަހާލެވުނެވެ.

"އަހަރެންނަށް އެނގޭ ޝައްބޫ ތިސުވާލު ތިކުރީ ކިހިނެއް ވިސްނާފަކަން. އަހަރެން ވެސް ތިކަމާ ވިސްނިން. އެކަމަކު އަންހެނުންނަކީ އެހާ ނިކަމެތިބައެއްނޫނެއްނު. މަޔަކު ދަރިއަކު ބަލާ ގޮތާއި ބަފައެއްގެ ގާތުގައި ހުރެ ބޮޑުވާ ކުއްޖެއް ތަފާތުވާނެ. ކިތަންމެ ލޯބިވިޔަސް އެ ތަފާތު ފެންނާނެ. ކެތްތެރިކަމާއި އޯގާތެރިކަމާއިއެކު އަންހެނަކު އަޅާލައިގޮތާ ފިރިހެނަކު އެކަމާ ކުރިމަތިލާގޮތް ވަރަށް ތަފާތުވާނެ. ކިތައްފަހަރު އަހަންނަށް ހަރުކަށިކަމާއެކު ރިކްއާ ވާހަކަދެއްކެނީ. ޝަބްނަމް ލޯބިން ދަރީންނަށް ވިސްނައިދޭގޮތް އަހަރެން ދުށީން. ފިރިހެނަކު ފިރިހެނަކާއި ކަންކަން ޚިއްޞާކުރާން ދަތިވިޔަސް އެ ހުރަސް ވެސް މިހާރު ދެން ނޯންނާނެ. އައިތަންއަކީ ވެސް އަހަރެމެންގެ ދަރިއެއް. އޭނާއަށް ވަރަށް އިތުބާރު ކުރެވޭތީ އެ އަންހެންކުއްޖާ އެ ގެންނަނީ. އަހަރެން ވެސް ބޭނުމީ އެ އަންހެންކުއްޖާއަށް އިތުބާރުކުރާން. އޯގާތެރި ހިތަކާއެކު ކެތްތެރިކަމާއެކު އައިރިކްގެ ގާތުގައި ހުރެ އެކުއްޖާއަށް އެހީވާނެ މީހަކަށް އެ އަންހެންކުއްޖާވާނޭ އައިތަންގެ ވާހަކަތަކުން އަހަރެންނަށް ވިސްނުނު. އަންހެންކުއްޖަކަށް ވިޔަސް އަހަރެމެންގެ އައިރިކްއަށް ހެޔޮ ބަދަލެއް އަންނަންޏާ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް." އިސާކުގެ ޚިޔާލު ފާޅުކުރިއެވެ.

"އެހާ ގިނައިރު އެމީހުން އެކުގައި ވަގުތު ހޭދަކުރާއިރު... އިސާކު. އަހަރެމެން ވިސްނަން ވާނެ. ޔޫނުސް ކައިރީ އިސާކު ކަމަކަށް އެއްބަސްވެފައިކަން އޮތީ ހަނދާންނައްތާނުލާ." ޝަބްނަމްއަށް ބުނެވުނެވެ.

"ވާންހުރި ކަންތައްތަކާއި މެދު ކަންބޮޑުނުވޭ ޝައްބޫ. އަހަރެމެން ބޭނުންވާގޮތައް ހުރިހާކަމެއް ރޭވި ނަމަވެސް އެގޮތައް ކަންކަން ވާނޭކަމީ އެނގި ޔަގީންވާ ކަންކަމެއްނޫން. އެހެންވެ އެކަމާ ވިސްނާ ފިކުރުކުރުން ދޫކޮށްލައިފިން. މިވަގުތު ކުރެވެން ހުރިކަމެއް ރިކްއަށް ޓަކައި ކޮށްދެވޭތޯ އަހަރެން މިއުޅެނީ." އިސާކު ބުންޏެވެ.

ކާކޮޓަރިއަށް އައިތަން ވަދެގެން އަންނަތަން ފެނި ޝަބްނަމާއި އިސާކުގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ. ދަރިފުޅުގެ ކަނާއަތް ފަރާތުގައި ހުރި އަންހެންކުއްޖާއަށް އެމީހުންގެ ސަމާލުކަން ދެވުނެވެ. އޭނާގެ ބެލުމާއި ހަރަކާތްތަކުގައި ކިޔަމަންތެރިކަންވާތީ އެމީހުން ދުށްޓެވެ. އޭނާގެ ފުށުން ފެންނަ ސާދާކަން ޝަބްނަމްއަށް ކަމުދިޔައެވެ. އިސާކު މަޑުމަޑުން ފަހަތަށް ގޮނޑި ޖައްސައި ތެދުވިއެވެ.

"އަހަރެންމީ އިސާކު. އައިތަންގެ ބައްޕަ." ސަލާމަށް އަތްދިއްކޮށްލައި އިސާކު އަމިއްލަ ތަޢާރަފެއް ދިނެވެ.

"މާޔަލ... މާޔާ..." ސަލާމްކޮށްލަމުން މާޔަލްއަށް އަމިއްލަ ނަން ނުބުނެވުނީ ހަމަ ކިރިޔާއެވެ. އެހިނދު އަވަސް ނަޒަރެއް އައިތަންއާ އޭނާއަށް ބަދަލުކޮށްލެވުނެވެ.

"އިހަށް ހިނގާ ނާސްތާކުރާން. ވާހަކަދައްކާނީ އޭގެ ފަހުން. އައިތަން... މާޔާ ގޮވައިގެން އަވަހަށް އިށީނދޭ." ޝަބްނަމް ވާހަކަދެއްކީ ހިތްހެޔޮ ހިނިތުންވުމާއެކުއެވެ.

ޝަބްނަމްއާ ޖެހިގެން ހުރި ގޮނޑި އައިތަން އެއްއަތުން ބޭރަށް ދަމާލިއެވެ. އަދި އޭނާ އިށީން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީންނަން މާޔަލްއަށް އިޝާރާތުން ދައްކާލިއެވެ. އެމީހުންނަށް ފެންނަ ހިސާބުގައި އުޅޭ ފަޒްނާ ވަކިކުރާން މާޔަލްއަށް އެނގުނެވެ. ކާމޭޒު ދޮށުގައި ގޮނޑިތައް އިތުރުވެފައި ނާސްތާއަށް އަތުރާފައި ހުރި ބާވަތްތައް ގިނަވީ ނަމަވެސް އެ މޭޒުދޮށުގައި ތިބި މީހުން މަދުކަން މާޔަލްއަށް ފާހަގަވިއެވެ.

"ރިކް ހޭލައިފިތަ؟." ފަޒްނާއަށް ބަލާލަމުން ޝަބްނަމް އަހާލިއެވެ.

"ނޭނގެ. އަޅުގަނޑު ބަލާލިން. ކޮޓަރި ލައްޕާފަ އަދި ހުރީ." ފަޒްނާ ބުންޏެވެ.

އެ ދެ އަންހެނުންގެ ވާހަކައަށް މާޔަލްއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ރިކްއަކީ އައިރިކްބާއޭ މާޔަލްގެ ހިތަށް އެރީ ކީއްވެކަމެއް ނޭނގެއެވެ. ރިކްއޭ ބުނުމުން އެ ނަން އޭނާގެ ކަންފަތަށް އަލަށް އިވުނު ނަމެއްހެން ހީނުވަނީއެވެ. އައިތަން އަބަދުވެސް ދައްކަނީ އޭނާގެ ބޭބެ، އައިރިކްގެ ވާހަކަ އެކަންޏެވެ. އެހެންވެ ޢާއިލާގައި އެ ދެބެން ފިޔަވާ އިތުރު ކުއްޖަކު ހުރިކަމެއް އަދި ނެތްކަމެއް ވެސް ބުނާން މާޔަލްއަކަށް ނޭނގެއެވެ. އެންމެންނަކީ ހެދުނު ހޭލާނޭ ބައެއް ނޫންކަން ވެސް މާޔަލް ޤަބޫލުކުރެއެވެ. ފަހަރެއްގައި ގޭތެރެއިން އިތުރު ކުއްޖަކު ނުފެންނަނީ އެހެންވެއޭ އޭނާ ލަފާކުރިއެވެ. ހަމައެހިނދު އޭނާގެ ސިކުނޑި ބުނެދީ އޭނާ ކުރީން އެގެއަށް އައި ދުވަހު ވެސް ގޭތެރެއިން ފަޅުކަން ނޫނީ ނުފެނުނު ކަމެވެ. އެ ދުވަހުވެސް އައިރިކް ފިޔަވައި ދެން މާޔަލް ދުށީ ފަޒްނާއެވެ. އައިތަންގެ ޢާއިލާއާ ބެހޭ ގޮތުން މިހާތަނަށް މާޔަލް އެއްވެސް ސުވާލެއްކޮށްފައެއް ނުވެއެވެ. އެ ދެމެދުގައި ދެކެވިފަ އޮތީ ހަމައެކަނި އައިރިކްގެ ވާހަކަތައް އެކަންޏެވެ.

ނާސްތާކޮށް ނިމޭންދެން އެއްވެސް މީހަކު މާޔަލްއާ ސުވާލެއް ނުކުރެއެވެ. އެހެންނަމަވެސް އިސާކާއި އައިތަންއާ ދެމެދު އޮފީހުގެ ވާހަކަތައް ދެކެވުނެވެ. ދުވަހީ ތާވަލްގެ ތެރޭގައި ހުރި މުހިންމު ކަންކަމުގެ ވާހަކައެވެ. ޝަބްނަމް ދޭތެރެއަކުން އެމީހުންގެ ވާހަކައިގަ ބައިވެރިވަލައެވެ. އިސާކު ތެދުވީ އައިތަންއާއި މާޔަލް ސައިބޮއެ ނިމިއްޖެކަން އެނގުނީމައެވެ. ފިރިމީހާއާއި ދަރިފުޅުގެ ފަހަތުން ޝަބްނަމް ވެސް އައީ ބޮޑުކޮޓަރިއަށެވެ.

ބޮޑެތި ސޯފާތަކާއި ފާރުގައިވި ކުރެހުމާއި އެކި ދިމާގައި ބަހައްޓާފައި ގަސްމުށިތަކުގެ އިތުރުން ފައިދޮށުގައި އޮތް ރަގާއި އެ ދިމާ މެދަށްވާނޭހެން އެލުވާފައި ހުރި ޗާންދަލިޔާއިން އެ ގޭގައި ދިރިއުޅެނީ އަގުބޮޑު ދިރިއުޅުމެއް އުޅޭ ބައެއްކަން ސިފަކުރާން ދައްޗެއް ނުވާނެއެވެ. އާންމުކޮށް ނުފެންނަ ފަދަ ޝާޙީކަމެއް އެ މާޙައުލުގައި ވާފަދައެވެ. މާޔަލްއާއި އައިތަން އިށީނީ އެއް ސޯފާއެއްގައެވެ. އެމީހުންނާ ކުރިމަތިވާނޭހެން ހުރި ސޯފާގައި ޝަބްނަމް އިނެވެ. ވައަތް ފަރާތުގައި އެކަކަށް އިށީނދެވޭނޭހެން ހުރި ސޯފާގައި އިނީ އިސާކެވެ. އިންޓަވިއު ފެށުނީކަން މާޔަލް ދެނެގަތެވެ. ފައިތިލަ އެއްފަޔާއި އަނެއްފައި ހުރަސްކޮށްލައިގެން ހަށިގަނޑު ސީދާކޮށްލައި އުނގުގައި ދެއަތްތިލަ ޖޯޑުކޮށްލައިގެން މާޔަލް އިނީ ސަމާލުވެއެވެ. އެމީހުން ކުރާ ސުވާލުތަކަށް ފަރުވާތެރިކަމާއެކު ޖަވާބުދޭން ތައްޔާރުވެގެންނެވެ. އެހެންވިޔަސް ގިނަ ސުވާލުތަކަށް މާޔަލްއަށްވުރެ ކުރީން ޖަވާބުދެމުން ދިޔައީ އައިތަންއެވެ. މާޔަލް ގޯހެއް ހަދާފާނޭ ހީވެ އެ ފުރުޞަތު އައިތަން ނުދިނީއެވެ. އޭނާ މާޔަލްގެ ވަނަވަރު މަންމައާއި ބައްޕައަށް ކިޔާދިނެވެ. ރަޙުމަތްތެރިއަކަށް ވިޔަސް ދެމީހުން ބައްދަލުނުވާތާ ވަރަށް ޒަމާންފަހުންކަން ބައްދަލުވީ އައިތަން ހާމަކުރިއެވެ. އަދި މާޔަލް ވަޒީފާއެއް ބޭނުންވެފައި ހުރުމުން އެ ފުރުޞަތު އައިތަން ހުށަހެޅީކަމެވެ. މާޔަލްގެ ތަޢުލީމީ ފެންވަރު އެނގެން އިސާކު ބޭނުންވުމުން އެ މަޢުލޫމާތު ކިޔާދިނީ ޚުދު މާޔަލްއެވެ.

އޮފީހެއްގެ ވެރިޔަކާއި ބައްދަލުކުރުމަށްވުރެ އިސާކުގެ ފުށުން މާޔަލްއަށް އިޙްސާސް ކުރެވުނީ ދަރިއަކާމެދު ގޮތް ހުސްވެފައިވާ ބަފައަކު އޭނާއާ ވާހަކަދައްކަމުން ދިޔަކަމެވެ. ކަންބޮޑުވުމާއި ހާސްކަން އިސާކުގެ އަޑުގައިވިއެވެ. އައިރިކްއާއެކު މަސައްކަތް ކުރުން ފަސޭހަނުވާނެ އެއްތައް ކަމެއް އިސާކު ކިޔާދިނެވެ. މާޔަލްގެ ގާތުގައި ކެތްތެރިކަމާއެކު ކުރިމަތިލާން އޭނާ ބުނިއިރު އެ އަޑުގައި އާދޭސް ކުރާ ފަދަ އަސަރެއް ހުއްޓެވެ. އައިތަން ބުނާހެން އައިރިކްގެ މައިންބަފައިން މާޔޫސްވެފައިވާވަރު މާޔަލްއަށް މިފެނުނީ އަދިކިރިޔާއެވެ. އެމީހުންގެ ނަޒަރުގައި މަސައްކަތަށް އައިރިކް ހޭނިއްޖެނަމަ އަނެއްކާވެސް އައިރިކްގެ ނަފްސަށް ޔަގީންކަން ލިބިދާނެއެވެ. ލޮލަށް ނުފެނުނަސް އޭނާ ބޭނުންވާ ކަންކަން ކުރެވިދާނޭކަން ވިސްނިދާނެއެވެ. އެ އިތުބާރާއި ޔަގީންކަން އައިރިކްއަށް ހޯދާ ދިނުމުގެ ޝުޢޫރު މާޔަލްގެ ހިތުގައި އިތުރަށް ވަރުގަދަވިއެވެ. އޭނާ ހިތްވަރު ދޫކޮށްނުލާނަން ކަމުގައި އަމިއްލަ ނަފްސަށް ވަޢުދުވެލިއެވެ. ޝަބްނަމް ބުނެދިނީ އެ ގޭތެރޭގައި މާޔަލްއަށް ދަތިވާކަމެއް ދިމާވެއްޖެނަމަ ވީހާ ވެސް އަވަހަށް އެމީހުންނަށް އަންގަންވާނޭ ކަމެވެ. ފަޒްނާ ގެނެސް އޭނާ އަބަދުވެސް ގޭގައި އުޅޭނެކަމާއި ފަޒްނާ ގާތު ބުންޏަސް މާޔަލްއަށް ހުރިހާކަމެއް ހަމަޖައްސައިދޭނެކަން ޝަބްނަމް ބުންޏެވެ. އަދި މާޔަލް އައިސް އިން ބޭނުން ފަޒްނާއަށް ޝަބްނަމް އޮޅުންފިލުވާދިނެވެ. ކުރީން ދުވަހެއްގައި އައިތަންއާއެކު މާޔަލް އެގެއިން ފެނުމުން ފަޒްނާއަށް ހީކުރެވުނީ ވަރަށް ގޯސްކޮށްކަން އެނގުނީ އަދިކިރިޔާއެވެ. އެހެންވީމާ މާޔަލް އެ ދުވަހު ވެސް އެ އައީ މަސައްކަތާ ގުޅިގެންނޭ ފަޒްނާ ޤަބޫލުކުރިއެވެ.

"އަންނާނަން އައިރިކް ހޭލައިފިތޯ ބަލާލާފައި." އިސާކު ތެދުވިއެވެ. އޭނާއާއެކު އައިތަން ވެސް ދިޔައެވެ.

ދެބަފައިން ލޯ މައްޗަށް ގެއްލުމުން ޝަބްނަމް ފެށީ އައިރިކްގެ ވާހަކައެވެ. ދަރިފުޅުގެ ފުށުން އޭނާއަށް ފެނިފައި ހުރި ރަނގަޅު ސިފަތަކުގެ ވާހަކަތައް މާޔަލްއަށް ޝަބްނަމް ކިޔާދެމުންދިޔައެވެ. އެކްސިޑެންޓްގެ ވާހަކަ ޝަބްނަމް ފެށުމުން މާޔަލްއަށް އުނދަގޫވިއެވެ.

"މޭމް..." މާޔަލް ގޮވާލިއެވެ. އޭނާ ހާސްވާން ފަށައިފިނަމަ ނޭފަތުން ލޭ ފައިބަން ފަށާފާނޭތީ ކަންބޮޑުވީއެވެ. އޭނާ މިހާރު ވެސް އެ އިނީ އިންތިހާއަށް ޖެހިލުންވެފައެވެ. އައިރިކްއަށް ކަންތައް ދިމާވެފައިވާ ގޮތުން އެ މަންމައާއި ބައްޕައަށް ކޮށްފައިވާ އަސަރުތައް އެމީހުން ފާޅުކޮށް ނުދެއްކީ ނަމަވެސް އެވަރު ނަގައިގަންނަން މާޔަލްއަށް ދަތިކަމަކަށް ނުވިއެވެ. އެކްސިޑެންޓްގެ ވާހަކަތައް އިތުރަށް އަޑުއަހަން ވެއްޖެނަމަ މާޔަލްގެ ކެތްތެރިކަން ކޮޅުންލާފާނެއެވެ.

"ޝަބްނަމް ކިޔަސް ރަނގަޅުވާނެ." ލުއި ހިނިތުންވުމަކާއެކު ޝަބްނަމް ބުނެލިއެވެ. މަޑުމަޑުން މާޔަލް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

އައިތަން އެނބުރި އައީ އިރުގަނޑެއް ފަހުންނެވެ. ޝަބްނަމް ބަދަލުކޮށްލި ނަޒަރުން މަންމަ އެ އަހަނީ ކީކޭކަން އައިތަން ނަގައިގަތެވެ. އޭނާ މަޑުމަޑުން ބޯހޫރާލިއެވެ. އެހިނދު ޝަބްނަމްގެ މޫނުން ނުތަނަވަސްކަން ފާޅުވެލިއެވެ. ދެބުމަ ކައިރިކޮށްލަމުން ތިރީތުންފަތުގައި ޝަބްނަމްއަށް ދަތްއަޅާލެވުނެވެ.

"ދޮންބެގެ މޫޑު ރަނގަޅު ދުވަހެއް ނާދޭ. މިހާރު މީ ނޯމަލްކަމެއް." މާޔަލް ގޮވައިގެން ހިނގައިގަންނަމުން އައިތަން ބުންޏެވެ. އެމީހުންނާއެކު ޝަބްނަމް ވެސް އައެވެ.

ކޮއްކޮގެ ހުށަހެޅުމާމެދު އައިރިކް ވިސްނިއެވެ. ނަމަވެސް އޭނާއަށް އެގޮތަށް މަސައްކަތް ކުރެވިދާނެކަމުގެ ޔަގީންކަމެއް ނެތީއެވެ. އެނބުރި މަސައްކަތުގެ ތެރެއަށް ވަންނަން އައިރިކް ވެސް ބޭނުންވެއެވެ. އަލުން ދިރިއުޅުން ހަމައަކަށް އެޅޭން އޭނާ އެދެއެވެ. އެހެންވިޔަސް ނުފެންނަ މީހެއްގެ ގޮތުގައި ދިރިއުޅުން ވޭތިކުރާންވީމާ އެކަން ޤަބޫލުކުރާން ފަސޭހަނޫނީއެވެ. އިހުގެ ދިރިއުޅުން ނުލިބޭނެތީއެވެ. ބޭނުންވި އެތައް އުންމީދުތަކަކަށް ހުރަސް އެޅިފައިވާތީއެވެ. ބުއްދީގެ ބޭނުން ނުހިފި ފޫހިކަމާއި ގަދަރުޅީގެ ތެރެއަށް އަމިއްލަ ނަފްސު އޭނާއަށް އެއްލައިލެވެނީއެވެ. އެކަނިވެރިކަމުގެ ފާރު ބޯވަމުން އަންނައިރު އޭނާ އަނދިރިކަމުގެ ކޮށްޓެއްގައި ޤައިދުވެފައިވަނީ ސަލާމަތްވާނޭކަމުގެ ޔަގީންކަމެއް ނެތިއެވެ.

ބައްޕަ ކުރަމުންދިޔަ އާދޭސް އައިރިކްއަށް އަޑު އިވެއެވެ. އެހެންނަމަވެސް އެ ވާހަކަތަކުން އޭނާގެ ހިތަށް ކުރާ އަސަރެއް ނެތެވެ. އޭނާގެ ކޮނޑުގައި ބައްޕަ އަތްޖައްސާލުމާއެކު ހިނގާށޭ ބުނެލިއެވެ. އައިތަން އަތުވެއްޖެކަމުގައި ބުންޏެވެ. މިއަދުން ފެށިގެން އައިރިކްއާ ޒިންމާތަކެއް ހަވާލުކުރެވޭނެކަމާއި އިސާކު ނަތީޖާ ބޭނުންވާކަން ހާމަކުރިއެވެ. އޮފީހުގައި އައިތަންއަށް އެހީވާން ގިޔާސް ހުންނާނެކަމާއި ހަމައެގޮތަށް އައިރިކްގެ މަސައްކަތުގައި ބޭނުންވާ ހުރިހާކަމެއް ކޮށްދޭން މާޔާ ހުންނާނެއޭ އިސާކު ބުންޏެވެ. އެހެންވީމާ ދެބެން ގުޅިގެން މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އިސާކު އެދުނެވެ. ކޮންމެ ދުވަހަކު ހެނދުނު މާޔާ އަންނާނެކަމާއި ހެނދުނު ނާސްތާއިން ދެ ޒުވާނުން މަސައްކަތްތައް ފަށަންވީކަން އިސާކު ބުންޏެވެ. އައިރިކްގެ ކަންކަން ބަލަހައްޓަން މާޔާއާ ހަވާލުކުރެވިފައިވާއިރު އޭނާގެ ކަންކަމަށް ހުރަސްނާޅައި އޭނާކޮށްދޭ ކަންކަން ބަލައިގަންނަން އިސާކު ނަޞޭޙަތްތެރިވިއެވެ.

އައިރިކް ދިރިއުޅޭ ބަޔަށް ގޭތެރެއިންލާފައި އައިސް ވަނެވެ. މާޔަލްއަށް ހީވީ ގޭތެރޭގައި ވަކިން ހަދާފައި ހުރި އެޕާޓްމެންޓަކަށް ވަދެވުނު ހެންނެވެ. ރަނގަޅަށް ނަޒަރު ހިންގާނުލެވެނީސް މާޔަލްގެ ނޭފަތުގައި ހަރުލީ ދުންފަތާއިއެކުވެފައިވާ ފިރިހެން ވަހެކެވެ. އޭނާގެ ނަޒަރު ވަށައިގެން ހިންގާލިއެވެ. މެހެމާނުން އިށީނުމަށް ސޯފާތައް އެއްފަރާތުގައި ހުރިއިރު ފާރުގައި ޖައްސާފައިވާ ފޮތްހަރުގަނޑެއްގެ މެދުގައި ފަތިޓީވީ ފެންނަން ހުއްޓެވެ. ޚާއްޞަކަމެއް މާޔަލްއަށް ދެވުނީ އެތަނުގައި އެލުވާފައި ހުރި އުނދޯއްޔަށެވެ. ދެ މީހަކަށް އިށީނދެވޭވަރުގެ ކުޑަ އުނދޯއްޔެކެވެ. ބާލީސްތައް އަތުރާފައި ހުއްޓެވެ. އެތެރެއިން އިސާކު ނުކުތީ އައިރިކް ގޮވައިގެންނެވެ. މާޔަލްއަށް އައިރިކް ފެނުމާއެކު ފިނިވާގޮތް ވެއްޖެއެވެ. ދެއަތް ދެއަތާ މޮޑެލެވުނީ މާޔަލް ޖެހިލުންވާގޮތް ވެގެންނެވެ.

ސޯފާގޮނޑިތަކުގައި އިށީންނަން އުޅެފައި އައިރިކް ހުއްޓުން އެރިއެވެ. އޭނާ އެނބުރިލި ގޮތުން މާޔަލް ފަސްޖެހުނެވެ. ލޮލަށް ނުފެންނައިރު ސީދާ މާޔަލްއާ ދިމާއަށް އައިރިކް އެނބުރިލީމައެވެ. އައިރިކްގެ ނިތަށް ރޫގިނަވެލިތަން އެންމެން ވެސް ދުށްޓެވެ.

"އެ ސެންޓުގެ ވަސް." އައިރިކްގެ ހިތް ބުންޏެވެ. ފުންނޭވާއެއް އޭނާ ދޫކޮށްލީ ނޭފަތުގައި ހަރުލި ވަހުން ހަށިފުރާލުމަށްފަހުއެވެ.

"ރިކް... އެތަނުގައި ހުރީ މާޔާ." އައިތަން ބުންޏެވެ.

އަޑުއިވުނު ކަމަށް ނުހަދާ ފަރުވާކުޑަ ގޮތަކަށް އައިރިކް އެނބުރިލީއެވެ. ދެން އޭނާ ސޯފާގައި އިށީނދެއްޖެއެވެ. އިސާކާއި އައިތަން އެތައް ވާހަކައެއް ދެއްކިއެވެ. މާޔާގެ މަސައްކަތްތައް މިއަދު ފެށުނީކަން އައިތަން އެންގިއެވެ. އޮފީހުގައި މަސައްކަތްތައް ގޮސްފައި އޮތް ހިސާބާއި އެންމެ އަވަހަށް ނިންމަން ހުރީ ކަންކަމުގެ ވާހަކަތައް އެމީހުން ދެއްކީ އައިރިކްއާއެވެ. އެ ވާހަކަތައް މާޔަލްއަށް އޮޅުން ނުފިލިޔަސް އައިރިކްއަށް ވާނުވާ އެނގޭނެތީއެވެ. އެ ހުރިހާއިރު އައިރިކްއަށް ނުފެނުނަސް އޭނާއަށް ތަފާތު ނަޒަރެއް ހުއްޓިފައި ހުރިކަމުގެ އިޙްސާސް ކުރެވެމުންދިޔައެވެ. ދޭތެރެއަކުން ދަތްކުނޑިވިކައިލަނީ އެހެންވެއެވެ.

ފަރުވާތެރިކަމާއެކު މާޔަލް ބަލަން އިނެވެ. އައިރިކްގެ ދިގުވެފައިވާ އިސްތަށިގަނޑުގައި ތަރުތީބެއް ނެތިފައި ތުނބުޅި ދިގުކަމުން ދަތްދޮޅިއާއި މޫނުގެ ބައްޓަން ވަކިނުވެއެވެ. ކަޅުކުލައިގެ ޖޮގިންޕޭންޓްސްއާއެކު އަޅިކުލައިގެ ޓީޝާޓެއްގައި ހުރިއިރު އައިތަންއާ ޚިލާފަށް އައިރިކްއަކީ ވަރުގަދަ ބޮޑު ހަށިގަނޑެއްގެ ވެރިއެއްނޫންކަން ހުރީ ފެންނާށެވެ. ނަމަވެސް ގަވައިދުން ކަސްރަތުކުރާކަމުގެ ހެކި ފެންނަން ހުއްޓެވެ. ފައިމަތީ އަތްތިލަ ބާއްވާލައިގެން އިންއިރު އެ އަތުން އެކަނި ވެސް މާޔަލްއަށް އެވަރު ފެނުނެވެ. މާޔަލްގެ ނަޒަރު އައިރިކްއާ ވަކިވީ އިސާކާއި އައިތަން ތެދުވީމައެވެ.

"ފަޒްނާ ކައިރީ ބުނޭ ސައިގެންނަން. ރިކް... ބައްޕަމެން މިދަނީ." އަނބިމީހާއަށް ބަލާލާފައި އިސާކު ދެން ވާހަކަދެއްކީ އައިރިކްއާއެވެ.

"ދޮންބޭ!... މަސައްކަތްތައް ހުންނަ ގޮތް ކިޔާދޭން އެންމެ ރަނގަޅަށް އެނގޭނީ ދޮންބެއަށް. ސޯ... ޑިސްކަސް އެވްރިތިންގް ވިތް ހާ. މޭކް އަ ޕްލޭން..." އައިތަން ބުންޏެވެ.

އިސާކުއާއި އައިތަން ނުކުމެގެން ދަމުން އެމީހުން ދިޔައީ ޝަބްނަމް ވެސް ގޮވައިގެންނެވެ. ހަރަކާތެއް ނުކޮށް އައިރިކް އިންގޮތަށް އިނީއެވެ. މާޔަލް އިނީ ދެން ހަދަންވީ ކިހިނެއްކަން ނޭނގިފައެވެ. އެހެންވިޔަސް އޭނާ ނިކަން އަވަހަށް ނަފްސު ހަމައަކަށް އަޅުވާލިއެވެ. އައިރިކްގެ ގާތުގައި އިސްނަގަން ޖެހޭނީ އޭނާކަން ވިސްނުނީއެވެ.

"ކިހިނެއް ގޮވަންވީ. ބޮސްތަ؟. ސާރތަ؟. ނޫނީ ނަމުންތަ ގޮވަންވީ." ހިންދިރުވާލުމަށްފަހު މާޔަލް ވާހަކަދެއްކިއެވެ.

"ކުރީން ބައްދަލުވިތަ؟." ހަރަކާތެއްކޮށްނުލައި އިންގޮތަށް އިނދެ އައިރިކް އަހާލިއެވެ.

"މިގެއަށް އެއްދުވަހު އައިން. އައިތަންއާއެކީ. އެ ދުވަހު އަހަރެމެން ބައްދަލުވި." މާޔަލް ބުންޏެވެ.

"އެމީހުން އެ ދިޔައީ. ދެން ކަލޭ ވެސް ގެއަށް ދޭ." އައިރިކް ތެދުވަމުން ބުންޏެވެ. އައިރިކް ހިނގައިގަތީ ނިދާބަޔާ ދިމާއަށެވެ. ކައްޓެއްހެން ތެދުވި މާޔަލް ހަލުވިކަމާއެކު އައިރިކްގެ ފަހަތުން އައެވެ.

"އައި ކާންޓް ޑޫ ދެޓް." މާޔަލް ބުންޏެވެ. އޭނާ ހުރީ އައިރިކްގެ ފަހަތުގައިކަން އެނގި އޭނާ ހުއްޓުނެވެ.

ފަޒްނާ ސައިތަބަށް ހިފައިގެން އައިސް ވަނެވެ. ސޯފާތަކުގެ މެދުގައި ހުރި ކޮފީމޭޒުމަތީ އޭނާ ތަބައް ބެހެއްޓިއެވެ. ނިދާބައިގެ ދޮރުމަތީ ފުރަގަސްދީގެން ހުރި އައިރިކްއާއި އޭނާގެ ފަހަތުގައި މަޑުކޮށްލައިގެން ހުރި މާޔަލްއަށް އޭނާ ބަލާލިއެވެ. އަތުން ފަޒްނާ އިޝާރާތްކޮށްލީ އައިރިކްއަށް ސައިދޭށޭ ބުނާ ފަދައިންނެވެ. މާޔަލް ބޯޖަހާލުމާއެކު ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ސިއްރުސިއްރުން އުޅޭ މީހަކުހެން ފަޒްނާ ނުކުމެގެން ދިޔައެވެ.

"ސައިގެނެސްފަ އެހެރީ. ކޮފީތަށްޓެއް ބޯލަނިކޮށް ސިކުނޑި ތާޒާވެ މަސައްކަތް ކުރާން ފަސޭހަވާނެ." މާޔަލް ބުނެލިއެވެ.

"ނުކުމޭ މިތަނުން." އައިރިކް ދަތްކުނޑިވިކާލުމާއެކު ބުންޏެވެ.

"ސަބަބު." މާޔަލް ގޮތްދޫނުކުރިއެވެ. އެހެންނަމަވެސް ކުއްލިއަކަށް އައިރިކް އެނބުރިލައި އޭނާއާ ކުރިމަތިލީ ގޮތުން ޖެހިލުންވިއެވެ. ނޭނގޭ ބާރުމިނެއްގައި ހިތް ތެޅިގަތެވެ. އައިރިކް ކުރިޔަށް ޖެހިލުމުން ފަހަތަށް މާޔަލްއަށް ފިޔަވަޅު އަޅާލެވުނެވެ. އޭގެ އަނެއް ސުކުންތުގައި ފަހަތަށް ޖެހިލަން މާޔަލް ކުރިޔަށް ޖެހިލައިފިއެވެ. އައިރިކްގެ ކުރިމަތީ އޭނާ ބަލި ޤަބޫލުނުކުރާނެއެވެ.

"ދާން ބޭނުންނުވަންޏާ މިގޭގަ ހުރޭ. އައި ޑޯންޓް ކެއާ... އެކަމަކު މިތަނުން ނުކުމޭ." އައިރިކް ބުނެލިއެވެ.

"ސައިބޮއެގެން މަސައްކަތުގެ ވާހަކަ ދައްކަމާ. ލެޓްސް ނޮޓް ވޭސްޓް ޓައިމް." މާޔަލް މިފަހަރު ބުނީ ތަންކޮޅެއް މަޑުމަޑުންނެވެ.

އައިރިކް އެނބުރި ނިދާބަޔަށް ވަންނަން ހިނގައިގަތް ހިނދު އޭނާގެ އަތުގައި މާޔަލް ހިފެހެއްޓީ މާބޮޑު ވިސްނުމެއްނެތިއެވެ. ނަމަވެސް އައިރިކް ސިހުނީ ނުހަނު ބޮޑަށެވެ. އޭނާ އަތް ހިއްލާލުމާއެކު ހޫރައިލީ މާޔަލްގެ އަތް ނައްޓުވާލުމަށެވެ. އެކަން ވިއެވެ. ނަމަވެސް ހޫރައިލެވުނު އަތުން ޖެހުނީ ގާތުގައި ހުރި މާޔަލްގެ މޫނުގައެވެ. މާޔަލް ހުރީ އެހާ ކައިރީގަކަން އޭނާއަށް ވިސްނާނުލެވުނީއެވެ.

"އައުޗް... ވައިލެންޓް ބީސްޓެއްގެ ޕީއޭއަކަށް މިވެވުނީ." ކޯތާފަތާ ދިމާއިން ފިރުމާލަމުން މާޔަލް ބުނެލީ ސީރިއަސް އެހެންނަމަވެސް ސަމާސާ ނިޔަތެއްގައެވެ.

އައިރިކްގެ މޫނުން ފާޅުވާން ހުރީ ރުޅިވެރިކަމެވެ. އޭނާ ހީކުރީ ހަރުކަށި ބަސްތަކުން މާޔަލް ފޮނުވާލެވިދާނެ ކަމަށެވެ. ނަމަވެސް މާޔަލް މިވީ ތަތްކުރާ މަހެއްހެން އޭނާގެ ގައިގާ ތަތްކޮށްލައިގެން އޮންނަން ގަސްދުކުރާ ކަހަލަ ކުއްޖަކަށެވެ. ބައްޕައާއި އައިތަން ކޮންތާކުން ހޯދި ކުއްޖެއްބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ބޮސް. ޑޯންޓް ވޮރީ... މަޢާފުކޮށްފިން. މީހަކުދެކެ ރުޅިއަޔަސް ކާއެއްޗެހިދެކެ ރުޅި އަންނާކަށް ނުވާނެ. ކޮފީއެއް ހަދައިދެންތަ؟." މާޔަލް ބުނެލިއެވެ. އިހުނަށްވުރެ އައިރިކްގެ ނިތަށް އެއްވި ރޫތައް ގިނަވިއެވެ.

"އަހަރެންގެ މޫނުން ކަލެއާ މެދު ވޮރީވާކަން އެބަފެނޭތަ؟. އަހަރެން ބުނީންތަ މަޢާފުކުރާށޭ. މިތަނުން ގަދަކަމުން ނުނެރިގެންތަ ތިއުޅެނީ." އައިރިކްގެ އަޑު ހަރުކަށިވެފައި ބާރެވެ. އޭނާ ކުރިޔަށް ޖެހިލައި މާޔަލްއަށް ބަލަން ހުއްޓެވެ. އަތް ދަމާލަން އުޅޭފަދަ ހަރަކާތެއް އައިރިކްކޮށްލުމާއެކު މާޔަލް ދެއަތްއުރާލައިފިއެވެ. އޭނާގެ އަތުގައި ހިފާށޭ އައިރިކް އެ އުޅެނީ ހީވީއެވެ. އޭރު ލާނެތް ހިނިތުންވުމެއް މާޔަލްގެ ތުންފަތުގައި ވިއެވެ. އައިރިކްގެ މޫނުން ފާޅުވާ އަސަރުތަކަށް މާޔަލް ބަލަމުންދިޔައެވެ. އައިރިކް އަތް ދިއްކޮށްލީ ލަފާކޮށްފައެވެ. ނަމަވެސް އޭނާގެ އަތް ބީހިލީ މާޔަލްގެ އުނަގަނޑުގައެވެ. އެހިނދު މާޔަލް ލުއިގޮތަށް ހީނލިއަޑު އިވުނެވެ.

"ފައިންޑް މައި ހޭންޑް. އަތުގައި ހިފިއްޖެނަމަ ބޮސް އެދޭހެން މިއަދު ދެން އުނދަގުލެއް ނުކުރާނަން." މާޔަލް ބުނެލިއެވެ. އައިރިކް ކުއްލިއަކަށް ފަސްޖެހުނެވެ. (ނުނިމޭ)