މާލޭގެ އަމީނީ މަގުގައި ތާރުއެޅުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ސަރުކާރުން ހަވާލުކުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސިވިލް ކޯޓަށް ހުށަހަޅަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލްގެ ރަސްމީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންނެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ސިޓީ ކައުންސިލާއި އާރްޑީސީއާ ދެމެދު ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ ގޮތުން އަމީނީ މަގަކީ ތާރު އަޅައިގެން 39 މިލިއަން ރުފިޔާއަށް ހެދެން އޮތް މަގެއް ކަމަށެވެ.
ނަމަވެސް އަމީނީ މަގު ހެދުމަށް ސަރުކާރުން އާރްޑީސީއާ އެކު ވަކި އެއްބަސްވުމެއް ހަދާ އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 84 މިލިއަން ރުފިޔާ އަށެވެ. އެހެންވެ އާރްޑީސީއާ އެކު ސަރުކާރުން ސޮއި ކުރި މިމަޝްރޫއުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް މޭޔަރު މުއިއްޒު ވަނީ ތުހުމަތުވެސް ކުރައްވާފަ އެވެ.
"ދެން މިއަށް ކިޔާނީ ކޮރަޕްޝަން ނޫން ވަކި ކޮން އެއްޗެއްތޯ. ހަމަ އިސްރާފެއް ނޫންތޯ މިކުރަނީ،" މުއިއްޒު ވިދާޅުވި އެވެ.
އަމީނީ މަގު ހެދުމަށް ސަރުކާރުން އާރްޑީސީއާ އެކު ސޮއި ކުރި އެއްބަސްވުމުގެ މައްސަލަ އޭސީސީއާއި ހުށަހެޅުމަށް ސިޓީ ކައުންސިލުން ނިންމީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް އުޅޭތޯ ޔަގީންކުރުމަށެވެ. އަދި އެއްބަސްވުމުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކައުންސިލުން ނިންމީ މާލޭގެ މަގުތައް ހެދުމަށް ކައުންސިލާއި އާރްޑީސީއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ސައްހަކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުންނެވެ.
މާލެ ސިޓީގެ ކައުންސިލަރުން ގަބޫލުކުރައްވާ ގޮތުގައި ވަކިން އަމީނީ މަގު ހެދުމަށް ސަރުކާރުން އާރްޑީސީއާ އެކު އެއްބަސްވުމެއް ހެދުމަކީ މާލެ ސިޓީ ކައުންސިލާއި އާރްޑީސީއާ ދެމެދު މާލޭގެ މަގުތައް ހެދުމަށް ކުރިން ސޮއި ކުރި އެއްބަސްވުން ބާތިލްވުން ފަދަ އަމަލެކެވެ. އަދި ކުރިން ހެދި އެއްބަސްވުން ބާތިލް ކަމަށް ސަރުކާރުން އެންގި ކަމަށްވެސް ބައެއް ކައުންސިލަރުން ވިދާޅުވެ އެވެ. އެގޮތަށް އެކަން ގޮސްފައިވާނަމަ ކުރީގެ އެއްބަސްވުން ބާތިލްކޮށްފައިވަނީ ލާމަރުކަޒީ ގާނޫނާއި މާލިއްޔަތު ގާނޫނާ އަދި ކޮންޓްރެކްޓާ ބެހޭ ގާނޫނާ ވެސް ހިލާފަށް ކަމަށް ބައެއް ކައުންސިލަރުން ގަބޫލުކުރައްވަ އެވެ.
އަމީނީ މަގުގައި ތާރުއެޅުމަށް ސަރުކާރުން އާރްޑީސީއާ ހަވާލުކުރި މައްސަލަ ރައީސް އޮފީހައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމީޓިއަށް ވެސް ހުށަހެޅުމަށް ކައުންސިލުން ވަނީ ނިންމާފަ އެވެ.
ސަރުކާރުން އިއްޔެ ބުނީ މާލޭގެ އަމީނީ މަގު ހެދުމަށް ވަކި މަޝްރޫއެއްގެ ގޮތުގައި އާރްޑީސީއާ މަސައްކަތް ހަވާލުކުރީ ސިޓީ ކައުންސިލުން އެ މަގު ހަދަން މަސައްކަތް ނުކުރާތީ ކަމަށެވެ.