ސްޓެލްކޯގެ ލީގަލް މެނޭޖަރުގެ މަގާމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމު (ހަލީމްބާއީ) ހަމައްޖައްސައިފި އެވެ.
ހަލީމު އެ މަގާމަށް ހަމަޖައްސާފައިވާ ކަން ސްޓެލްކޯ އިން ޔަގީންކޮށްދިން ނަމަވެސް އޭނާއަށް ލިބިވަޑައިގަންނަވާ މުސާރައިގެ މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު (އޭޑީ) ވިދާޅުވީ ހަލީމު އެ މަގާމަށް ނެގީ އާންމުކޮށް އިއުލާންކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކަމަށެވެ.
ސްޓެލްކޯގެ މެނޭޖަރުން ފެންވަރުގެ މަގާމަކަށް ހަލީމު އައްޔަންކޮށްފައި މިވަނީ އޭނާ މިފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައި ވަނިކޮށެވެ.
ހަލީމު ވަނީ މިދިޔަ މަހުގެ ތެރޭގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ޕާޓީ -- އެމްޓީޑީ އަށް ސޮއި ވެސް ކުރައްވާފަ އެވެ. އަދި ފުލުހުން މިހާރު ބަލަމުންދާ ކިންގްސް ކެޕިޓަލް ހޯލްޑިންސްއާ ގުޅުންހުރި ޕޮންޒީ ސްކީމުގެ މައްސަލައިގައި އެ ކުންފުނީގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ހަލީމު މަސައްކަތް ކުރައްވަ އެވެ.
ސްޓެލްކޯގެ ލީގަލް މެނޭޖަރުގެ މަގާމަށް ހަލީމު ހަމަޖައްސާފައި މިވަނީ އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ކްރެޑިޓް ސްކީމަކަށް ފައިސާ ނުދައްކާ އޮތުމުން އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް ހުކުމެއްވެސް ކޮށްފައި ވަނިކޮށެވެ.