ލައިފްސްޓައިލް

އަންހެނުން ފިރިން ދެކެ އެންމެ ފޫހިވާ ސަބަބު އެނގޭތަ؟

އިންޑިޔާގެ ބަޔަކު ހިންގާ އެކްސްޓްރާމެރިޓަލް ޑޭޓިން އެޕަކުން ދާދިފަހުން ވަނީ ސާވޭއެއް ކޮށްފަ އެވެ.

މި ސާވޭގެ ނަމަކީ "ވައި ޑޫ ވިމެން ކޮމިޓް އެޑަލްޓްރީ" ނުވަތަ އަންހެނުން ކައިވެނީގެ ބޭރުން ގުޅުންތައް ހިންގަނީ ކީއްވެ ހެއްޔެވެ.

މި ސާވޭގައި ހޯދަން މަސައްކަތް ކޮށްފައިވަނީ އިންޑިޔާގެ އަންހެނުން އެމީހުންގެ ފިރިންނަށް ބޭވަފާތެރިވާ މައިގަނޑު ސަބަބު ތަކެވެ.

މި ސާވޭގައި ވަރަށް ޝޮކް ލިބޭ ޒާތުގެ ކަމެއް ފާހަގަ ކުރެވިފައިވެ އެވެ. އިންޑިޔާގެ އަންހެނުންގެ ތެރެއިން ކައިވެނިކޮށްގެން އުޅޭ ކޮންމެ 10 އަންހެނަކުން ހަތް މީހަކު އެމީހުންގެ ފިރިންނަށް ބޭވަފާތެރިވާ ކަމެވެ. ސަބަބެއް ކަމަށް މިފަދަ އަންހެނުން ބުނެފައިވަނީ ގޭތެރޭގައި ކުރަންޖެހޭ އެއްވެސް ކަމެއްގައި ފިރިމީހާގެ އެއްވެސް އެހީތެރިކަމެއް ނުލިބުމެވެ.

މި ސާވޭ ކުރިޔަށް ގެންދިޔަ އެޕްގައި ސަބްސްކްރައިބް ކޮށްފައިވާ ފަސް ލައްކަ މީޙުން އެބަތިއްބެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުގެ ފަސް މިލިއަނަށް ވުރެ ގިނަ މީހުން މި އެޕް ބޭނުން ކުރެ އެވެ.

މި ސާވޭގައި ބައިވެރިވި އަންހެނުންގެ ތެރެއިން ކޮންމެ 10 މީހަކުން 7 މީހަކު ބުނީ ފިރިމީހާއަށް ބޭވަފާތެރިވާން ޖެހުނީ ކައިވެނި މަތިން ފޫހިވެގެން ކަމަށެވެ.

މި ސާވޭގައި އިތުރު އެހެން ކަމެއްވެސް ފާހަގަކުރެވުނެވެ. އެއީ ކުދިކުދި ރަށްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ ދިއްލީ، މުމްބައި އަދި ކޮލްކަތާ ފަދަ ބޮޑެތި ސިޓީތަކުގައި ދިރިއުޅޭ އަންހެނުން އެމީހުންގެ ފިރިންނަށް ބޭވަފާތެރިވާ މިންވަރު މާގިނަ ކަމެވެ.

މި ހުރިހާ އެންމެންގެ ވެސް އޮތީ އެންމެ ޝަކުވާ އެކެވެ. ގޭގައި ކުރަން ޖެހޭ އެއްވެސް ކަމެއްގައި ފިރިމީހާގެ އެއްވެސް އެހީތެރިކަމެއް ނުލިބުމުގެ ސަބަބުން ކައިވެނިމަތިން ފޫހިވެ މާޔޫސްވެފައިވާ ކަމަށެވެ.

ފިރިމީހާއަށް ބޭވަފާތެރިވާ އަންހެނުން އެންމެ ގިނަ އުމުރު ފުރާއެއް ކަމަށް މި ސާވޭން ދައްކާފައިވަނީ އުމުރުން 34 އަހަރާއި 49 އަހަރާ ދެމެދުގެ މީހުންނެވެ.

ސާވޭގައި ބައިވެރިވި އަންހެނުންގެ 77 ޕަސެންޓް މީހުން ބުނެފައިވަނީ އެމީހުންގެ ފިރިންނަށް އެމީހުން ބޭވަފާތެރިވާން ފެށީ ކައިވެނީގައި އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތުމުން ދިރިއުޅުމުގެ ރަހަތައް ތަންކޮޅެއް މީރުކޮށްލުމަށް ކަމަށެވެ.