ކްރިމިނަލް ކޯޓް

ޝެއިހް ނިޝާންގެ ބަންދަށް އިތުރު 13 ދުވަސް

ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބަންދަށް ގެންގޮސްފައި ހުރި އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް، ބަންދުގައި ބެހެއްޓުމަށް އިތުރު 13 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު ޝެއިހް ނިޝާންގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އޭގެ ފަހުން ދިނީ ތިން ދުވަހުގެ މުއްދަތެވެ.

އެ މުއްދަތު ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުން އިތުރު 13 ދުވަހު ބަންދުގައި ބެހެއްޓުމުގެ އަމުރު ކޯޓުން ވަނީ މިއަދު ދީފައެވެ.

ފުލުހުން ބުނާ ގޮތުން ޝެއިހް ނިޝާން އަލީ އެ ދުވަހުގެ ހަމަނުޖެހުންތަކުގެ އެންމެ އިސް މީހާ އެވެ. އަދި ބޮޑު ފާފައެއް މަނާ ކުރުމަށް ގޮވާލާ އަޑުއުުފުލާފައިވާ ކަމަށާ ވަކި މިސްކިތަކަށް ނަމާދަށް ދިއުމަށް ނިޝާން ގޮވާލާފައިވާ ކަމަށް ކޯޓްގައި ފުލުހުން ބުންޏެވެ. އަދި މިކަން ކަމުން ފުލުހުންނަށް ނިޝާން އަކީ މިކަމުގައި އިސްކޮށް އުޅޭ މީހާ ކަމަށް ތުހުތުވާތީވެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ފ) ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް ކުރީންވެސް ފުލުހުން އޮތީ އެދިފައެވެ.

ޝައިހް ނިޝާންގެ އިތުރުން އައްޝައިހް ފަޒްލޫން މުހައްމަދުވެސް ހައްޔަރުކޮށް ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް ވަނީ އިތުރުކޮށްފައެވެ. ފަޒްލޫންގެ ބަންދަށް ދިނީ ފަސް ދުވަހެވެ. އެ މުއްދަތު އަންގާރަ ދުވަހަށް ހަމަވާނެ އެވެ.

ދެ އިލްމުވެރީންގެ ބަންދު ދަމަހައްޓާފައި މިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް އަދި އެެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އެދި އިހުތިޖާޖުގެ ބައިވެރީންނާ ޝައިހް ފަޒްލޫން އާއި ޝައިހް ނިޝާން ވާހަކަ ދައްކަވާ ވީޑިއޯއެއްވެސް އާންމުވެފައި ވަނިކޮށެވެ. އެ ވީޑިއޯއާއެކު ވަރަށް ގިނަ އިލްމުވެރީންނާއި އާންމުން ގެންދަނީ އެ ބޭފުޅުން ދޫކޮށްލުމަށް ގޮވާލަމުންނެވެ.