ތައިލެންޑްގެ ބޮޑުވަޒީރު ބޮޑުވަޒީރު ޗަން-އޮކައަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދެއްވައިފިއެވެ. ތައިލެންޑްގެ ސަރުކާރުގެ ވެބްސައިޓްގައި އެކަން ވަނީ އާންމުކޮށްފަ އެވެ.
ތައިލެންޑްގެ ބޮޑުވަޒީރަށް ރައީސް ޔާމީން ދައުވަތު ދެއްވާފައިވަނީ ބޮޑުވަޒީރުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރޭގައެވެ.
ތައިލެންޑްގެ ވެބްސައިޓްގައިވާ ގޮތުން، ރައީސް އާއި ބޮޑުވަޒީރު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ވަނީ އެއްބަސްވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި އުމްރާނީ ތަރައްގީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ތައިލެންޑްގެ ސަރުކާރާ ހަވާލާދީ ބުނެފައި ވެއެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ޔާމީނާއި ބޮޑުވަޒީރު ޗަން-އޮކަ ގެ ބައްދަލުވުމުގައި ރާއްޖެއާއި ތައިލެންޑުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށްޓަކައި އެކި އެކި ދާއިރާތަކުން ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް އަލި އަޅުއްވާލެއްވި ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ވެސް އެއްގައުމު އަނެއް ގައުމަށް ފޯރުކޮށްދެވިދާނެ އެހީތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ދެގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ވަރުގަދަކޮށް، ދެގައުމުގެ އިގްތިސާދީ ގުޅުން ވަރުގަދަ ކުރުމަށް، ތައިލެންޑަށް ދާން ބޭނުންވާ ދިވެހިންނަށް ވިސާ ހޯދޭނެ ފަސޭހަ ގޮތް ފަހިކުރުމަށް ރައީސް އާއި ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް އަލި އަޅުވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން ވިސާގެ ކަންކަން ފަސޭހަކުރުމާ ބެހޭ ކަންކަމުގައި ތައިލެންޑާ އެކު އެއްބަސްވުމަކަށް ދިއުމަށް ރައީސް ޝައުގުވެރިވެވަޑައިގަންނަވާކަން ވެސް އެމަނިކުފާނު ބޮޑުވަޒީރަށް ހާމަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.