ބޮރިސް ޖޯންސަން

ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވަން އެއްބަސްވެއްޖެ: ރިޕޯޓްތައް

އިސްތިއުފާދީފައި މަގާމު ދޫކޮށްލަން ބަޔަކު ކިތަންމެ ވަރަކަށް ގޮވި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައިވާ ކަމަށް ދުނިޔޭގެ ބޮޑެތި ނިއުސް އެޖެންސީތަކުން ރިޕޯޓް ކޮށްފި އެވެ.

ބޮރިސް ޖޯންސަން ސަރުކާރުގެ ނުފޫޒުގަދަ ދެވަޒީރުން -- ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު އާއި މާލީ ވަޒީރު ރިޝީ ސުނަކް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޖޯންސަން ސަރުކާރަށް ބައިއެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވި މެމްބަރުގެންގެ އަދަދު، ދެ ވަޒީންރުން ހިމެނޭ ގޮތުން މިހާރު ވަނީ 44 އަށް އަރާފަ އެވެ.

އިނގިރޭސި އިދިކޮޅު ޕާޓީތަކުން ޖޯންސަންއަށް އެތައް ކަމެއްގައި ދަނީ ޕްރެޝަރު ކުރަމުންނެވެ. އިނގިރޭސިވިލާތް ފަދަ ގައުމެއްގެ ސަރުކާރުގައި ބައިތިއްބައިގެން ނުވާ ވަރުގެ އަޚުލާގު ދަށް މެމްބަރުންގެ ހިމާޔަތުގައި ބޮޑުވަޒީރު ވާހަކަދެއްކެވުމަކީ ވެސް މައްސަލަ ބޮޑުވާން ދިމާވި ސަބަބެކެވެ.

ބޮރިސް ޖޯންސަންއާ ވަރަށް ގާތް އަދި ސަރުކާރުގެ އިސް ބައެއް ވަޒީރުންނާއި ގާނޫންހަދާ މަޖިލީހުގެ މެމްބަރުން ވެސް ވަނީ މަގާމު ދޫކޮށްލެއްވުމަށް ބޮޑުވަޒީރަށް ދަންނަވާފަ އެވެެ.

ރިޕޯޓްތައް ބުނާ ގޮތުން މަގާމުގައި ހުންނެވުމަށް ގަދަ ދެއްކެވުމަށް ފަހު ބޮޑުވަޒީރު، ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވަން މިހާރު އެއްބަސްވެވަޑައިގެންފައެވެ. އަދި މިއަދުގެ ކޮންމެވެސް ވަގުތެއްގައި ބަޔާން ނެރުމަށް ލަފާކުރެވޭ ކަމަށް މަސްދަރުތަކުން ބުނެއެވެ.