ހަބަރު

އިންޖީނުގެއިން މަޖިލީހަށް ސިޓީއެއް ނުފޮނުވޭނެ: ނަޝީދު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީގެ މުސާރައިގެ މައުލޫމާތު ހިމެނޭ ލިޔެ ކިޔުން ރައްޔިތުންގެ މަޖިލީހުން ލީކުވި ގޮތެއްގެ ސަބަބުން ހޯދަން ފޮނުވި ސިޓީގެ ޖަވާބުގައި ސްޓެލްކޯއިން މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާއަށް އާންމު ވެފައިވާ އެ ސިޓީގައިވާ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުޣުނީއަށް މުސާރައިގެ ގޮތުގައި އިނާޔަތްތަކާއެކު މަހަކު ގާތްގަނޑަކަށް 98،000 ރުފިޔާ ލިބި ވަޑައިގަންނަވަ އެވެ. އެކަމާ ގުޅިގެން މުޣުނީއަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.

އެ މައުލޫމާތު ލީކުވި ގޮތް ހޯދަން މަޖިލީހުގައި އެދުމުން މަޖިލީހުގެ މެންބަރުން ވެސް ފާޑުވިދާޅުވި އެވެ. މަޖިލީހުގެ ގިނަ މެންބަރުންތަކެއް ވިދާޅުވެފައި ވަނީ ދައުލަތުގެ ކުންފުންޏެއްގެ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ މުސާރައަކީ ސިއްރެއް ނޫން ކަމަށާއި އެ މައުލޫމާތަކީ މަޖިލީހުން އާންމު ކޮށްފައިވާ މައުލޫމާތެއް ކަމަށެވެ.

ސްޓެލްކޯއިން ފޮނުވި ސިޓީއާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި ހަމަޖެހިފައި އޮންނަ އުސޫލަކީ މަޖިލީހުން ކުރާ ސުވާލުތަކަށް ވުޒާރާތަކުންނާއި މުއައްސަސާތަކުންނާއި ކުންފުނިތަކުން ޖަވާބުދާރީވުން ކަމަށެވެ. އެއްވެސް ހާލެއްގައި އެ ފަރާތްތަކުން ކުރާ ސުވާލުތަކަށް މަޖިލީހުން ޖަވާބުދާރީވާން ނުޖެހޭ ކަމަށް އެ ގޮތަށް ސިޓީ ވެސް ނުފޮނުވޭނެ ކަމަށެވެ.

"އިންޖީނުގޭ ކުދިންނަށް ގަލޮޅު ކެނެރީގޭ މުހައްމަދު ނަޝީދަށް ސިޓީ ފޮނުވިދާނެ، ބޭނުން އެއްޗެއް ވިދާޅުވެވި ވެސް ދާނެ، އެކަމަކު މަޖިލީހުގެ ރައީސަށް ސިޓީއެއް ނުފޮނުވޭނެ، އިންޖީނުގެ ކުދިންނަށް އެނގެން އެބަ ޖެހޭ މި ތަނަށް ސިޓީ ނުލިޔުއްވޭނެކަން. މި ތަނުން ފޮނުވާ ސިޓީއަކަށް އެ ބޭފުޅުންނަށް ޖަވާބު ދެއްވޭނީކަން،" ނަޝީދު ވިދާޅުވި އެވެ.

އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެން ސްޓެލްކޯއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ސަރުކާރު އައުމަށް ފަހުގައި ކުންފުނިތަކުގެ އެމްޑީންގެ މުސާރަ ކަނޑައަޅަނީ ފިނޭންސް މިނިސްޓްރީން ހަމަޖައްސާ ގިންތީގެ ތެރެއިން ކަމަށެވެ. އެ ގޮތުން ސްޓެލްކޯއަކީ އޭ ކެޓަގަރީގެ ކުންފުންޏަކަށްވެފައި އެ ކެޓަގަރީގެ ހުރިހާ ކުންފުންޏެއްގެ އެމްޑީންނަށް ވެސް ލިބެނީ ސްޓެލްކޯގެ އެމްޑީއަށް ލިބޭ މުސާރަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.