މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

އެމްޕީއެލްގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

Jul 7, 2022

ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުނި -- މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

މީރުމާ ހޮޓެލްގެ އިވެންޓް ހޯލްގައި ރޭ ބޭއްވި މިޖަލްސާގައި ސަރުކާރުގެ ހިއްސާ ތަމްސީލް ކުރެއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރު އެވެ. މި ޖަލްސާގައި އެމްޕީއެލްގެ ބޯޑުގައި ހިމެނޭ ޑިރެކްޓަރުން ވެސް ބައިވެރިވެފައިވެ އެވެ.

މީގެއިތުރުން އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން އޮޑިޓާ ޖެނެރަލް އޮފީހުގެ ކޮންޓްރެކްޓް އޮޑިޓަރު ކޭޕީއެމްޖީގެ ބޭފުޅުން ވެސް ޖަލްސާ އަށް ހާޒިރުވެ ތިއްބެވި އެވެ.

އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީގެ ވާހަކަފުޅުގައި ވަނީ މިދިޔަ އަހަރު އެމްޕީއެލް އިން ކޮށްފައިވާ މައިގަނޑު މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އަދި މިއަހަރާއި މުސްތަގުބަލަށް ކުންފުނިން ކުރަން ނިންމާފައިވާ މުހިއްމު ކަންކަމުގެ މައުލޫމާތުވެސް ހިއްސާކުރެއްވި އެވެ.

ކުންފުނިތަކުގެ އަހަރީ އާންމު ޖަލްސާގައި ކަންކަން ކުރާ އުސޫލުން މިޖަލްސާގައި ވެސް ވަނީ އެމްޕީއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓާއި އަދި އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ފާސްކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ފައިދާއިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ދައްކާ އަދަދާއި މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދޫކުރާނެ ފައިސާގެ އަދަދުވެސް ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން ކުންފުނީގެ އޮޑިޓްތައް ކުރިއަށް ގެންދާނެ ބައެއް ވެސް މިޖަލްސާގައި ވަނީ ކަނޑައަޅާފަ އެވެ. އެމްޕީއެލް އިން ގެންދަނީ އެ ކުންފުނީގެ އޮޕަރޭޝަން ވަރުގަދަކޮށް ކުންފުންޏަށް ލިބޭ ފައިދާ އިތުރުކުރެވޭނެ ގޮތްތަކެއް ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންނެވެ.