ދުނިޔެ

ޝެއިހާ ލަތީފާ ދިރި ހުންނެވިކަން ޔޫއޭއީން އަންގައިދޭން އެދެފި

ޝެއިޚާ ލަތީފާ ދިރިހުންނެވިކަން އެނގެން ބޭނުންވާ ކަމަށް އިނގިރޭސިވިލާތުން ބުނެފި އެވެ. ޔޫކޭއިން ބުނީ ޕްރިންސަސް ލަތީފާ ދިރިހުންނެވިކަން ސާބިތު ކުރުމަށް ހެކި ދެއްކުމަކީ ޔޫއޭއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޕްރިންސަސް ލަތީފާއަކީ ޔޫއޭއީގެ ނައިބުރައީސް އަދި ބޮޑުވަޒީރު، ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަރިކަނބަލުންނެވެ. އެކަމަނާ ދުނިޔޭގެ ސަމާލުކަށް ހޯއްދަވާފައި ވަނީ ފެބްރުއަރީ 2018 ގައި ދުބާއީން ފިއްލަވަން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ، އެކަމަކު، އެކަމަނާ ފިއްލަވަން ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ޔޫއޭއީ ސިފައިން ވަނީ އެކަމަނާ ހައްޔަރުކޮށް އަނބުރާ ޔޫއޭއީއަށް ގެންގޮސްފަ އެވެ.

ޕްރިންސަސް ލަތީފާއާ މެދު ދުނިޔެ މިހާރު ކަންބޮޑު ވެގެން އުޅެނީ އެކަމަނާގެ ހާލަތު ބަޔާން ކުރައްވައި ބީބީސީއާ ހިއްސާކުރި ވީޑިއޯއެއްގެ ސަބަބުންނެވެ. އެ ވީޑިއޯގައި ލަތީފާ ވިދާޅުވަނީ އެކަމަނާ ހުއްނެވީ ހައްޔަރުކޮށްފައި ކަމަށާއި މިނިވަންކަން ގެއްލިވަޑައިގެން ޖާނާމެދު ބިރުފުޅުހީވެފައިވާ ކަމަށެވެ.

ވީޑިއޯއާ ގުޅިގެން އދ. އިން ވެސް ވަނީ ޕްރިންސަސް ލަތީފާ 35، ގެ ހާލަތާ މެދު ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. އަދި އެކަމުގައި އޮތް ނުތަނަވަސްކަން ޔޫއޭއީއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވިދާޅުވީ ވީޑިއޯގައި ޝެއިޚާ ލަތީފާ ދައްކަވަނީ ކަންބޮޑުވެވަޑައިގަންނަވާ ވާހަކަތަކެއް ކަމަށެވެ. ޔޫއޭއިން ރަނގަޅު ޖަވާބެއް ދޭންޖެހޭ ކަމަށާއި ޒުވާން އަންހެނަކު އެހާ ނުތަނަވަސްކަމުގައި ނުގެންގުޅުމަށް އެދިވަަޑައިގަންނަވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ވަނީ އެކަމަނާއާ ދުނިޔެ އަޅާލައްވަން ޖެހިފައިވާ ކަމަށް ވިދާޅުވެ އދ އިން މައްސަލައިގެ ތެރެއަށް ވަދެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެކަމަނައާ މެދު ކަންކުރެވެމުންދާ ގޮތް ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ.