މަގުމަތީގެ އެކްސިޑެންޓް

ބަހުސެއް؛ މައްސަލައަކީ ދުވާ މީހުންތަ؟

އިއްޔެ އިރުއޮއްސުނު ވަގުތު މާލެ ރިންގްރޯޑްގައި ހިނގި އެކްސިޑެންޓަކީ މި ފަހުން ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް އެކްސިޑެންޓެވެ. އެކްސިޑެންޓްގައި ހަ މީހަކަށް އަނިޔާވި އެވެ. އެކަކު ނިޔާވި އެވެ. ތިން ވެހިކަލަކަށް ގެއްލުން ވިއެވެ. އެއް ވެހިކަލް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ. އެއީ އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުންވި ކާރެވެ. އެ ކާރު އޮތީ ފައްފައް ޖެހިފައެވެ.

ފުރަތަމަ މައުލޫމާތުތައް ފެތުރިގެން އައީ އެކްސިޑެންޓްވީ ކާރަކާއި ބަހެއް ޖެހިގެން ކަމެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް އެމްޓީސީސީގެ ބަހެއްގައި ޖެހި އެކްސިޑެންޓެންވީ ކަމަށެވެ.

ނަމަވެސް އެކްސިޑެންޓްވީ މަންޒަރު ފެންނަ ވީޑިއޯ ރޭ ވަނީ އާންމުވެފައެވެ. މިއީ އެކްސިޑެންޓްގައި އެންމެ ބޮޑަށް ގެއްލުންވި ރަތް ކާރުގެ ސްޕީޑް ގެއްލިގެން ގޮސް ހިނގި އެކްސިޑެންޓެއް ކަމަށް ބެލެވެއެވެ. ފުރަތަމަ އެ ކާރު ގޮސް ޖެހެނީ ހުދު ކާރެއް ގައެވެ. އަދި ކޮންޓްރޯލް ނުވެ އެނބުރެމުން ގޮސް ދުއްވާފައި އައި އެމްޓީސީސީ ބަހުގައި ޖެހި މަޑުވަނީ އެވެ.

ބައެއް މީހުންގެ ލަފާކުރުންތަކުން އެމްޓީސީސީ ބަހުގައި ކާރު ނުޖެހުނު ނަމަ ކާރު ވެއްޓޭނީ މޫދަށެވެ.

ވީޑިއޯ އާންމުވުމާއެކު އެހެން ބަހުސެއް ވަނީ ފެށިފައެވެ. އެކްސިޑެންޓްވީ މަންޒަރު ފެންނަ ވީޑިއޯ އިން މަގުމަތީގައި ކަސްރަތަށް ދުވާ ދެ މީހަކު ފެނެއެވެ. އެ ދެ މީހުންވެސް ކާރު އެކްސިޑެންޓުން ސަލާމަތް ވަނީ ކިރިއާ އެވެ.

ބައެއް މީހުންގެ ނަޒަރުގައި އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުމަތީ ދުވަން ތިބި ދެ މީހުންގެ ސަބަބުންނެވެ. ކާރު ދުއްވަން އިން މީހާއަށް އެ ދެ މީހުން ފެނި ކުއްލިއަކަށް ކާރު މަޑުކުރަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް ހިނގީ އެވެ.

އެއާއެކު ބޮޑު ބަހުސެއް ފެށިއްޖެ އެވެ. ބައެއް މީހުން ވަނީ ދުވާ މީހުންގެ މައްސަލަ ފާހަގަކޮށް އެކްސިޑެންޓް ހިނގީ އެ މީހުންގެ ސަބަބުން ކަމަށް ބުނެފައެވެ. ނަމަވެސް ގިނަ ބަޔަކު ބުނުން ރަނގަޅެއް ނުވިއެވެ. ހާއްސަކޮށް މަގުތަކަށް ދުވަން ނިކުންނަ ގިނަ ބަޔަކު ވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން އަސްލު މައްސަލައަށް ވާހަކަ ނުދައްކާ އެހެން ކަންތައްތަކެއް ފެންމަތިކޮށް ވާހަކަ ދައްކާތީ އެ މީހުން ތިބީ ހިތްހަމަނުޖެހިފައެވެ.

"ނަސީބެއް ނުބުނިކަން ކާރު އެކްސިޑެންޓްވީ އެތާންގައި ދުވާ ޓްރެކް އޮތުމުންނޭ،" ފޭސްބުކްގައި މީހަކު ލިޔެފައި އޮތެވެ.

ދުވާ މީހުންނާއި ދެކޮޅަށް ޝުއޫރު ފާޅުކުރި މީހުން ބުނާ ގޮތުގައި ދުވާނެ ޓްރެކެއް އޮތް އިރު ބޭރު މަގުގައި ދުވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި އެއީ ރައްކާތެރި ކަމެއްވެސް ނޫނެވެ. އެކަން ހުއްޓުވަންވެސް ޖެހެއެވެ.

ހެނދުނާއި ހަވީރު އަދި ރޭގަނޑުގެ ވަގުތުގައިވެސް ވަރަށް ގިނަ ބަޔަކު ބޭރު މަގުގައި ދުވެ ހިނގާ ހަދައެވެ. ބައެއް މީހުން ސީދާ މަގުގައި ދުވެ ހަދައެވެ. އަނެއް ބަޔަކު ދުވެ ހިނގާ ހަދަނީ ޕޭވްމަންޓްގައެވެ.

ބައެއް މީހުންގެ ނަޒަރުގައި އިއްޔެގެ އެކްސިޑެންޓާއި މަގުމަތީ ދުވާ މީހުންނާއި ގުޅުވާ ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. އަދި އިއްޔެ އެކްސިޑެންޓްވީ ވަގުތު ދުވާ މީހުން ތިބީ މާ ދުރުގައި ކަން ވީޑީއޯއިން ސާފުވާ ކަަމަށް ބުނެފައިވެއެވެ. ވީޑިއޯ އިން ފެންނަ ގޮތުން ބަހުގައި ޖެހި އެކްސިޑެންޓްވުމުގެ މާ ކުރީން ކާރުގެ ކޮންޓްރޯލް ގެއްލެއެވެ. އެ ވަގުތަކީ ތުނިކޮށް ވާރޭވެހެމުން ދިޔަ ވަގުތެކެވެ. ތާރު މަގު އޮތީ ތެތްކޮށެވެ. އެހެންވީމަ ކާރުގެ ކޮންޓްރޯލް ގެއްލުމުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގީ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުން ބަހުގައި ކާރު ޖެހުނުއިރު ދުވަމުން ދިޔަ ދެ މީހުން ތިބީ ވަރަށް ކައިރީގައެވެ. ކާރު ނުހުއްޓި އެނބުރެމުންދިޔަ ނަމަ އެ މީހުންނަށް އަނިޔާވުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް ބަހުގައި ޖެހި އެނބުރި ކާރު ވަގުން ހުއްޓެވެ. ކާރުގައި ތިބި މީހުންނަށް އެހީވާން އެންމެ ފުރަތަމަ ކައިރީވެސް ދުވަން އުޅުނު ދެ މީހުންނެވެ.