މާލޭ ސިޓީ

އަމީނީ މަގުގައި ތާރު އަޅަން ހަވާލުކޮށްފި

އަޑިގުޑަން ބޮޑު މާލޭގެ އަމީނީ މަގުގައި ތާރު އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ މިއަދު ހަވާލު ކޮށްފި އެވެ.

ވެރިރަށުގެ އެންމެ ކާރޫބާރު ބޮޑު އަދި އެންމެ ބޮޑަށް ހަލާކުވެފައި އޮންނަނީ އަމީނީ މަގެވެ. އަމީނީ މަގު އެ ގޮތަށް އޮތުމަކީ އާންމުންގެ ވަރަށް ބޮޑު ޝަކުވާ އެެކެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ "މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓް" ގެ ދަށުން އެ މަގުގައި ތާރު އަޅަން ނިންމާފައެވެ. އެ މަސައްކަތް ނުފެށި ދިގު ލައިގެން ދިއުމަށް ފަހު މިއަދު ވަނީ އާރުޑީސީއާ އެ މަސައްކަތް ހަވާލުކޮށްފައެވެ.

މިއީ 84،414،546.83 ރުފިޔާގެ މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް އޮތް 210 ދުވަހުގެެ ތެރޭގައި މުޅީން ނިންމަން ޖެހެއެވެ.

މި މަަސައްކަތުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅާނެ އެވެ. އަދި މަގުގައި ފެން ހިންދާ ނިޒާމު ގާއިމު ކުރާނެ އެވެ. މީގެ އިތުރުން މަގު ބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.