ބޮލީވުޑް

ވިކީއާ އެކު ފޮޓޯ ނަގާފައި ނޫނީ ކައިވެނިނުކުރަން އުޅެފި

ވިކީ ކޯޝަލްގެ ފޭނުން އޭނާއާ ހެދި މޮޔަވެފައި ތިބޭ ކަމުގެ ރަނގަޅު މިސާލެއް ދާދިފަހުން ފެނިފައި ވެއެވެ.

މިކަމެއް ހިނގީ ފިލްމެއްގެ ޝޫޓިންގަށް ވިކީ އިންޑިޔާގެ ރަށެއްގެ ހޮޓަލެއްގައި ހުއްޓަ އެވެ. އެ ހޮޓަލުގައި ފެޝަން ސްޓައިލިސްޓެއް ކަމަށްވާ ޕްރޭރްނާ ނެގީގެ ކައިވެނީގެ ރަސްމިއްޔާތު ވެސް ބާއްވަން އޮތީ ހަމަޖެހިފަ އެވެ.

ވިކީ އެ ހޮޓަލުގައި ހުރިކަން އެނގުމާއެކު ކައިވެނީގެ ރަސްމިއްޔާތު ދޫކޮށްލާފައި ޕްރޭރްނާ އާއި އޭނާގެ އެކުވެރިން ވިކީ ހުރި ކޮޓަރި ކައިރިއަށް ގޮސް ވިކީގެ ޓީމުގެ މެމްބަރުން ކައިރީގައި ވިކީ އާއެކު ފޮޓޯއެއް ނެގޭނެ ގޮތެއް ހަމަޖައްސައިދޭން އެދެމުން ދިޔަ އެވެ.

ކައިވެނީގެ ހެދުމުގައި ހުރި ޕްރޭރްނާ އެދެމުން ދިޔައީ ވިކީ އޭނާގެ ކައިވެނީގެ ދުވަހު ވިކީ އާއެކު ފޮޓޮއެއް ނެގުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ. އަދި މި ފުރުސަތު ނުދީފިނަމަ އޭނާ ކައިވެނި ނުކުރާ ނެކަމަށްވެސް ކައިވެންޏަށް ތައްޔާރުވެފައިވާ އަންހެން މީހާ ބުނަމުން ދިޔަ އެވެ.

ވިކީގެ ޓީމުގެ މެމްބަރުންނަށް ޕްރޭރްނާ އާދޭސްކުރާ މަންޒަރުގެ ވީޑިއޯއެއް ދާދިފަހުން އިންސްޓަގްރާމްގައި ވައިރަލް ވެފައި ވެއެވެ. މި ވީޑީއޯގައި ވިކީގެ ޓީމުގެ މެމްބަރުންނަށް ޕްރޭރްނާ ވަރަށް އާދޭސްކުރާ މަންޒަރު ފެނެއެވެ.

ނަމަވެސް އެމީހުންނަށް ވިކީއާ ބައްދަލުކުރެވޭ ގޮތް ނުވެ މާޔޫސްވެގެން ޖެހުނީ އެނބުރި ދާށެވެ. އެމީހުން ދެމުން މަޖަލަކަށް ހަދާފައި "ވިކީ ހާދަ ގޯހޭ" ބުނެ އެވެ. އަދި ފަހުން އެމީހުން ބުނަނީ މި ވަރުން އަދި ދޫނުކުރާނެ ކަމަށާއި ކޮންމެވެސް ގޮތަކުން ވިކީއާ އެކު ފޮޓޯ ނެގޭނެ ގޮތެއް ހޯދާނެ ކަމަށެވެ.