އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ޕާޓީގެ އިސް ލީޑަރު، ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަލި ކުރެވޭނެ ބޭފުޅަކު ނެތް ކަމަށް އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެ އެވެ.
ޓީވީ ޕްރަގްރާމެއްގައި ބަައިވެރިވެވަޑައިގެން މޫކޭ ވަނީ އެމްޑީޕީގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން އަދި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގައި މިހާރު ތިއްބެވި އެ ޕާޓީގެ މެންބަރުންގެ ވިސްނުމަކީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯއްދަވާ ދެއްވުމެވެ. އަދި ރައީސް ސޯލިހަށް އިންތިހާބުން ކުރި ހޯއްދެވުނު ނަމަވެސް އަދި އިންތިހާބުގައި ނާކާމިޔާބީ ލިބިވަޑައިގަތަސް އެ ބޭފުޅުން ތިއްބަވާނީ ރައީސާ އެކު ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ރިޔާސީ ޕްރައިމަރީއެއް ބޭއްވި ނަމަވެސް އެ ޕްރައިމަރީން ރައީސް ސޯލިހް ބަލިވެވަޑައިގަންނަވާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަ ކުރެއްވި ނަމަވެސް ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ތިބީ ވަަރަށް ރަނގަޅަށްވެސް ރައީސް ސޯލިހާއެކީގައި. ބަލިވިޔަސް މޮޅުވިޔަސް ރައީސް ސޯލިހާއެކީގައި އަޅުގަނޑުމެން މި ތިބީ. އެކަމު އެތެރޭގެ އިންތިހާބެއްގައި މިހާރަކުއެއް އިރާދަކުރެއްވިއްޔާ ރައީސް ސޯލިހް ބައްޔެއް ނުކުރެވޭނެ ޕްރައިމަރީއެއްގައި ރައީސް ނަޝީދު ކުރިމަތިލިޔަސް،" މޫކޭ ވިދާޅުވިއެވެ.
އޭނާ ވަނީ ރިޔާސީ ރޭހަށް ނިކުންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާތީ އަދި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޅުގައި ރަައީސް ނަޝީދު ފާޑުވިދާޅުވަމުން ގެންދަވާތީ ރަައީސް ނަޝީދަށް ރައްދު ދެއްވާފައެވެ. ވިދާޅުވީ ދިމާވެގެން އުޅެނީ ސިޔާސަތުތަކުގެ މައްސަލައެއް ނޫން ކަމަށާ ވެރިކަން އައިސް ހުއްޓެންވީ ދިމާލުމުގެ މައްސަލައެއް ކަމަށެވެ. އަދި ރައީސް ސޯލިހް ހުންނަވަނިކޮށް ރައީސް ނަަޝީދު ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
މޫކޭ ވަނީ ރައީސް ނަޝީދުއާއެކީ އެމްޑީޕީއަށް ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށް ވަރަށް ސާފު ކަމަށް ވިދާޅުވެފައެވެ. އެއީ ރިޔާސީ ނިޒާމެއްގައިވެސް ބަރުލަމާނީ ނިޒާމެއް އޮތަސް އޮތް ފުރުސަތެއް ނޫން ކަމަށް ވިދާޅުވިއެވެ. ނަޝީދާއެކު އެމްޑީޕީއަށް ވެރިކަން ލިބެން ނެތްކަން އެމަނިކުފާނާއެކު ތިއްބެވި ބޭފުޅުންނާއި ރާއްޖޭގެ އެންމެހެން ގަބޫލުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރައީސް ނަޝީދުއާއެކީ އެމްޑީޕީއަށް ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް ބަރުލަމާނީ ވިޔަސް ކޮމިއުނިޒަމް [ރިޔާސީ] ވިޔަސް ނެތް އިނގޭތޯ. އެއްވެސް ފޯމިއުލާއެއް އަޅުގަނޑަކަށް ނުފެނޭ ރައީސް ނަޝީދާއެކީގައި ދެން އެމްޑީޕީއަށް ވެރިކަން ހޯދޭނެ، ދިވެހިރާއްޖެ މިއޮތް ގޮތުން. އެއީ ދިވެހިރާއްޖޭގެ އެންމެހެން ގަބޫލު ކުރާ ކަމެއް. އަދި ރައީސް ނަޝީދުއާއެކީގައި ތިއްބެވި ބޭފުޅުންވެސް ގަބޫލު ކުރާ ކަމެއް. ރައީސް ނަޝީދާއެކީގައި އެމްޑީޕީއަށް ވެރިކަމެއް ހޯދޭނެ އެއްވެސް ގޮތެއް މިހާރު ނެތް،" މޫކޭ ވިދާޅުވިއެވެ.
ރައީސް ނަޝީދުއާއެކީ އެމްޑީޕީއަށް ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް ބަރުލަމާނީ ވިޔަސް ކޮމިއުނިޒަމް [ރިޔާސީ] ވިޔަސް ނެތް އިނގޭތޯ. އެއްވެސް ފޯމިއުލާއެއް އަޅުގަނޑަކަށް ނުފެނޭ ރައީސް ނަޝީދާއެކީގައި ދެން އެމްޑީޕީއަށް ވެރިކަން ހޯދޭނެ، ދިވެހިރާއްޖެ މިއޮތް ގޮތުން. އެއީ ދިވެހިރާއްޖޭގެ އެންމެހެން ގަބޫލު ކުރާ ކަމެއް. އަދި ރައީސް ނަޝީދުއާއެކީގައި ތިއްބެވި ބޭފުޅުންވެސް ގަބޫލު ކުރާ ކަމެއް. ރައީސް ނަޝީދާއެކީގައި އެމްޑީޕީއަށް ވެރިކަމެއް ހޯދޭނެ އެއްވެސް ގޮތެއް މިހާރު ނެތްމޫސާ އަލިމަނިކު (މޫކޭ) | އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު
ދެވަނަ ދައުރަަކަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް ސޯލިހް ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފައެވެ. ކޯލިޝަނަކާއެކު ނުކުމެ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައެވެ.
ނޫސްވެރީންގެ ބައްދަލްވުމުގައި އަވަސް އިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހް އެ ދުވަހު ވިދާޅުވީ އެންމެ މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އެއީ ރާއްޖެއަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ވަރަަށް ގިނަ މަޝްރޫއުތައް ފައްޓަވާފައިވާ ކަމަށާ ކުރިއަށް އޮތް އަހަރުތަކުގައި އެ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ޖެހޭ ކަމަށެވެ.
އޭގެ ފަހަށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބޭއްވުން ކަމަށާ އެމްޑީޕީން އަމަލު ކުރާނީ އަސާސީ ގަވާއިދުގައި އޮތް ގޮތަށް ކަމަށެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނީ އެމްޑީޕީގެ ކޮންގްރެސް އިން ކަމަށްވެސް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން ރައީސް ވިދާޅުވީ 2023 ގެ އިންތިހާބުވެސް އެއް ޕާޓީއަކަށް އެކަނި ނިކުމެ ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި އެމަނިކުފާނަށް އޮތް ޔަގީން ކަމަކީ ކޯލިޝަނަކާއެކު ނިކުންނަވާ 2023 ކާމިޔާބު ކުރެއްވުން ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނަކާއެކު އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީގައި ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. އެހެންވީމަ ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަގީން ކަމަކީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ ރިޔާސީ އިންތިހާބު 2023. އެމްޑީޕީއަށް ވެރިކަން ކުރަން ބޭނުން ކަމަށް ވަންޏާ އަޅުގަނޑު މިހުރީ ޗޮއިސްއެއް،" ރައީސް ސޯލިހް އެ ދުވަހު ވިދާޅުވިއެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އަދި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ "އާސްކު ސްޕީކާ" ޕްރަގްރާމްގައި ރައީސް ނަަޝީދު ވިދާޅުވީ އެމަނިކުފާނު އެއްވެސް އިންތިހާބަކަށް ނިކުންނަވަނީ ނާކާމިޔާބު ވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އަދި އިންތިހާބުން ކާމިޔާބު ވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ފަހަށް ދެން ވިދާޅުވީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަކީ ސަރުކާރު ހިންގާ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
ނިމިގެންދިޔަ 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިނިސްޓަރު ޝާހިދު ފާޅު ކުރެއްވި ކަމަށާ ނަމަވެސް އެ ފަހަރުގެ އިންތިހާބުގައި ނިކުންނަވަން އެންމެ ރަނގަޅު ބޭފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޝާހިދު އަރިހުގައި ވިދާޅުވެފައި ވާނެ ކަމަށް ނަޝީދު އެރޭ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެއްވުން މަޑުޖައްސަވާ ލެއްވުމަށް ޝާހިދުގެ އަރިހުގައި އެދިވަޑައިގެންނެވި ނަމަވެސް ޝާހިދަކީ ވެރިކަމަށް ވަޑައިގަތުމަށް "ރުކުން" ހަމަ ބޭފުޅެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއް ނޫން. ރައީސް، 2018 ވަނަ އަހަރުގައި ކުރިމަތިލެއްވި އިރުގައި އޭގެ ކުރީގައި އަޅުގަނޑާއި ބައްދަލު ކުރެއްވި އަބްދުﷲ ޝާހިދު. އެ 2018 ވަނަ އަހަރުގެ އިންތިހާބުގައި ޝާހިދު އެދިވަޑައިގެންނެވި ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނެވުމަށް. އެހެން ނަމަވެސް އަޅުގަނޑު ދެންނެވިން ޝާހިދުގެ އަރިހުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި 2018 ވަނަ އަހަރުގެ އިންތިހާބުގައި ނިކުތުމަށް އެންމެ ރަނގަޅު ބޭފުޅަކަށް ވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއޭ. 2018 ވަނަ އަހަރު އަޅުގަނޑު އަބްދުﷲ ޝާހިދު އަރިހުގައި އެ ފަހަރު މަޑުކުރައްވަން ދެންނެވިއިރުގައި އަޅުގަނޑަށްވެސް ވަރަށް ބޮޑަށް ސާފު ޝާހިދަކީ ރާއްޖޭގެ ވެރިކަން ކުރުމުގެ ހުރިހާ ރުކުނެއް ފުރިހަމަވާ ބޭފުޅެއްކަން،" ނަޝީދު ވިދާޅުވިއެވެ.