މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދައިދިނުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި އެކަމާ ގުޅޭގޮތުން ބޭއްވި ގިނަ ބައްދަލުވުންތަކެއްގައި މާލެ ސިޓީގެ ކައުންސިލަރުން ވެސް ބައިވެރިވެ އެ މަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.
ޕަބްލިކް ޓްރާންސްޕޯޓަކީ ސިޓީ ކައުންސިލުންވެސް ވަރަށް ތާއީދު ކުރާ ކަމެއް ކަމަށް ފާހަގަކުރައްވާ ނަރީޝް ވިދާޅުވީ އެއީ ސިޓީ ކައުންސިލްގެ މެންޑޭޓްގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށެވެ. އަދި ދަޢުލަތުގެ ކުންފުންޏަކުން އެކަން ކުރި ކަމުގައި ވިޔަސް ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ކައުންސިލުން ދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ނަރީޝް ވިދާޅުވީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މަޖީދީ މަގާއި، އަމީނީ މަގާއި، ފަރީދީ މަގާއި، އޯކިޑްމަގުގައި އެއްވެސް ވެހިކަލަކަށް ޕާކް ނުކުރެވޭ ގޮތް ހަދައިދިނުމަށް ކަމާ ގުޅޭ އިދާރާތަކުން ސިޓީ ކައުންސިލްގައި އެދިފައިވާ ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ޕާކު ކުރާނެ ތަނެއް ނުދައްކައި ޕާކިން ޒޯންތައް އުވާލާނެ އެއްވެސް ގޮތެއް ނެތް ކަމުގައިވެސް ވިދާޅުވި އެވެ.
"އެ މަގު ތަކަކީ މިހާރުވެސް އިތުރު ޕާކިންއެއް ދެވޭނެހެން އޮތް މަގުތަކެއް ނޫން،" ނަރީޝް ވިދާޅުވި އެވެ.
ނަރީޝް އިތުރަށް ވިދާޅުވީ މާލޭގެ ހުރިހާ މަގުތަކެއްގެ ޕާކިން ޒޯންތައް ޕްލޭނިން މިނިސްޓްރީ އަށް ނަގަން އުޅޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. ނަމަވެސް ލާމަރުކަޒީ ގާނޫނު އޮތް ގޮތުން މަގުތަކަކީ ކައުންސިލްގެ ބާރު ހިނގާ ތަންތަން ކަމުފގައިވެސް ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.