އަދާލަތު ޕާޓީ

ފާހިޝް އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބު ދިނުމަށް ގޮވާލައިފި

Jul 5, 2022
5

އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި އެފަދަ ފާހިޝް އަމަލުތަކުގެ މަންޒަރުތައް ދައުރުކުރާ މީހުންނަށް ހައްގު އަދަބު ދިނުމަށް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިކަމަށް ގޮވާލާފައި މިވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ވީޑިއޯތަކެއް ބައެއް މީހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނިކޮށް އެފަދަ މައްސަލަތަކެއް ބަލައި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނިކޮށެވެ.

އަދާލަތު ޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގުމާއި އެފަދަ މަންޒަރުތައް ދައުރުކުރުމަކީ ދިވެހިންގެ އިސްލާމްވަންތަކަން ކިލަނބުވެ އިޖުތިމާއީ ފޭރާން ވީދި، މީސްތަކުންގެ މެދުގައި މުންކަރާތްތައް އާންމުވުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

މިބަޔާނުގައި ބުނެފައިވަނީ މަދަނީ އަދި އިންސާނީ ހައްގުތަކުގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުން ފަދަ އަމަލުތައް ފަތުރަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށާއި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން އެފަދަ ކަންކަމަށް ޝައުގުވެރިކުރުވަން ވެސް ބަޔަކު މަސައްކަތް ކުރާ ކަމަށެވެ.

މިފަދަ ފާހިޝް އަމަލުތައް ހިންގަނީ ދުރާލާ ރާވައިގެން ޕްރޮޕެގަންޑާއެއްގެ ގޮތުގައި ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ލާދީނީ އަދި ލާއިންސާނީ ހުތުރު ފިކުރުތަކުން ދިވެހިން ސަލާމަތްކުރުމަށްޓަކައި ބޭނުންވާ ތައުލީމާއި ދީނުގެ އިލްމު ސްކޫލުތަކުގައި ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެކަމަކު މިވަގުތު އެކަން ކުރެވެމުން ނުދާ ކަމަށާއި އެއީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް ބުނެފައިވެ އެވެ. އަދި ތައުލީމީ ދާއިރާއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށްވެސް ގޮވާލާފައިވެ އެވެ،

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކަކީ ގައުމީ ނިސްބަތެއްގައި އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ޖެހިފައިވާ ބޮޑު ވަބާއެއް ކަމަށެވެ.