ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއް ގާއިމުކުރުމަށް ކުރެއްވި ބުރަ މަސައްކަތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ބާނީ މުހައްމަދު ލަތީފު (ގޯގޯ ލަތީފު) އަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ހާލަތަކީ ޕާޓީގެ އެއްވެސް މެންބަރެއްގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެފި އެވެ.
ލަތީފް، އަވަހާރަވުމާއި ގުޅިގެން އެ ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލަތީފު މިދުނިޔެ ދޫކުރައްވައި ވަޑައިގަތުމަކީ ޕާޓީއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށާ އެމްޑީޕީއަށް އޭނާ ކޮށްދެއްވާފައިވާ ހިދުމަތްތަކަކީ އަގު ނުކުރެވޭނެހައި މަތިވެރި ހިދުމަތް ތަކެއް ކަމަށެވެ.
ލަތީފަކީ އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފަންކޮށް ޕާޓީ އިން އަދާހަމައަށް ހޯދާފައިވާ އެންމެހައި ކާމިޔާބީތަކުގެ އެއް ބާނީ ކަމަށާ އަދި އެއީ އެންމެ މުހިންމު އެއް ބައިވެރިޔާ ކަމަށެވެ. ރާއްޖޭގައި ޑިމޮކްރަސީ ކުރިއަރުވައި ހަރުދަނާ ކުރުމަށް އެމްޑީޕީން އިސްނަގައިގެން ފެށި މަސައްކަތުގެ އެއް މޭސްތިރި އަކީ ލަތީފް ކަމަށާ އަދި އެއީ ޕާޓީގެ އެންމެހައި މެންބަރުންގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށް ބުނެފައިވެއެވެ.
"ދިވެހިރާއްޖޭގައި ފުރިހަމަ ޑިމޮކްރެޓިކް ވެށްޓެއް ގާއިމުކުރުމަށް ކުރެއްވި ބުރަ މަސައްކަތުގައި ލަތީފަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް ހާލަތަކީ މި ޕާޓީގެ އެއްވެސް މެންބަރެއްގެ ހިތުން ދުވަހަކުވެސް ފިލައިގެން ދާނެ ކަމެއް ނޫނެވެ. އޭނާ ވެވަޑައިގެންނެވި ގުރުބާނީ އަކީ ގައުމުގައި ހެޔޮވެރި ކަމެއް ގާއިމުކުރުމަށް އެމްޑީޕީން އިސްވެ އޮވެ ފެށި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ގުރުބާނީ އެކެވެ. އަދި އެގޮތުގައި ކުރިއަށް ދިޔުމުގައި ލިބުނު އެންމެ ބޮޑު އެއް ހިތްވަރެވެ،"
ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އިއުލާނު ކުރެއްވި ބޭފުޅަކީ ލަތީފެވެ. އަދި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވާ ދަނޑިވަޅެއްގައި އަމިއްލަފުޅަށް އިސްނަންގަވައިގެން އެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ލަތީފު ދައްކަވާފައިވަނީ ހިންގުންތެރިކަމާއި ކެރިވަޑައިގަތުމުގެ މަތިވެރި މިސާލެއް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.