ވާހަކަ

އިޙްސާސްވޭ

( 3 ޖުލައި 2022 އާ ގުޅޭ )

"ފައިންޑް މައި ހޭންޑް. އަތުގައި ހިފިއްޖެނަމަ ބޮސް އެދޭހެން މިއަދު ދެން އުނދަގުލެއް ނުކުރާނަން." މާޔަލް ބުނެލިއެވެ. އައިރިކް ކުއްލިއަކަށް ފަސްޖެހުނެވެ.

ފޯނުގެ ރިންގުގެ އަޑު އިވެންފެށިއެވެ. އެއީ ކުރިމަތީ ހުރި މާޔަލްގެ ފޯނުކަން އައިރިކް ދެނެގަތެވެ. އެ ކޯލާއެކު މާޔަލް ދުރަށް ހިނގައިގަތްކަން އައިރިކްއަށް އެނގުނެވެ. އެ އަންހެންކުއްޖާގެ ކިބައިން ސަލާމަތްވާން މީ ރަނގަޅު ފުރުޞަތެއްކޭ އައިރިކް ހިތަށް އަރާ އަވަހަށް އެތެރެއަށް ވަންނަން އެނބުރިލިއެވެ. ނަމަވެސް ދުރުން މާޔަލް ހެލޯއޭ ބުނި އަޑާއެކު އައިރިކް މަޑުޖެހުނެވެ.

"ކަމެއް ނުކުރަން. ހޫމް... ސައިބޮއެފިން." ކަންފަތުގައި ފޯނު ޖައްސާލައިގެން ހުރެ މާޔަލް ވާހަކަދެއްކިއެވެ. އޭނާ އައިސް މަޑުކޮށްލީ އެބައިން މަސްފެންގަނޑާ ދިމާއަށް ނުކުންނަން ހުރި ދޮރު ކައިރީއެވެ. އާންމުކޮށް ވާހަކަދައްކާ ވަރަށްވުރެ މާޔަލްގެ އަޑު މަޑެވެ. ފޯނުކޯލަށް ޖަވާބު ދިންއިރު އޭނާގެ ނަޒަރު ހުރީ އައިރިކްއަށް ހުއްޓިފައެވެ. އެތެރެއަށް ދާން އުޅެފައި އައިރިކް ހުއްޓުނީތީ އެކަން ފާހަގަވީއެވެ. އާދައިގެ މަތިން ހެނދުނު ސަޔަށް އޮފީސް މީހުންނާއެކު ނުކުންނަމުން އިވާން ގުޅީއެވެ. އެ ކޯލަށް ޖަވާބު ދިނުން މާޔަލްއަށް މުހިންމެވެ. ހަމައެއާއެކު އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް އައިރިކްއާ ޚިއްޞާ ނުކުރުމަށް އައިތަން އޮތީ މާޔަލް ކައިރީ ބުނެފައެވެ. އެހެންވެ އިވާންއާ މާޔަލް ވާހަކަދެއްކީ ނުހަނު ވިސްނައިގެން ހުރެއެވެ. އޭނާ ދައްކާ ވާހަކަ އައިރިކް އަޑުއެހި ނަމަވެސް ސުވާލު އުފައްދާނޭ ފުރުޞަތެއް ނުލިބޭނޭ ހެންނެވެ.

ފޯނުކޯލު ނިންމާފައި މާޔަލް އަންނަން ވާއިރަށް އައިރިކް ހުސިޔާރުވެ ހުރި ކަހަލައެވެ. މާޔަލްއަށް އެއްޗެކޭ ނުބުނެވެނީސް ނިދާކޮޓަރިތެރެއަށް އައިރިކް ދެމިގަނެ ދޮރުފަތް ދަމާލައި ލައްޕައިފިއެވެ. ދުވެފައި އައި ނަމަވެސް މާޔަލް ފޯރުމުގެ ކުރީން އައިރިކް މިފަހަރު ކާމިޔާބު ހޯދައިފިއެވެ. އައިރިކްގެ ހަރަކާތްތައް ހުރިގޮތް ހިތަށް އަރާފައި މާޔަލް ކައިރިއަށް ހިނިއައެވެ. މަޑުމަޑުން ދޮރުފަތުގައި މާޔަލް ޓަކިދިނެވެ.

"ޑިސިޕިލިންގެ ކަންފުޅެއް ވެސް ނެތް. ކޮންތާކުން ކަމެއް ނޭނގެ ހޯދައިގެން ގެނެސްފަ އެހުރީ. އައިތަންގެ ކަމެއްވިއްޔާ ހުންނާނީ މިކަހަލަ ގޮތަކަށް... ބައްޕަ ކިހިނެއް އެއްބަސްވީ އެކަހަލަ އަންހެންކުއްޖަކު އަހަރެންނާ ހަމައަށް ގެންނަން. އައިތަންއަށް އަންހެނެއްގެ ކަމެއްގައި އިތުބާރުކުރާން ވެދާނެތަ... އައި ޑޯންޓް ލައިކް ހާ."

އެނދުގައި އިށީނދެލައިގެން އިންއިރު އައިރިކްގެ ހިތުގައި އެތައް ވާހަކައެއް ދެކެވެމުންދިޔައެވެ. އައިރިކްއަށް އުނދަގޫވަނީ އެ އަންހެންކުއްޖާއާ ކައިރީގަ ހުންނައިރު އެ ދުވާ ލުއިލުއި ފޮނިފޮނި ހުވަނދުގެ ވަހުންނެވެ. ވާހަކަދައްކާއިރު އޭނާގެ އަޑު ކުރީން ވެސް އިވިފައި ހުރިކަމުގެ އިޙްސާސް ކުރެވޭތީއެވެ. ބަޔާންކުރާނޭ ގޮތެއް ނޭނގޭ ގާތްކަމެއް އިޙްސާސް ކުރެވެނީއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެވި އޭނާގެ ހިތް އަވަސްކުރުވާ ގޮތުންނެވެ. ޖެހިލުންވުމާއެކު ވެސް އިންތިހާއަށް ޝައުގުވެރިވެވޭތީއެވެ. އެފަދަ ސަމާލުކަމެއް އަންހެންކުއްޖަކަށް ދޭން އޭނާ އެއްގޮތަކަށް ވެސް ނޭދެއެވެ. ހިތުގައި ކުރެހި ހަނދާނުގައި ބިންވަޅުނެގިފައިވާ ސޫރައާ އެއްވެސް އަންހެންކުއްޖަކު އެއްވަރު ކުރުމަކީ ވެވޭ ބޭއިންސާފަކޭ އޭނާއަށް ހީވަނީއެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއްގެ އިޙްސާސް ކުރެވުމާއެކު އައިރިކް ބަނޑުގައި ފިރުމާލިއެވެ. އެހެން ދުވަސްދުވަހު މިހާރުވާއިރު އޭނާ އިންނާނީ ކޮފީތަށްޓަކާއެކު ކޮންމެވެސް އެއްޗެއް ކާލައިގެންނެވެ. މިއަދު ގޮތްދޫނުކުރަން ހަދައިގެން އަދިވެސް އެ އިނީ ހޭލިގޮތަށް ހުސްބަނޑާއެވެ. ކޮޓަރީ ދޮރުގައި ދެ ފަހަރު ޓިކި ދިން ފަހުން އަޑެއްބަޑެއް އޭނާއަކަށް ނީވެއެވެ. ކުއްލިއަކަށް އެ އަންހެންކުއްޖާ މިހާރު ކުރާނީ ކީއްބާއޭ އައިރިކް ހިތަށް އެރިއެވެ. މުޅިތަން ޗެކުކުރަނީ ނޫންކަމެއް ވެސް ނޭނގެއެވެ. އެނދުން ތެދުވެގެން އައިސް ދޮރުފަތް އައިރިކް ކަހާލީ ނިކަން ސިއްރުންނެވެ. ބޭރަށް ފިޔަވަޅެއް އެޅުމުގެ ކުރީން އޭނާ މަޑުކޮށްލިއެވެ. ހިލަމެއްނުވުމުން އައިރިކް ނުކުތެވެ. ސޯފާގޮނޑީގައި ފޮތްހަރުގަނޑު ނެގި ވާހަކަފޮތެއް ހިފައިގެން މާޔަލް އިނެވެ. އޭނާ ހިލަބުދެއްހެން ގަނޑުވެފައި އިނީއެވެ. އައިރިކް ހަދާގޮތެއް ބަލާށެވެ. މާޔަލް އެބައިންތޯ އައިރިކް ޔަގީންކުރާކަން އޭނާ ކޮޅުކޮޅަށް އެނބުރި ބަލާގޮތުން މާޔަލް ދެނެގަތެވެ. ލުއި ހިނިތުންވުމެއް މާޔަލްގެ ތުންފަތަށް ވެރިވިއެވެ. ސޯފާތައް ކައިރިއަށް އާދެވިއްޖެތޯ އައިރިކް ޔަގީންކޮށްލީ ކުރިޔަށް ނެރިލި ފައިންނެވެ. ސޯފާގައި ފައި ޖެހުމުން ގުދުވެލައި ސޯފާގައި އަތްޖައްސަމުން އައިސް އިށީނދެއްޖެއެވެ.

"ސައިބޯންތަ ތިއައީ؟" އައިރިކް އިށީނދެ ހަމަޖެހިލިކަން އެނގުނު ހިނދު މާޔަލް ބުނެލިއެވެ.

"ވަޓް ދަ..." އައިރިކް ދިޔައީ ސިއްސައިގެންނެވެ. އަޑުގެ ކޮޅަށް މާޔަލް ހޭންފެށިއެވެ.

"މާ..ޔާ.." ނުރައްކާތެރިކަން އެކުލެވޭ ފަދަ ހަރުކަށި އަޑަކުން އައިރިކް ގޮވާލިއެވެ.

"ސޮރީ ބޮސް." މާޔަލް ހުނުންގަނޑު މައިތިރިކުރަމުން ބުނެލިއެވެ.

"ކޮފީ ހަދައިދެންތަ؟." މާޔަލް އަހާލި ނަމަވެސް އައިރިކް ވަކި އެއްޗެއް ނުބުންޏެވެ. އަމިއްލައަށް ކޮފީތަށްޓެއް ވެސް ތައްޔާރުކޮށް ނުލެވޭނެކަން އައިރިކްއަށް އެނގެއެވެ. އެހެންވިޔަސް އެ މަދަދަށް މާޔަލްގެ ކައިރިން އެދޭން މިވަގުތު އޭނާ ބޭނުންނުވަނީއެވެ. އޭނާ އަނގައިން ނުބުނި ނަމަވެސް މާޔަލް އޭނާއަށް ކޮފީތައްޔާރުކުރާ އަޑު އިވެމުންދިޔައެވެ. ނާސްތާއަށް ތަބަކުގައި ހުރި ތަށިތަކުގައިވާ އެއްޗެއް ވެސް މާޔަލް ކިޔާދިނެވެ. އެތަނުން ކޯއްޗެއްތޯ ބޭނުންވަނީ މާޔަލް އެއްސެވެ. ނުބުނަން އިނދެފައި ވެސް އައިރިކް މަޑުމަޑުން ވާހަކަދެއްކިއެވެ. މާޔަލް ތެދުވެ ސޯފާތަކުގެ މެދުގައި ހުރި މޭޒު ދަމާލައި އައިރިކްއާ ކައިރިކޮށްލަދިނެވެ. ތަށްޓާ ހަމައަށް އައިރިކްގެ އަތްތިލަ ގެންދިއުމަށް ޓަކައި އެ އަތުގައި މާޔަލް ހިފާލިއެވެ. ސިހުނެއްކަމަކު އައިރިކް އަތް ފޮޅުވައެއް ނުލިއެވެ. މާޔަލްގެ އެ ހަރަކާތް ދެނެގަންނަން އައިރިކްއަށް އެނގޭތީ ކަހަލައެވެ. އެހެންޏާ އޭނާއަށް ތަށިތައް އަތުރައި ކޮފީޖޯޑު އަތަށް ދީފައި ނޫނީ ފަޒްނާ ދުރަކަށް ނުދާނެއެވެ.

އައިރިކް ސައިބޮއެ ނިމޭންދެން މާޔަލް ހިމޭންކަމުގައި އިނެވެ. އޭނާއަށް ކުރެވޭކަމަކުން އައިރިކް ރުޅިއައިސްގެން ސައިނުބޮއެ ހިނގައިދާނޭ ހީވާތީއެވެ. އެހެންއިންއިރު މާޔަލްގެ ނަޒަރު ފަރުވާތެރިކަމާއެކު އައިރިކްގެ ކޮންމެ ހަރަކާތަކަށް ސަމާލުކަން ދެމުންދިޔައެވެ. އައިރިކްގެ ހާލަތު ދެނެގަންނަން މަސައްކަތް ކުރާ މީހަކު ފަދައިންނެވެ. އައިރިކް ފަދަ ޒުވާނަކު އޭނާއާ އެއްވެސް ކަމެއް ޚިއްޞާކޮށްފާނެބާއެވެ. އެކުވެރިކަން ބަދަހިކުރާއިރު މާޔަލް އައިސް އެ އިނީ މުއްދަތެއް ކަނޑައަޅައިގެންނެވެ. ވީއިރު ގާތްކަމެއް އުފެއްދުން ރަނގަޅު ޚިޔާލަކަށް ވާނެބާއެވެ. އެ ދެމީހުންގެ އެކުވެރީންނަށް ވެއްޖެނަމަ އެ ގުޅުން އެހެންމީހުން ބަލައިގަންނަނާނެކަމެއް ވެސް މާޔަލްއަކަށް ނޭނގެއެވެ. އަދި އެފަދަ ގާތްކަމަކަށްފަހު ކުއްލިއަކަށް އައިރިކްގެ ދިރިއުޅުމުން މާޔަލް ހިނގައްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ. ހިމޭންކަމުގައި ވެސް މާޔަލްގެ ހިތާއި ސިކުނޑިވަނީ ހަލަބޮލިކަމެއްގެ ތެރޭގައެވެ.

* * * * *

ކޮލެޖު ނިންމާފައި މަލަކް އައިސް ގެއަށް ވަނެވެ. މެންދުރުގެ އެވަގުތަކީ ގޭތެރޭގައި އާމާލް އެކަނި އުޅޭ ގަޑިއެކެވެ. މާޔަލް އިންނާނީ ފިހާރައިގަކަމަށްވީމައެވެ. ގިނަ ދުވަސްދުވަހު މާޔަލްއާއި މައިރާ އަންނާނީ އަސަރަށް ބަންދުކޮށްފައެވެ. ކޮޓަރިއާ ދިމާއަށް އައި މަލަކްގެ ލޮލުގައި ކާމޭޒު މަތީ އޮތް މާބޮނޑިއަކާއި އޭގެ ކައިރީ ބަހައްޓާފައި ހުރި ކަރުދާސްކޮޅެއް އަޅައިގަނެއްޖެއެވެ. އަވަހަށް އައިސް މާބޮޑި ނަގައި ބަލާލައިފިއެވެ. ވަސް ވެސް ބަލާލައިފިއެވެ. ދެން އެ ބާއްވާފައި ކޮތަޅު ނަގައި ބަލާލިއެވެ. ރަތްކުލައިގެ ކަރުދާހުން ޕާރުސަލްކުރެވިފައިވާ ދެ ފޮށި އޭގައި އޮތެވެ. ކޮތަޅު ހިފައިގެން ހަލުވިކޮށް މަލަކް އައިސް މަންމަގެ ކޮޓަރީގައި ޓަކިދިނެވެ. އާމާލްގެ އަޑު އިވުމާއެކު ދޮރު ހުޅުވާލައި އެތެރެއަށް އޭނާ ވަނެވެ.

"މީ ކާކުގެ އެއްޗެއް؟. ކުޑޫއަށް އިވާން ފޮނުވާފަތަ؟." މަލަކް ލަފާކޮށްލިއެވެ.

"މަލްއަށް އައިސްފަ ހުރި އެއްޗެއް. ކާކު އެއީ؟." ދޮވެފައި ހުރި އެއްޗެހި ފަތްޖަހަން އެނދުމަތީގައި އިން އާމާލް ބުންޏެވެ.

"ފޮނުވީ ކާކުކަމެއްނެތް." މަލަކް ވެސް ހައިރާންވިއެވެ.

"ބޮސް ފޮނުވައިގެންނޭ އެމީހާ ބުނީ. ކާކު އެއީ؟. މަލް ދަންނަ މީހެއްނު ތިކަހަލަ އެއްޗެހި ފޮނުވާނީ. ކުއްޖަކާ ރައްޓެހިވީތަ؟." މަލަކްގެ ދިރިއުޅުން ހުންނަ ގޮތުން އޭނާ ކުއްޖަކާ ރައްޓެހިވިޔަސް ނޭނގޭނެއެވެ. އާމާލް ކައިރީ އެކަހަލަ ވާހަކަ ދެއްކުމުގެ ބަދަލުގައި ޚިއްޞާކޮށް އުޅެނީ މައިރާއާއި މާޔަލްއާއެވެ.

"ފޯނު އަދި ބަލާނުލެވޭ. ފްރެންޑެއް ކުރިކަމަކަށް އެވާނީ." މަލަކް ބުނެލިއެވެ. އަދި އަވަސް އަވަހަށް މާބޮޑިއާއި ކޮތަޅު ނަގައިގެން އައިސް ވަނީ ކޮޓަރިއަށެވެ.

"ކާކުބާ؟... ދައްޔާނައް ވެދާނެތަ؟. ނޫނީ އެމްތަ؟." މަލަކްއަށް ޔަގީނެއް ނުވިއެވެ.

ކޮންމެ މީހަކު ފޮނުވީ ނަމަވެސް މަލަކް އުފަލުން ފޮޅިއްޖެއެވެ. ޕާރުސަލްކޮށްފައި އޮތީ އަގުބޮޑު ދެ ސެންޓުފުޅިއެވެ. ވަގުތުން އަތަށް ޖަހާލައި ވަސް ބަލާލިއެވެ. މަލަކްގެ ފޯނު ރިންގުވާން ފެށީ އެވަގުތެވެ. އިހުނަށްވުރެ ތުންފަތް ދެމިލައިފިއެވެ. ކެތްތެރިކަން ކުޑަވެފައިވާހެން ފޯނުކޯލަށް މަލަކް ޖަވާބު ދިނެވެ.

"ސަޕްރައިޒްވިތަ؟." ފޯނުން އިވުނީ މާޔަލްގެ ހިތް ދީވާނާ ކުރަމުން އަންނަ ފިރިހެންވަންތަ އަޑެވެ.

"ޔޫތަ ފޮނުވީ." ޤަބޫލުނުކުރެވިގެން އުޅޭފަދަ ތުއިކަމެއް މަލަކްގެ އަޑުގައިވިއެވެ.

"ކަމުދޭތަ؟." އެ ޒުވާނާ އަހާލިއެވެ. މަލަކް ޖަވާބުދިނީ އެހެން ނަހައިގެން ހުރި ފަދައަކުންނެވެ.

"ވަރަށް މީޓުކުރާ ހިތްވޭ. ޕްލީޒް..." މަލަކް ބުނެލިއެވެ. ހަޔާލާތުގައި ފަރުމާކުރަމުން އަންނަ "ޕްރިންސް ޗާމިން"ގެ ތަތްގަނޑަށް އެ ޒުވާނާގެ މިންގަނޑުތައް ނުފެތިދާނޭތީ މަލަކް ކަންބޮޑުވެއެވެ. ހިތުގައި ޝައުގުވެރިކަން ބޮޑުވި ވަރަކަށް އޭނާ ހުންނަ ގޮތް ބަލަން މަލަކް ވަނީ ބޭނުންވެފައެވެ. އަބަދު ފޯނުން އަޑު އިވުމަށްވުރެ ދެ މީހުން ބައްދަލުވެ ތިބެ ވާހަކަދައްކާލަން މަލަކްގެ ހިތް އެދެނީއެވެ.

"އަދި ކުޑަ ދުވަސްކޮޅެއް. ބޮޑު މަސައްކަތެއްގައި ވަރަށް ބިޒީ... މަލްއާ މީޓުކޮށްލަން ބޭނުމީ ވަގުތު އޮވެގެން. މަލް ރެޑީތަ އަހަރެން މީ ކާކުކަން އެނގެން." ހިތް އަވަސްކުރުވާފަދަ ޖާދުވީ ލުއި ހީނލުމަކާއެކު އެ ޒުވާނާ ބުންޏެވެ.

"އައި އޭމް ރެޑީ... ޔޫ... އޭޖުން ވަރަށް ބޮޑުތަ؟. ކިހިނެއް ހުންނަނީ؟. ހިކިކޮށް ފަލަކޮށް... ދިގުކޮށް..." މަލަކް އެހެންޏާ ނުކުރާ ސުވާލުތަކެއް ކުރިއެވެ. ހިނދުކޮޅެއްގެ ލަސްވުމަކާއެކު އެ ޒުވާނާ އަނެއްކާ ވެސް ހީނލީއެވެ.

"މަލްގެ އުމުރާ އަޅާކިޔަންޏާ... ޔެސް. އޭޖުން ބޮޑުވާނެ. މަލްއަށް ވަރަށް މުހިންމު ދޯ މީހާގެ ސިފަ." ޒުވާނާ ބުންޏެވެ.

"އެހެނެއްނޫން. އަސްލު ޔޫ އަށް މަލްގެ ހުރިހާކަމެއް އެނގޭ. އެކަމަކު މަލްއަށް ޔޫ އާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނޭނގޭ. އެޓްލީސްޓް ނަން އެނގޭނެނަމައޭ ހިތަށް އަރާ." މަލަކް ބުނެލިއެވެ. އެ ޒުވާނާގެ "މިސްޓީރިއަސްކަމުން" މަލަކްގެ ފޯނުގައި ޖަހާފައި އިންނަނީ "އެމް" އަކުރެވެ. އެތައް ވާހަކައެއް ދައްކާއިރު ވެސް އޭނާގެ ޒާތީ އެއްވެސް ކަމަކާ ބެހޭ ގޮތުން ވާހަކައެއް ނުދައްކައެވެ.

"ކުޑަ ދުވަސްކޮޅަކީ ކިހާ މުއްދަތެއް؟." މަލަކް އަހާލިއެވެ.

"ހާދަ ކެތްތެރިކަމެއް ނެތޭ. ހުރިހާކަމެއްގައި ވެސް ހަމަ ތިހެންތަ؟." އެ ޒުވާނާ ސަމާސާކޮށްލިއެވެ.

"މީޓުވީމައެއްނު އެޔެއް އެނގޭނީ. ތިއުޅެނީ ވާހަކަ ބަދަލުކޮށްލަންތަ؟. ޔޫ ނުވޭ ދޯ އަސްލު މީޓުކުރާ ހިތެއް." މަލަކް ބުންޏެވެ. އޭނާ މިފަހަރު ދުލެއް ނުދިނެވެ. މުއްދަތެއް ބުނާން މަލަކް ބާރު އަޅަމުން ދިޔައީތީ އެންމެ ފަހުން އެ ޒުވާނާ އެއްބަސްވެއްޖެއެވެ. އެއް މަސް ދިނުމަށް އޭނާ އެދުނެވެ. އެއަށްފަހު އޭނާ ދުވަހެއް ހަމަޖައްސާނަން ކަމުގައި ބުންޏެވެ.

* * * * *

އައިތަންއާއެކު ކާރުގައި މާޔަލް އިންއިރު އައިރިކްއާއެކު ދުވަސް ދިޔަ ގޮތް އޭނާ ކިޔާދެމުން ދިޔައެވެ. މެންދުރު ގިޔާސް އައިސް މަސައްކަތްތަކާ ގުޅިގެން އައިރިކްއާ ވާހަކަދެއްކިއެވެ. އެގަޑީގައި އައިރިކް ނިކަން ސީރިއަސްވެ އޮފީހުގެ ކަންކަން ގިޔާސްގެ ކައިރިން އޮޅުން ފިލުވިއެވެ. ނަމަވެސް އޮފީހުގެ މަސައްކަތާ ގުޅޭ އެއްވެސް ކަމެއް މާޔަލްއާއެކު ނުކުރާކަން އޭނާ އައިތަންއަށް އޮޅުން ފިލުވައިދިނެވެ. އަދި މާޔަލްއާ ވާހަކަދައްކަން އައިރިކް އިސްނަގާފައި ނުވާކަން ވެސް ފާހަގަކުރިއެވެ. ހުރިހާކަމެއް ކިޔާދެވުމުން މާޔަލް ޚިޔާރުކުރީ ހިމޭންކަމެވެ. ގެއާ ހަމައަށް އާދެވެންދެން މާޔަލް އިނީ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ.

"އައިތަން." ކާރުން ފޭބުމުގެ ކުރީން މާޔަލް ގޮވާލީ ވާހަކައެއް ބުނާން ބޭނުންވެގެންނެވެ. އައިތަން ހޫން ލައްވާލީ ވާހަކަދައްކާށޭ ބުނާ ފަދައަކުންނެވެ.

"ކޮންމެ ދުވަހަކު އަހަރެން ބަލާ ނަޔަސް އޯކޭވާނެ. އަހަރެން ގަޑިއަށް ދާނަން." މާޔަލް ބުންޏެވެ.

"މީ އަހަރެން ބޭނުންވާގޮތް. އަހަންނަށް އުނދަގުލެއްނުވޭ. މާދަން އަންނާނަން... އިތުރު ކަމެއް." އައިތަން އަހާލިއެވެ. މާޔަލް ނޫނެކޭ ބުނާން ބޯހޫރާލީ އައިތަންގެ ނިންމުން ބަދަލުނުކުރާނޭ ޔަގީންވެގެންނެވެ.

ގޭތެރެއަށް މާޔަލްއަށް ވަދެވުނު އިރަށް މަލަކްގެ ގޮވާލި އަޑު އިވުނެވެ. އެތެރެއަށް ވަދެގެން އައިއިރު ސިޓިންރޫމުގައި މައިރާ ވެސް އިނެވެ.

"ތެދެއް! ޖޮބެއް ހަމަޖެހުނީއޭ..." ހައިރާންކަމާއެކު މައިރާ އެއްސެވެ. މާޔަލް ބޯޖަހާލަމުން އައިސް ދައްތަގެ ކައިރީ ސޯފާގައި އިށީނެވެ. އަދި އައިތަން ދިން ސިޓީއުރަ އަތްދަބަހުގެ ތެރެއިން މާޔަލް ނެގިއެވެ. ކައިރީގަ އިން މައިރާއަށް އެ ސިޓީއުރަ މާޔަލް ދިއްކޮށްލިއެވެ. ދުރުގައި އިން މަލަކް ގޮނޑިން ފުންމާލައިގެން އައިސް މައިރާގެ ކައިރިއަށް އަރައިފިއެވެ. ލިޔުމުގައިވާ އެއްޗެއް އޭގެ ދެބެންވެގެން ކިޔަންފެށިއެވެ.

"ވަގުތީ ދޯ. އެކަމަކު ހާދަ ސެލެރީ ބޮޑޭ. ސަޅި." ލިޔުމަށް ބަލަމުން މައިރާ ވާހަކަދެއްކިއެވެ.

"ޕީއޭ... ބޮސް ކިހިނެއް؟ ވަރަށް ހެންޑްސަމްތަ؟." މަލަކް ވަގުތުން އަހާލިއެވެ.

"ހީ އިޒް އަ ބީސްޓް." ސޯފާގައި ލެނގިލުމާއެކު ކަނދުރާއިން ވާގިދޫކޮށްލައިގެން އޮވެ ނިތްކުރީގައި މާޔަލް އަތް ބާއްވާލިއެވެ. (ނުނިމޭ)