އެޓާނީ ޖެނެރަލް

އޭޖީ އޮފީހުގެ ޕީއެސްގެ މައްޗަށް އިތުރު ތުހުމަތެއް

Jul 4, 2022
2

އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމުގައި ހުންނެވި އަހުމަދު ޝިޔާއު އެ މަގާމުން ވަކިކޮށް ދިނުމަށް އެދި އެ އޮފީހުގެ ދެބައިކުޅަ އެއްބައި މުވައްޒިފުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްއީ) އަށް ޝަކުވާ ހުށައަޅާފައި ވަނިކޮށް އެ އޮފީހުގެ މުވައްޒިފުންގެ ކޮންޕިއުޓަރުތަކުގައި ހުރި މައުލޫމާތު ކޮޕީ ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވިއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެމުން އޭޖީ އޮފީހުގެ ބައެއް މުވައްޒިފުން ބުނީ ޕީއެސްއާ ދެކޮޅަށް ސިވިލް ސާވިސް ކޮމިޝަނަށް މައްސަލަ ހުށައެޅި ދުވަހުގެ ރޭ އޭޖީ އޮފީސް ހުޅުވާ އޮފީހުގައި މަސައްކަތް ކުރާ މުވައްޒިފެއްގެ ކޮމްޕިއުންޓަރުގައި ހުރި ޕާސްވޯޑްތަކާއި މުހިންމު މައުލޫމާތު ހިމެނޭ ފައިލްތައް ޕެންޑްރައިވް އަކަށް ސޭވް ކޮށްފައިވާ ކަމަށެވެ. މުވައްޒިފުންނަށް އެކަން އެނގުނީ ޖެހިގެން އައި ދުވަހު އެ މުވައްޒިފު އޮފީހަށް ހާޒިރުވީއިރު ކޮމްޕިއުޓަރުގެ ކޭބަލްތައް އުފުރާލާފައި ހުރުމާއި ޝިޔާއު ގެ ނަން ޖަހާފައިވާ ޕެންޑްރައިވެއް އޮތުމުން ކަމަށެވެ.

އެކަން ހިނގާފައިވާ ގޮތް ބެލުމަށް މުވައްޒިފު ވަނީ މައްސަލަ ހުށައަޅާފައެވެ. އަދި މައްސަލަ ބެލުމަށް ފަހު އެ މުވައްޒިފުގެ ކޮމްޕިއުޓަރުގައި ހުރި ފައިލްތަކަށް އެކްސަސްވެ އޭގައި ހިމެނޭ މައުލޫމާތު ކޮޕީ ކޮށްފައިވާ ކަމަށް ދައްކާ ކަމަށް އޮފީހުން އަންގާފައިވާ ކަމަށެވެ.

އޭޖީ އޮފީހުގައި މަސައްކަތް ކުރާ 80 ވަރަކަށް މުވައްޒިފުންގެ ތެރެއިން 40 ވުރެ ގިނަ މުވައްޒިފުން ސީއެސްއީއަށް ހުށައެޅި ޝަކުވާގައި ޝިޔާއުއާ ގުޅޭ ތަފާތު އެކި މައްސަލަތައް ފެންމަތި ކޮށްފައިވެއެވެ. އެގޮތުން ގާނޫނާއި ގަވާއިދާ ހިލާފަށް މުވައްޒިފުންނަށް ފިޔަވަޅު އެޅުމާއި ބައެއް މުވައްޒިފުންނަށް ފިޔަވަޅު އެޅުމުގައި އުސޫލުތަކާއި ހިލާފަށް އަމަލު ކުރުމާއި ތަފާތު ކުރުން ހިމެނެއެވެ.

ސިވިލްސާވިސް ކޮމިޝަނަށް މައްސަލަ ހުށައެޅުމަށް ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެފަދަ މައްސަލަތަކެއް ހުށައަޅާފައިވާކަން އެ ކޮމިޝަނުންވެސް ޔަގީން ކޮށްދިނެވެ. ނަމަވެސް އެކަމާއި ގުޅޭ ތަފްސީލު ހާމަކުރެވޭނީ ފަހުން ކަމަށް ބުންޏެވެ.