ބޮޑު އީދު ޗުއްޓީއަށް ބޭންކްތައް ބަންދުކުރާތީ ބޭންކް ތެރެއިން ކުރަންޖެހޭ މުހިއްމު މުއާމަލާތްތައް މި ހަފްތާ ނިމުމުގެ ކުރިން ނިންމުމަށް އިލްތިމާސްކޮށްފި އެވެ.
ބީއެމްއެލް އިން މިއަދު ބުނީ އީދު ޗުއްޓީއަށް މި މަހުގެ 10-14 އަށް ބޭންކު ބަންދުކުރަން ނިންމާފައިވާތީ ހަފްތާ ނިމުމުގެ ކުރިން މުހިއްމު މުއާމަލާތްތައް ނިންމަން އެދޭ ކަމަށެވެ.
ބަންދުގެ ދުވަސްތަކަށް ފަހު ބީއެމްއެލް ދެން ހުޅުވުމަށް ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
ބީއެމްއެލް އީދު ޗުއްޓީއަށް ބަންދުކުރާތީ އެ ބޭންކުން ވަނީ އޭގެ ކުރިއަށް ބައެއް ހިދުމަތްތައް ނިންމަން ސުންގަޑި ވެސް ކަނޑައަޅާފަ އެވެ. އެ ވަގުތުގެ ތެރޭގައި އެ ހިދުމަތެއް ނިންމަންވެސް ބީއެމްއެލް އިން އެދިފައިވެ އެވެ.
އީދު ޗުއްޓީގެ ދުވަސްވަރު ވެސް މޯބައިލް ބޭންކިން އާއި އިންޓަނެޓް ބޭންކިންގެ ހިދުމަތާއި އޭޓީއެމް މެދުވެރިކޮށް ނަގުދު ފައިސާ ޖަމާކޮށް ނެގުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެ އެވެ.