ރައީސް މުހައްމަދު ނަޝީދު

ކުރީގެ ތާއީދެއް ނަޝީދަކަށް ނެތް: މޫކޭ

Jul 6, 2022
4

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރިން އޮތް ތާއީދު އާންމު ރައްޔިތުންގެ ތެރޭގައިވެސް އަދި އެމްޑީޕީގެ ތެރޭގައިވެސް މިހާރު ނެތް ކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ދިފާއުގައި އެންމެ ވަރުގަދައަށް ވާހަކަދައްކަވާ ބޭފުޅުންގެ ތެރޭގައި މޫކޭ ހިމެނެ އެވެ. އަދި އޭނާ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ.

މޫކޭ ވިދާޅުވީ ރައީސް ނަޝީދަށް އޮތް ތާއީދު ދަށަށް ދިޔައީ ރައީސް ނަޝީދުގެ ބަސްމަގު ހުންނަ ގޮތުން ކަމަށާއި ކުރީގެ ތާއީދު ނެތް ކަން ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އާއްމު މެމްބަރުންގެ ތެރޭގައިވެސް ރައީސް ނަޝީދަށް ކުރީގަ އޮތް ތާއީދު މިހާރު ނެތްކަން އެއީ ހގަބޫލުކުރަންޖެހޭ ހަގީގަތެއް،" މޫކޭ ވިދާޅުވި އެވެ.

ރިޔާސީ ނިޒާމުގައި ހުރި މައްސަލަތަކެއްގެ ސަބަބުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ނަޝީދު ވަކާލާތު ކުރައްވާ މައްސަލައަށް ވެސް މޫކޭ ވަނީ ރައްދުދެއްވާފަ އެވެ.

މޫކޭ ވިދާޅުވީ ވެރިކަމުގެ ނިޒާމުގައި މައްސަލަ އުޅެނީ ނޫން ކަމަށާއި ހުރިހާވެސް މައްސަލަ އަކީ ރައީސް ނަޝީދު ވެރިކަން ނޫން އެހެން އެއްވެސް އެއްޗެއް ބޭނުން ނުވުން ކަމަށެވެ. ރައީސް ނަޝީދަށް ވެރިކަން ލިބިވަޑައިގެންފިނަމަ ވެރިކަމުގެ ނިޒާމު ވެސް ރަނގަޅުވާނެ ކަމުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅޭގޮތުން މޫކޭ ވިދާޅުވީ ރިޔާސީ ޓިކެޓް ދިނުން އެންމެ ރަނގަޅީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށެވެ. އަދި ޕްރައިމަރީއެއްގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ވާދަކުރައްވައިފިނަމަ ރައީސް ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން މިހާރު އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދާ އެކު އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ޕްރައިމަރީއަށް ގޮސްގެންވެސް ހަމަ ރީތިކޮށް ރައީސް ސޯލިހް ރިޔާސީ ޓިކެޓް ކަށަވަރު ކުރާނެ ކަން އެއީ އެނގޭ ކަމެއް،" މޫކޭ ވިދާޅުވި އެެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ އިސް ބޭފުޅުން ކުރިން ރައްދު ނުދެއްވި ނަމަވެސް ރައީސް ނަޝީދު އަމަލުކުރައްވާ ގޮތުން އަދި ވިދާޅުވާ ބައެއް ވާހަކަތަކަށް އެމްޑީޕީގެ ތެރެއިން ފާޑު ކިޔާ މީހުން މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.