ވާހަކަ

އިޙްސާސްވޭ

( 5 ޖުލައި 2022 އާ ގުޅޭ )

"ޕީއޭ... ބޮސް ކިހިނެއް؟ ވަރަށް ހެންޑްސަމްތަ؟." މަލަކް ވަގުތުން އަހާލިއެވެ.

"ހީ އިޒް އަ ބީސްޓް." ސޯފާގައި ލެނގިލުމާއެކު ކަނދުރާއިން ވާގިދޫކޮށްލައިގެން އޮވެ ނިތްކުރީގައި މާޔަލް އަތް ބާއްވާލިއެވެ.

ކޮޓަރިން ނުކުމެގެން އައި މަޒްހަރު ވެސް ދަރީންގެ ކައިރީ ސޯފާގައި ހަމަޖެހިލައިފިއެވެ. މައިރާގެ އަތުގައި އޮތް މާޔަލްއަށް ވަޒީފާ ހަމަޖެހުނުކަމުގެ ލިޔުން މަޒްހަރު ބަލަން ފެށިއެވެ. ތިން މަސް ވަންދެން މާޔަލްއަކީ ވަގުތީ މުވައްޒަފެއްކަން އޭގައި އެނގެން އޮތެވެ. އާއިލާގެ އެއްވެސް މެންބަރަކު މާޔަލްގެ ވަޒީފާއާ ބެހޭ ގޮތުން ޝައްކެއް ނުކުރިއެވެ. ވެރިޔާގެ ގޭގައި މަސައްކަތް ކުރާންދާނޭ ހިތަށް އަރާނީ ވެސް ކާކު ހެއްޔެވެ. އައިރިކްއާއެކު ވަގުތު ހޭދަކުރުމަކީ އޭނާގެ ސިކުނޑި ވަރުބަލިކުރުވި ކަމަކަށް ވިއެވެ. އޭނާ ފަދައިން ގޮތްދޫނުކުރާ މީހަކަށް މާޔަލް ވާންޖެހުނީމައެވެ. އެކަމަކު ހިތުގައި ފޫހިކަމެއް ނެތެވެ.

ކޮޓަރިއަށް ވަނުމާއެކު މާޔަލް ގަސްދުކުރީ ފެންވަރާލާށެވެ. އޭނާ ފާޚާނާއަށް ވަދެވަދެ ހުއްޓާ ފޯނު ރިންގުވާން ފެށިއެވެ. އެނބުރި އައިސް އެނދުމަތިން ފޯނު ނެގިއެވެ. އިވާން ގުޅީއެވެ. ދެ މީހުން އެކުގައި ރޭގަނޑުގެ ކެއުމަކަށްދާން އޭނާ އެދުނެވެ. ވަރުބަލިވެ ދާހިތް ނެތަސް މާޔަލް އެއްބަސްވިއެވެ. ބޭނުމަކަށްވީ އިވާން ރުއްސާފައި ބެހެއްޓުމެވެ. ކޫސަނި ސުވާލުތަކާއި ޝަކުވާތަކުން މާޔަލްއަށް ލިބޭ ނުތަނަވަސްކަން ކުޑަވާނީ އޭރުންނެވެ. އޮފީހަކަށް ދާކަން އިވާނަށް އެނގިއްޖެނަމަ ޢާއިލާ މީހުން ގޮތެއް އޭނާ ނުވާނޭކަން މާޔަލްއަށް އެނގެއެވެ. ޢާއިލާ މީހުން ނުކުރާހާ ސުވާލު އިވާން ކުރާނެއެވެ. ތަހުގީގީ އޮފިސަރެކޭ އެއްވަރުވާނެއެވެ. މާޔަލް މަސައްކަތްކުރާ އޮފީސް ހޯދާނެއެވެ. އޮފީހަށް ގޮސް އައިސް ހަދަން ޖެހޭނީ އިވާންއާއެކުކަން އޭނާ ބުނާނެއެވެ.

* * * * *

އިނާޔާ ދެއްކި ވާހަކައަށް މައިރާ އެއްވެސް ޖަވާބެއް ނުދިނެވެ. އެ ދެމެދަށް ވަނީ އެވަގުތު ސިޓިންރޫމުގައި އިން ޖާބިރެވެ. އޭނާއަށް ބަދިގެ ތެރޭގައި އިނާޔާއާއި މައިރާއާ ދެމެދު ދެކެވުނު ވާހަކަތައް ސާފުކޮށް އިވުނެވެ.

"މައިރާ. ދަރިފުޅު ދޭ ކޮޓަރިއަށް." ޖާބިރު ތެދުވެގެން އައިސް ކާމޭޒު ކައިރީ ހުއްޓުނެވެ. މައިރާ ގޮސް ކޮޓަރިއަށް ވަންނަންދެން ހުރެފައި ޖާބިރު ބަލާލީ އަނބިމީހާއަށެވެ. ހިތްހަމަނުޖެހިފައި ހުރެ އިނާޔާ ތުންއަނބުރާލީއެވެ.

"މައިރާ ކައިރީ ފައިސާއަށް ކިޔަނީ ކޮންބޭނުމަކު. އެއީ އަހަރެމެންގެ ދަރިއަކާ އިނދެގެން ބޭރުން އައިސް ހުރި ކުއްޖެއް. އޭނާއަކަށް ނުޖެހޭނެ އަހަރެމެންގެ ޚަރަދުތައް ބަލަހައްޓާކަށް." ޖާބިރު ބުންޏެވެ.

"އޭގެ ދެމީހުންނަށް އެވަރަށް ލިބެޔޭ. ގިނައިން ލިބޭއިރު ގެއަށް އިތުރަށް ދޭށޭ ބުނުން އެއީ ގޯހެއްތަ؟. އެމީހުން ވެސް ދިރިއުޅޭ ތަންވިއްޔާ. އަނެއްކާ މީހާރު ކާނެ އަނގަ ވެސް ގިނަވެއްޖެ." ޖާބިރު ދެއްކި ވާހަކައާ މެދު އިނާޔާ ވިސްނާކަށް ވެސް ބޭނުމެއްނޫނެވެ.

"އަހަންނަށް އެނގޭ އިނާޔާ ލާރި ބޭނުންވެގެން ތިއުޅެނީ ކީއްވެކަން. ބަލަ ރޭގަ ވަރުދާ އައިސް ދެއްކި ވާހަކަ އަޑު އެހީމޭ. އޭނާ ޗުއްޓީގަ ޑުބާއީއަށް ދިޔައްޔާ އަހަރެމެންނަށް ދެވޭނެތަ؟. އިނާޔާ ދުވާލު ހަތަރުދަމު ތިހުންނަނީ ގޭގަ. އަހަރެން މާލެ އައިތާ ދެ ދުވަސްވީ. މިގޭތެރޭގައި އިނާޔާ ކުރިކަމެއް ބުނެބަލަ. މަމްދޫހުގެ އަންހެނުންނާ މައިރާއާ ވެގެން ގޭގަ ކުރަން ހުރިއްޔާ ހުރިކަމެއް ކުރަނީ. ގޭގަ އެމީހުންނޫނަސް ދެ އަންހެނުން އެބައުޅޭ. އިނާޔާ ވެސް މަސައްކަތެއް ފަށާބަލަ. އޭރުން އަތުގައި ލާރި ހުންނާނެ. އަހަރެންވާ އިރާދަކުރެއްވިއްޔާ ނުބުނާނަން ލޯލާރިއެއް ވެސް ދޭށޭ. އިނާޔާ ހޯދާއެއްޗެއް އެއީ އިނާޔާގެ އެއްޗެއް. ތިގޮތަށް ދަރީންގެ ދިރިއުޅުން ދަތިކުރާން ނޫޅެ އަމިއްލައަށް މަސައްކަތެއް ކުރެވޭތޯ ބެލުން މާ ރަނގަޅެއްނު. މިހާރު ވެސް އިނާޔާގެ ސަބަބުން ރަޒާގެ ބޮލުގައި އެޅިފައި އޮތް ބޮޑު ލޯނަށް ފައިސާ ދައްކާ ނިމޭނެ ދުވަހެއް އެނގެނީއެއްނޫން. ކާރާ ހެލިކޮޕްޓަރުގައި އުޅޭނެ ފެންވަރު އަހަރެމެންގެ ނެތްއިރު، އެކުއްޖާ ލައްވާ އެއޮތީ ލޯނު ނަގައިގެން ކާރެއް ނަގުވާފަ. މީހަކު އުޅޭހާ ގޮތަކަށް ތިމާގެ ނެތްފެންވަރުގައި ވެސް އުޅޭންޖެހޭތަ. ތި ދެއްކުންތެރިކަން ހުއްޓާލަން ވެއްޖެއެއްނު... އަހަރެން ހުންނަނީ އެއްޗެއް ނުބުނާނަމޭ ހިތާ. އެކަމަކު އިންސާނަކަށް ކެތްވާނީ ވަކިވަރަކަށްތާ. މިހެންވެ ގެއަށް އަންނަން ފޫހި ވަނީ." ކާނާއަތުން ނިތްކުރީގައި ޖާބިރަށް ފިރުމާލެވުނެއެވެ.

"ކަލެއަށް ކޯއްޗެއް ދެވުނީ. ކަލެއަށް ވެގެންވަންޏާ މަށަށް ކުޑަކުޑަ ހިތްހަމަޖެހުމެއް ވެސް ލިބުނަކަށް ނުދޭނެ." އިނާޔާ ހަޅޭލަވައިގަތެވެ.

ކުޑަކޮށް ހުޅިފައި ހުރި ދޮރު ދޭތެރެއިން އޭގެ ދެމަފިރިން ޒުވާބުކުރާތަން ބަލަން އަންހެނަކު ހުއްޓެވެ. އޭނާގެ ތުންފަތުގައިވީ ހީލަތްތެރި ހިނިތުންވުމެކެވެ. އޭނާއަށް އެ ދެމަފިރިންގެ ޒުވާބުން ހިތްހަމަޖެހުން ލިބެމުންދާ ފަދައެވެ. ގޭތެރޭގައި ގިނައިރެއްނުވެ އިނާޔާގެ ހަޅޭކުގެ އަޑު ގަދަވެއްޖެއެވެ. ޖާބިރަކީ ހަޅޭފަޅޭ ޖަހާނޭ މީހެއް ނޫނެވެ. ޒުވާބު ހޫނުވެ ކާމޭޒުމަތިން ތަށްޓެއް އިނާޔާ ހޫރާލުމާއެކު ފާރުގައި ޖެހި ފުނޑުފުނޑިވިއެވެ. ސިއްރުން ބަލަން ހުރި އަންހެން މީހާއަށް ލިބުނު އުފަލަކުން ހިނިތުންވުން ފުޅާވެ ދަތްތައް ފާޅުވާން ފެށިއެވެ. ޖާބިރު ހަލުވިކޮށް ގެއިން ނުކުމެގެން ދިޔަ ގޮތުން ހީވީ އަތުންފައިން ގޯހެއް ހެދިދާނޭތީ ނުކުމެގެން ދިޔަ ހެންނެވެ. އެ އަޑުފަށްގަނޑަށް މައިރާ ނުކުތެވެ. އޭނާ ފެނި ހަނިދޭތެރެއަކުން ބަލަން ހުރި އަންހެނާގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ފޫހިކަމާއެކު ކުދިކިޔަމުން އޭނާ އަވަހަށް ދޮރުލެއްޕީއެވެ.

"ކިހިނެއްވީ؟." ތަޅުންމަތިން ބިއްލޫރިކޮޅުތައް ނަގައި އެތަން ސާފުކޮށް ހިންދެމިލި މައިރާގެ ކައިރީ ލިޔުޝާ އައިސް ހުއްޓިލިއެވެ. އޭނާ ހުރީ އެތަނުގައި ހިނގައިދިޔަ ކަންތައް އޮޅުންފިލުވާން ބޭނުންވެފައިވާ ފަދައިންނެވެ. މޫނުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.

"މަންމަގެ ރުޅި ހުންނަ ގޮތް އެނގެއެއްނު. ދޮންބެދައްތައާ ހަމައަށް އަޑެއް ނުދޭތަ؟. މި އިމާރާތުގައި އުޅޭ އެންމެންނަށް މިރޭ އިވޭނެ މަންމަގެ އަޑު." ގަޔާނުވެ ހުރެ މައިރާ ބުންޏެވެ.

"ލަމް ގައިދޮއްވާލަން ފާޚާނައިގަ އުޅުނީ. ކޮއްކޮ އައިސް ބުނީ ގޭތެރޭގަ މައްސަލަ ގޯސްވެއްޖެޔޭ. އެހެންވެ އަވަހަށް މިނުކުތީ. ކޮންކަމަކާ މިފަހަރު ޒުވާބުކުރީ." ލިޔުޝާ ހާސްވެފައި ހުރެ ވާހަކަދެއްކިއެވެ.

"އެއީ ދެން މަންމަގެ ޔޫޝުއަލްއެއްނު. އެހާ ދުވަސްކޮށްފަ ބައްޕަ އެ އަންނަނީ. އަބަދު ޒުވާބުކުރަންޏާ ފޫހިވާނެ ދޯ. އަޅާނުލާ... ލަމް ނިދީތަ؟." މައިރާ އިތުރަށް އިނާޔާމެންގެ ވާހަކަ ދައްކަން ބޭނުންނުވީއެވެ.

"ސުލްތާނާ އެބައޮތް އޭނާ ނިންދަވަން. އަޑުފަށްގަނޑު ގަދަވީމަ ނުހުރެވިގެން މިއައީ. ކޮބާ ރަޒާ؟. ގޭގަ ނެތީތަ؟" ލިޔުޝާ ބުންޏެވެ.

"އަހަރެން ގެއަށްލާފަ އޭނާވީ ރައްޓެއްސެއް ކައިރިޔަށް ގޮސް. އަހަރެމެން ކައިގެން މިއައީ. މާއްކޮއަށް ޖޮބެއް ލިބިގެން މަންމަ ގުޅީމަ އެކޮޅަށް ގޮސްފަ މިއައީ." މައިރާ ބުންޏެވެ. އޭނާ ސިންކު ދޮށުން އަތްދޮވެލައިގެން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

* * * * *

އައިތަންއާއެކު މާޔަލް އައިސް ލާލުގޭގެ ބޮޑުކޮޓަރިން ވަނެވެ. ކާކޮޓަރީގައި ތިބި ޝަބްނަމްއާއި އިސާކުއާ ސަލާމް ބަދަލުކުރިއެވެ. ހެނދުނުގެ ނާސްތާގައި އެމީހުންނާއެކު ބައިވެރިވާން އެދުމުން އެކަމާ މާޔަލް އުޒުރުވެރިވިއެވެ.

"އަޅުގަނޑު... އައިރިކް ސަރއާ އެކީ ސައިބޯންކަމަށް. އެކަނި އިނދެ ސައިބުއިމަށްވުރެ ރަނގަޅުވާނޭހެން ހީވާތީ." މާޔަލްގެ ޚިޔާލު ފާޅުކުރިއެވެ. ޝަބްނަމްގެ މޫނުން ހައިރާންކަން ފާޅުވިއެވެ. ނަމަވެސް ނިކަން އަވަހަށް އޭނާ ހިނިތުންވެލިއެވެ.

"ރަނގަޅު ޚިޔާލެއްތީ. ރިކް ހޭލާ އުޅޭހެން ހީވަނީ. މާޔާ ދާންވީނު... ސައި ހިފައިގެން ފަޒްނާ ދާނެ." އިސާކު ބުންޏެވެ.

ހުއްދައަކަށް އެދޭ ފަދަ ބެލުމަކުން މާޔަލް އައިތަންއަށް ބަލާލިއެވެ. އޭނާ ހީކުރީ އައިތަން އަންނާނޭ ކަމަށެވެ. ނަމަވެސް އައިތަން ބޯޖަހާލީއެވެ. ދެން އޭނާގެ މަންމަގެ ގާތުގައި ކާމޭޒުދޮށުގައި އިށީނީއެވެ. މާޔަލް މަޑުމަޑުން ކާކޮޓަރިން ނުކުމެގެން އައިރިކްގެ ކޮޓަރިއާ ދިމާއަށް އައެވެ. ހުޅުވާފައި ހުރި ދޮރު ފެނުމާއެކު އައިރިކް ހޭލާ އުޅޭކަން ޔަގީންވިއެވެ. ސިއްރުސިއްރުން އެބަޔަށް މާޔަލް ވަނެވެ. އައިރިކް ފެންނާކަށް ނެތެވެ. ދިމާކުރިމަތިން މަސްފެންގަނޑާ ދިމާއަށް ނުކުންނަން ހުރި ދޮރު ހުޅުވާފައި ހުއްޓެވެ. މާޔަސް އައިސް ދޮރާ ހަމަވީއިރު މަސްފެންގަނޑު ކައިރީ ހުއްޓިލައިގެން ހުރި އައިރިކް ފެނިއްޖެއެވެ.

"މާ..ޔާ..." ހިތާހިތުން އައިރިކް ކިޔާލިއެވެ. ފުންނޭވާއެއް އޭނާ ދޫކޮށްލިއެވެ. ރޭގައި އޭނާއަށް ނިދާކަށް ފަސޭހައެއް ނުވިއެވެ. ދެއަތަށް ފުރޮޅި ވަރުބަލިވެގެން އޭނާ އެނދުން ތެދުވީއެވެ. މަސްފެންގަނޑު ހަދާފައި އޮންނަ ދިމާލަށް ނުކުންނަން ހުރި ދެފަރާތަށް ހުޅުވޭ ދޮރުފަތުން އެއްބައި ހުޅުވާލިއެވެ. ދޮރުކަނީގައި އަރިއަކަށް ޖެހިލައިގެން އޭނާ މަޑުކޮށްލިއެވެ. ގަޑިތަކުންވީ ކިހާއިރެއްކަމެއް އޭނާއަކަށް ނޭނގެއެވެ. މުޅިގެ އެ ގަޑީގައި ނިދާފައިކަން އޮތީ އެނގެއެވެ. މަސްފެންގަނޑުން ފެންއޮހޭ އަޑެއް ވެސް ނީވެއެވެ. އޭގެ ޕަމްޕު ނިވާލާފައި ހުރީއެވެ. އެހެންވެ ވަށައިގެންވަނީ ފުން ހިމޭންކަމެވެ. އެގޮތުގައި މާޔާގެ ޚިޔާލުގައި އޭނާ އެތައް އިރަކު ހުއްޓެވެ. އެނބުރި ކޮޓަރިއަށް އައިސް އެނދުގައި އޮށޯވެލައިގެން އޮތީ ދެން ވެސް ނިދޭތޯއެވެ. ލޯ މެރުނުތަނާހެން އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން ގަޑިންވީއިރު ފޯނުން ގޮވާލައިފިއެވެ. އިރުކޮޅަކުން މާޔާ އަންނާނޭކަން އޭނާއަށް އެނގެއެވެ. އެ އަންހެންކުއްޖާ އޭނާގެ ޚަބަރެއް ނުވެއްޖެނަމަ ކޮޓަރިއަށް ވަދެ އެނދުން ވައްޓާލަފާނެއެވެ. އެހެން ހިތަށް އެރުމާއެކު އައިރިކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ އިޚްތިޔާރަކާ ނުލައެވެ.

"ކީއްވެ އެ އަންހެންކުއްޖާމެދު ޚިޔާލު ކުރެވެންވީ. އޭނާއަށް މާޔާ ވާނީ ކިހިނެއް..." ހިއްލާލެވުނު ވައަތުން ބޮލުގައި އަތްފުނާ އަޅާލަމުން އަމިއްލަ ހިތާ އައިރިކް ވާހަކަދެއްކިއެވެ.

"ބޮސް... ގުޑްމޯނިން." އެއްއަތް ޖީންސުގެ ޖީބަށް ޖަހާލައިގެން ހުރެ އަނެއް އަތުން ބޮލުގައި އަތްފުނާ އަޅާލީ ގޮތުން މާޔަލް ހީކުރީ އޭނާ އައިސް ހުރިކަން އައިރިކްއަށް އެނގުނީ ކަމަށެވެ. އެހެންވެ އަވަސް އަވަހަށް ހެނދުނުގެ ސަލާމްކޮށްލީއެވެ. އައިރިކް އަޑު އިވޭ ކަމަށް ނުހެދި ނަމަވެސް އޭނާގެ ތުންފަތް ދެމިލިއެވެ. އެހާމެ އަވަހަށް އެ އަސަރު މޫނުން ފަރުދާ ވެސް އޭނާ ކޮށްލައިފިއެވެ. މާޔަލް ކިތަންމެ ސިއްރުން ފިޔަވަޅު އެޅިޔަސް އެ އަންހެންކުއްޖާ އައިރިކްއާ ގާތަށް އަންނަކަން އޭނާ ދެނަހުއްޓެވެ.

"ޕޮއް..." އައިރިކްގެ ކައިރީ ހުއްޓިލުމާއެކު މާޔަލް ކުއްލިއަކަށް ތަންކޮޅެއް ބާރަށް ހަޅޭލަވައިގަތެވެ.

"މޮޔަވީތަ؟." ދެއަތްއުރާލުމާއެކު މާޔަލް ހުރި ދިމާއަށް ކުޑަކޮށް އެނބުރިލަމުން އައިރިކް ބުނެލިއެވެ. އެހެންވިޔަސް އޭނާއަށް އެތެރެއެތެރެއިން ހުނުންގަނޑު ނުހިފެއްޓުނެވެ. އަވަސްއަވަހަށް މާޔަލްއަށް ފުރަގަސްދީ އައިރިކް ހިނގައިގަތެވެ.

"ސިއްސުވާލީމާ ޝޮކާއެކު އަލުން ފެނުމަކީ ވެދާނެ ގޮތެއްނު... ސިއްސުވާލީމާ އުކުޑި ވެސް ފިލަނީނު." މާޔަލް ވާހަކަދައްކަމުން އައިރިކްގެ ފަހަތުން އައެވެ. އެ ވާހަކަތައް އަހާފައި އައިރިކްއަށް މުއްކަވާލެވުނު އަތްތިލަ ގެނެސް އައިގަ ޖައްސާލެވުނެވެ. މި އަންހެންކުއްޖާ ދުވަހަކުވެސް އޮފީހެއްގައި މަސައްކަތް ނުކުރާކަން އޭނާ އުޅޭ ގޮތުން އައިރިކްއަށް ޔަގީންވެއެވެ. އެހެންނޫނީ ވެރިމީހާއާ އެފަދަ ޚިޔާލެއް ފިކުރެއް ނެތްފަދައަކުން ވާހަކަދައްކައި އަމުރުކުރާން ކެރޭނީ ކާކަށް ހެއްޔެވެ. ރުޅި އަންނަން ބޭނުންވިޔަސް އެކަން އުދަނގޫ ކަމަކަށް އައިރިކްއަށް ވެއްޖެއެވެ.

"އިޑިއަޓް... މަށަށް އޭރުވެސް އެނގުނު ކަލޭތީ ހަމަމީހެއްނޫންކަން." އައިރިކް ބުނެލިއެވެ.

"އައި އޭމް ނޮޓް ކްރޭޒީ ޕާސަން. ބަލާބަލަ ތިމާ މީހާ ހުރިގޮތް. ފެންނައިރަށް ބުނާނެ މެންޓަލް ކޭސްއެކޭ. ފެންވެސް ވަރަހާހެން ހިޔެއްނުވޭ." މާޔަލް ކުއްލިއަކަށް އަޑަށް ބާރުލާފައި ވާހަކަދެއްކިއެވެ. އަމިއްލަ މީހާ ދިފާއުކުރާން އުޅޭހެންނެވެ.

"އާގް... ވިލް ޔޫ ޝަޓް އަޕް." އައިރިކް ބުނެލިއެވެ.

"ނިދިން ހޭލެވޭއިރު ވެސް ހުންނަނީ ރުޅިއައިސްފަ ދޯ. އަބަދު ރުޅި އަންނަ މީހުން އަވަހަށް މުސްކުޅިވާނެ. ލުކް އެޓް ޔޫ... ޔަންގް ބޮސްއަކާއެކު މަސައްކަތްކުރާ ހިތުން އަންހެންކުދީން މޮޔަވާނެ. ހެންޑްސަމް ބޮސްއަކާއެކު އަހަރެން ކަހަލަ ރީތި ޕީއޭއެއް... ވާ!... ކިހާ ފުރިހަމަވާނެ... އެކަމަކު ކީއްކުރާނީ. އަހަރެން މިހާ ނަސީބުދެރަވާނޭ ހިޔެއްނުކުރަން. ދެން އޯކޭ... ހަފްތާއެއްވާން އުޅޭއިރު އަދި މަސައްކަތެއް ކުރާކަށް ނުޖެހޭ. އެގޮތުން ވަރަށް ފަސޭހަ ޖޮބެއް މީ. އިޓްސް ނޮޓް މައި ފޯލްޓް. ކަންނެތް ބޮސްއަކާއެކު މިހާ ފަސޭހަގައި އުޅޭން އާދަވެދާނެތީ ބިރުގަންނަނީ. މީ އުޅެންވާނޭ ގޮތެއްނޫންވިއްޔާ." މާޔަލް ގަސްދުގައި ހުއްޓާލަން ބޭނުންނުވާ ކަހަލައެވެ. ބޮލަށް އުނދަގޫވެފައި ހުރި ފަދައަކުން އައިރިކް އޭނާގެ ނިތްކުރިއާއި ނޭފަތާ ގުޅިފައިވާ ހިސާބުގައި ހިފަހައްޓާލިތަން މާޔަލް ދުށްޓެވެ.

"މާ..ޔާ..." ކުއްލިއަކަށް އެނބުރިލި ގޮތަށް އައިރިކް ހިފީ މާޔަލްގެ މުލައްދަނޑީގައެވެ. އައިރިކްގެ ހަރަކާތުން މާޔަލް ދިޔައީ ސިއްސައިގެންނެވެ. އޭރު އޭނާގެ މޫނާ މޫނު ޖެހޭހާ ހިސާބުގައި އައިރިކްގެ މޫނުވިއެވެ. ދެ ލޯ ބޮޑުކޮށްލައިގެން އައިރިކްއަށް ބަލަން މާޔަލްއަށް ހުރެވުނީއެވެ. އޭނާގެ މޫނަށް އައިރިކްގެ ހޫނު ނޭވާ އިޙްސާސް ކުރެވެއެވެ.

"ވައި... ވައި އާ ޔޫ ލައިކް ދިސް." އައިރިކްގެ ނިތްކުރިމައްޗަށް އެއްވެސް ތަރުތީބެއް ނެތި ވެރިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލަމުން މާޔަލް އަހާލީ ނިކަން މަޑުމައިތިރިކޮށެވެ. އެހިނދު އައިރިކްގެ ދެބުމަ ކައިރިކޮށްލިއެވެ. އެ ދެ ލޮލުން އެކަނިވެރިކަން ފާޅުވެލިހެން މާޔަލްއަށް ހީވިއެވެ. ނަމަވެސް އޭނާއަށް އެ އަސަރުތައް ތަރުޖަމާ ކުރާނޭ ފުރުޞަތެއް އައިރިކް ނުދިނެވެ. އޭނާ މާ ހުސިޔާރެވެ. ޖަޒުބާތުތައް ފަރުދާކުރަނީ ކުޅަދާނަކަމާއެކީއެވެ. މާޔަލްގެ މުލައްދަނޑިން އައިރިކް މަޑުމަޑުން ދޫކޮށްލިއެވެ. ނަމަވެސް އޭނާގެ އަތް ދުރަކަށް ނުލިއެވެ. މުލައްދަނޑިން ފެށިގެން ތިރިއަށް އައިރިކްގެ އިނގިލިތައް ގެނައިއިރު އެ ބީހުމުން މާޔަލްގެ ހަށިގަނޑުގައި ތަފާތު ހީލިކެރުމެއް އިޙްސާސްވަމުންދިޔައެވެ. މާޔަލްގެ ވައަތްތިލައިގަ ހިފާލުމާއެކު އެ އަތް އުފުލާލައި އައިރިކްގެ މޫނާ ކައިރިކޮށްލިއެވެ. އަތުގެ އެތެރެ ފަރާތުން ކުޑަހުޅާ ހިސާބުގައި އައިރިކް ނޭފަތް ޖައްސާލިއެވެ. އެހިނދު ނޭފަތާއެކު އޭނާގެ ތުންފަތް ވެސް މާޔަލްގެ އަތުގައި ބީހިލައިފިއެވެ.

"ވައި... ޔޯ ސްމެލް... އައި ޑޯންޓް ލައިކް... އިޒް ދިސް ސަމް ކައިންޑް އޮފް ފެރެމޯންސް... މާޔާ! ޔޫ އާ މެސިން ވިތް މައި ހެޑް..." އައިރިކްގެ އަޑު މާޔަލްއަށް އިވެނީ ކިރިޔާއެވެ. އޭނާ ދައްކަމުންދިޔަ ހުރިހާ ވާހަކައެއް މާޔަލްއަށް ފަހުމެއް ވެސް ނުވިއެވެ. އައިރިކްގެ އަތުގެ ތެރެއިން އޭނާ އަތް ދަމައިގަތެވެ.

"ބޮސް... ޔޫ އާ ކްރޮސިންގް ދަ ލައިން... ސްޓޮޕް ބީން އަ ޕަވާޓް. އޯ އައި ވިލް ރިޕޯޓް ޔޫ ފޯ މޮލެސްޓިން." އައިރިކްގެ މޭގައި ޝަހާދަތް އިނގިލި ޖައްސާލުމާއެކު މަޑުމަޑުން ކޮށްޕާލަމުން މާޔަލް އިންޒާރެއް ދިނެވެ.

އައިރިކް އެނބުރިލުމާއެކު އެތަނުގައި ހުރި ގޮނޑި ހޯދައި އިށީނެވެ. މާޔަލްއަށް ޖަވާބެއްދިނުން އައިރިކްއަށް މުހިންމެއް ނުވިއެވެ. އޭނާގެ ސިކުނޑިއާއި އަމިއްލަ ނަފްސު ހަމައަކަށް އެޅޭން ވަގުތު ބޭނުންވިއެވެ. މާޔަލްގެ އިންޒާރުގައި ނުރައްކާތެރިކަމެއް ނެތްކަން އައިރިކްއަށް އެނގެއެވެ. އެ އިންޒާރުގައި ލޯބިވެތި ގޮތެއް ހުރިހެން އައިރިކްއަށް ހީވާންވީ ކީއްވެކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. ހުރި ފިޔަވަޅު މަތީ ގުޑައިލަން ނޭނގިފައި މާޔަލް ބަލަން ހުރިކަން އައިރިކްއަށް އިޙްސާސް ކުރެވެއެވެ. އެ ދެ ލޮލުގައިވާނޭ އަސަރުތައް ހިތަށް ސިފަކުރެވޭތޯ އޭނާ ބެލިއެވެ.

އައިރިކްއަށް ބަލަން ހުރި މާޔަލްއަށް މަޑުމަޑުން މޭގައި އަތް ޖައްސާލެވުނެވެ. މޭގައި ހިތް ބާރަށް ތެޅެނީއެވެ. ކަރުގައި އެއްޗެއް ތާށިވެފައި ހުރިފަދަ އިޙްސާސެއް ކުރެވޭތީ އޭނާއަށް ހިންދިރުވާލެވުނެވެ. ހަޤީޤަތުގައި ވެސް އޭނާ އެ ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އޭނާ ބިރުގަންނަވާލަން އައިރިކް ކުރި ކަމެއްބާއޭ މާޔަލް ހިތަށް އެރިއެވެ.

"ކިހިނެއްވީ؟. ވާހަކަ ހުސްވީތަ؟." ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު އައިރިކް ބުނެލީ ސަމާސާގެ ރާގުގައެވެ. (ނުނިމޭ)