ދުނިޔެ

ޝެއިހާ ލަތީފާގެ ހާލު ރަނގަޅު، އުޅުއްވަނީ އާއިލައާއެކު ގޭގައި

ޝެއިހާ ލަތީފާގެ ހާލަތާ މެދު ކަނބޮޑުވާ ކަމަށް ބުނެ އދ. އިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެކަމަނާ ދިރި ހުރިކަން ސާބިތު ކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ލަންޑަންގައި ހުންނަ ޔޫއޭއީ އެމްބަސީން ބަޔާނެއް މެދުވެރިކޮށް ބުނި ގޮތުން ޕްރިންސަސް ލަތީފާ އުޅުއްވަނީ އާއިލާއާއެކު އަމިއްލަ ގޭގަ އެވެ. އެކަމަނާއަށް އާއިލާ މެންބަރުން އަޅައިލަ އެވެ. އަދި ސިއްހީ އެހީތެރިންގެ އިރުޝާދު ވެސް އެކަމަނާ ބޭނުންފުޅު ވަގުތެއްގައި ލިބެ އެވެ. އުންމީދަކީ ކައިރި މުސްތަގުބަލެއްގައި އެކަނަމާ އާންމު ދިރިއުޅުމަށް ރުޖޫއަވުން ކަމަށް އާއިލާއާ ހަވާލާ ދެއްވައި އެމްބަސީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޝެއިހާ ލަތީފާއާ މެދު ދުނިޔެ މިހާރު ކަންބޮޑު ވެގެން އުޅެނީ އެކަމަނާގެ ހާލަތު ބަޔާން ކުރައްވައި ބީބީސީއާ ހިއްސާކުރި ވީޑިއޯއެއްގެ ސަބަބުންނެވެ. އެ ވީޑިއޯގައި ލަތީފާ ވިދާޅުވަނީ އެކަމަނާ ހުއްނެވީ ހައްޔަރު ކޮށްފައި ކަމަށާއި މިނިވަންކަން ގެއްލިވަޑައިގެން ޖާނާމެދު ބިރުފުޅުހީވެފައިވާ ކަމަށެވެ.

ސެއިޚާ ލަތީފާ 35، އަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަރިކަނބަލުންނެވެ. އެކަމަނާ ދުނިޔޭގެ ސަމާލުކަށް ހޯއްދަވާފައި ވަނީ ފެބްރުއަރީ 2018 ގައި ދުބާއީން ފިއްލަވަން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ. އެކަމަކު، އެކަމަނާ ފިއްލަވަން ކުރެއްވި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. ޔޫއޭއީ ސިފައިން ވަނީ އެކަމަނާ ހައްޔަރުކޮށް އަނބުރާ ޔޫއޭއީއަށް ގެންގޮސްފަ އެވެ.