ބޮރިސް ޖޯންސަން

ބޮރިސް ޖޯންސަން އިސްތިއުފާ ދެއްވައިފި

އިސްތިއުފާދީފައި މަގާމު ދޫކޮށްލަން ބަޔަކު ކިތަންމެ ވަރަކަށް ގޮވި ނަމަވެސް އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު އިނގިރޭސި ބޮޑުވަޒީރު، ބޮރިސް ޖޯންސަން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ބޮރިސް ޖޯންސަން ސަރުކާރުގެ ނުފޫޒުގަދަ ދެވަޒީރުން -- ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު އާއި މާލީ ވަޒީރު ރިޝީ ސުނަކް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ޖޯންސަން ސަރުކާރަށް ބައިއެޅުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވިދާޅުވެ، އިސްތިއުފާ ދެއްވި މެމްބަރުގެންގެ އަދަދު، ދެ ވަޒީންރުން ހިމެނޭ ގޮތުން މިހާރު ވަނީ 50 އަށް އަރާފަ އެވެ.

އިނގިރޭސި އިދިކޮޅު ޕާޓީތަކުން ޖޯންސަންއަށް އެތައް ކަމެއްގައި ދިޔައީ ޕްރެޝަރު ކުރަމުންނެވެ. އިނގިރޭސިވިލާތް ފަދަ ގައުމެއްގެ ސަރުކާރުގައި ބައިތިއްބައިގެން ނުވާ ވަރުގެ އަޚުލާގު ދަށް މެމްބަރުންގެ ހިމާޔަތުގައި ބޮޑުވަޒީރު ވާހަކަދެއްކެވުމަކީ ވެސް މައްސަލަ ބޮޑުވާން ދިމާވި ސަބަބެކެވެ.

ބޮރިސް ޖޯންސަންއާ ވަރަށް ގާތް އަދި ސަރުކާރުގެ އިސް ބައެއް ވަޒީރުންނާއި ގާނޫންހަދާ މަޖިލީހުގެ މެމްބަރުން ވެސް ވަނީ މަގާމު ދޫކޮށްލެއްވުމަށް ބޮޑުވަޒީރަށް ދަންނަވާފަ އެވެެ.

މަގާމުގައި ހުންނެވުމަށް ގަދަ ދެއްކެވުމަށް ފަހު ބޮޑުވަޒީރު، ބޮރިސް ޖޯންސަން އިސްތިއުފާ މިހާރު ވަނީ އިއުލާނު ކުރައްވާފައެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ޕާޓީން އާ ލީޑަރަކު ހޮވަންދެން އެ މަގާމުގައި ދެމިހުންނަވާނެ ކަމަށެވެ.

ޖޯންސަން ވިދާޅުވީ އަންނަ ހަފްތާގެ ނިޔަލަށް އޭނާ ކަންކަން ކުރައްވާނެ ގޮތުގެ ތާވަލެއް ކަނޑައަޅާނެ އެވެ. ނަމަވެސ އެއަށް ވުރެ އަވަހަށް ޕާޓީގެ ލީޑަރު ކަމުންވެސް ދުރަށް ވަޑައިގަތުމަށް ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުން އެދިވަޑައިގަންނަވަ އެވެ.