ވިލިމާލޭގައި ފައިބަރު މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ވިލިމާލޭގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ސަރުކާރުގެ އިދާރާތަކުން ހާޒިރެއް ނުވި އެވެ.
ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އެންވަޔަރަންމަންޓް މިނިސްޓްރީއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބޭފުޅުންނަށް ދައުވަތު ދެއްވާފަ އެވެ.
މީގެއިތުރުން އަމިއްލަ ޖަމިއްޔާތަކެއް ކަމަށްވާ ވިލިޖޯލި އަދި ސޭވް ދަ ބީޗްގެ އިތުރުން ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ބައްދަލުވުމަށް ދައުވަތު ދީފައިވެ އެވެ. ސަރުކާރުގެ އިދާރާތައް ނޫން އެހެން ފަރާތްތަކުން ބައްދަލުވުމުގައި ބައިވެރިވެފައިވެ އެވެ.
މިބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފައިބަރު މަސައްކަތާއި ގުޅޭގޮތުން އަމިއްލަ ޖަމިއްޔާތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާއި އަދި ރައްޔިތުންނާއި އެކު އެންމެން އެއްތާކުން ބައްދަލުކޮށް މަޝްވަރާކުރުމަށް ނިންމީ އެންމެން އެއްތަނެއްގައި ތިބެ ހިޔާލުތައް އެއްގޮތް ކޮށްގެން ގޮތްތަކެއް ނިންމަން ކަމަށެވެ.
"މިމައްސަލައިގައި އެންމެންގެ މަސްލަހަތަށް ވިސްނަން. އެގޮތުން މަޝްވަރާކުރަން ޖެހުނު ހުރިހާ މުއައްސަސާއަކާއި ކައުންސިލްގެ ފަރާތުން މަޝްވަރާކޮށްގެން ގޮތްތަކެއް ނިންމާނަންް،" މޭޔަރު ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ބައިވެރިވި އަމިއްލަ ޖަމިއްޔާތަކުގެ ބޭފުޅުންނާއި ފައިބަރު މަސައްކަތް ކުރާ މީހުން ވަނީ އެމީހުންނަށް ފެންނަ ހިޔާލުތަކެއް ހުށަހަޅުއްވާފަ އެވެ.
ވިލިމާލޭގައި ފައިބަރުގެ މަސައްކަތް ކުރިން ކުރަމުން ގެންދިޔައީ އެ އަވަށުގެ ހުޅަނގު ދެކުނު ފަރާތުގަ އެވެ. އެ މަސައްކަތް އަވަށުގެ އިރުމަތި ފަރާތު ބީޗާ ދިމާލަށް ބަދަލުކުރަން މާލެ ސިޓީ ކައުންސިލުން ކުރިން ނިންމީ މާލެ، ވިލިމާލެ ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށް ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތް ސަރުކާރުން ބޭނުންވުމުންނެވެ.
ފައިބަރު އުޅަނދު ބަންނަ ސަރަހައްދު ވިލިމާލޭގެ އިރުމަތި ފަރާތަށް ބަދަލުކުރަން ނިންމި ނިންމުމަށްވެސް ސިޓީ ކައުންސިލުން ފަހުން ބަދަލު ގެނެސްފައިވެ އެވެ. އެގޮތަށް ނިންމީ އިރުމަތި ފަރާތަކީ ވިލިމާލޭގެ އެންމެ ގިނަ ބަޔަކު މޫދަށް އެރޭ ސަރަހައްދަށް ވެފައި އެ ސަރަހައްދުގައި ފައިބަރު މަސައްކަތް ކުރުމަކީ ތިމާވެށްޓަށާއި އާންމު ސިއްހަތަށް ހުރި ގެއްލުމަކަށްވާތީ ބައެއް ފަރާތްތަކުން އިހްތިޖާޖު ކުރަން ފެށުމުންނެވެ.
ވިލިމާލޭގައި ފައިބަރު މަސައްކަތް ކުރާ މީހުންނަށް ދާއިމީ ބިމެއް ލިބެންދެން ވިލިމާލޭގައި ވަގުތީ ހަރުގެއެއް ހަދައިގެން އެތަނުގައި ފައިބަރު މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.